ވެމްކޯއިން ކުރަނީ ޖެއްސުން، ކޯޓަށް ދާނެ ކަމުގެ އިންޒާރު މޭޔަރު ދެއްވައިފި

ވެމްކޯއިން ކުރަނީ ޖެއްސުން، ކޯޓަށް ދާނެ ކަމުގެ އިންޒާރު މޭޔަރު ދެއްވައިފި

ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސިޓީ ކައުންސިލަށް "ޖެންސުން" ކުރާކަމަށް ބުނެ ކޯޓަށް ދާނެ ކަމުގެ އިންޒާރު ދީފިއެވެ.

މާލެ/ވިލިމާލޭގެ އާންމު ތަންތަނުގެ ކުނި ނެގުމާއި ސާފުކުރުމަށް ސިޓީ ކައުންސިލުން 2016 ވަނަ އަހަރު ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް ހަމަވެފައިވާއިރު، އެ އެއްބަސްވުންް އާނުކުރުމަށް ނިންމައި، އެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ކުރަން ފަށާފައެވެ.

އިއްޔެ ސިޓީ ކައުންސިލުން ފެށި މާލެ/ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމާއި ސާފުކުރުމުގެ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެމްކޯއިން އެ ކައުންސިލުން ކުރާ މަސައްކަތަށް ޖެއްސުންކުރުމުގެ ނިޔަތުގައި ބައެއް އަމަލުތައް ހިންގާ ކަމަށެވެ.

ވެމްކޯއިން ގޭބިސީތަކުން ނަގަން ޖެހޭ ކުނި ކުނި މަގުމައްޗަށް ނެރުން ހުއްޓާލަން ކައުންސިލުން މިއަދު ރަސްމީކޮށް އެދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ކުނި މެނޭޖު ކުރުމާ ބެހޭ ގާނޫނާއި ތިމާވެއްޓާ ބެހޭ ގާނޫނާއި އާންމު ސިއްހަތާ ބެހޭ ގާނޫނު އޮންނަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކައުންސިލުން އެ ކުންފުންޏާ މެދު "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހަމަ ހަރުކަށި ގޮތުގައި ވެމްކޯއާ ދޭތެރޭގައި އަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުން ނަގާ ކުނި ގެންގޮސް ވެމްކޯ ސަރަހައްދަށް ވެއްދުމަކީވެސް ފައިސާ ދީގެން ކުރާ ކަމަކަށް ވާއިރު، ވެމްކޯއަށް ފައިސާ ދައްކައިގެން ވެމްކޯއިން ކުރާ މަސައްކަތެއް މާލެ ސިޓީ ކައުންސިލުން ކުރުމަކީ "ދެކޮޅު ޖެހޭ ކަމެއް ނޫން"ކަމަށް ވިދާޅުވިއެވެ.

"ވެމްކޯއަށް ތިބޭފުޅުން ފައިސާ ދައްކަވާ. ވެމްކޯއިން އެކުނި ދޫކޮށްލާފަ ދަނީ. އަޅުގަނޑުމެން އެކުނި ނަގާނީ، ނަގާފަ އަޅުގަނޑުމެންގެ ލޮރީ ގެންގޮސް ވެމްކޯ ސައިޓަށް ވައްދަން އެބަ ގޭޓު ފައިސާ ދައްކަން ޖެހޭ. އެބޭފުޅުންނަށް ފައިސާ ދައްކާފައި ހުރި ކުންޏެއް އެބޭފުޅުންނަށްވެސް ފައިސާވެސް ލިބި އަނެއްކާ ގޭޓު ފައިސާގެ ގޮތުގަވެސް ހަމަ އެއްކަލަ ކުންޏަށް ފައިސާ ލިބޭނީ" މުއިއްޒު ވިދާޅުވިއެވެ.

އިތުރު ގޮތެއް ނެތިގެން ނޫނީ ކުނި ނުނެރުމަށް އެދިވަޑައިގެންނެވި ނަމަވެސް، މުއިއްޒު ވިދާޅުވީ، މަގުމައްޗަށް ނެރެފައި ހުންނަ ކުނި ވެސް ކައުންސިލުން ނަގާނެ ކަމަށެވެ. މިހާރު ވެސް ކުނި އުފުލުމަށް 10 ޕިކަޕު ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ މާލެ އާއި ވިލިމާލޭގެ ތަންތަން ކުނި ކަހައި ސާފުކުރުމުގެ ވަޒީފާއަށް ގިނަ ބަޔަކު ނަގައިފައެވެ. މިހާރު ވެސް މާލެއަށް އެކަނި 80 އަށް ވުރެ ގިނަ މީހުން ނަގާފައިވާއިރު، މާލެއަށް ޖުމްލަ 120 މީހުން ނަގަން ހަމަޖެހިފައިވާ ކަމަށް މިއަދު ކައުންސިލުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *