ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން ކުރި ޚިޔާނާތާއި ރިޝްވަތުގެ ތުހުމަތުގައި، 2 ދަޢުވާއެއް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން މިހަފްތާގައި ކުރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފައެވެ.
މިއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ޔާމިންގެ މައްޗަށް ދަށު ކޯޓުން ހުކުމް ކުރި ދެވަނަ ފަހަރެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ޔާމިންގެމައްޗަށް އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރިމް ކޯޓުން ބާތިލް ކުރުމާއިގުޅިގެން ޖަލުން މިނިނަވްވިތާ އަހަރެއްހާ ދުވަސްފަހުން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި ކުރިމިނަލް ކޯޓުން މިފަހަރު ޔާމިންގެ މައްޗަށް އިއްވާފައިވަނީ 11 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ މީރާއަށް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.
އެހެންނަަމަވެސް، ޔާމިންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސާބިތުވެ، ބޮޑު ޖޫރިމަނާއަކާއެކު، ދިގުމައްދަތަކަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، މިހުކުމް ގަބޫލު ނުކޮށް، ޔާމިންގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އެންމެ ބޮޑު ޝަކުވާއަކީ، ޔާމިންގެ މައްޗަށް ހުކުމް ކޮށްފައިވަނީ "ފާސިގުން"ގެ ހެކިބަހަށް ބަރޯސާކޮށް ކަމަށްބުނެ ކުރަމުންދާ ޝަކުވާއެވެ. ޔާމިންއާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގާ، އެ ދެފަރާތުގެ ހެކިބަސް ޝަރީޢަތުން ގަބޫކޮށްފައިވަނީ، ސުޕްރިމް ކޯޓުން ޔާމިންގެ މައްޗަށް އެންމެ ފަހުން އިއްވާފައިވާ ހުކުމްގައި ބަޔާން ކޮށްފައިވާ، "ފާސިގުން"ގެ ހެކިބަސް ގަބޫލު ނުކުރެވޭނެކަމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ކަމަށް ބުނެއެވެ.
އެހެންނަމަވެސް، ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން އިވާފައިވާ ހުކުމްގައި ވަނީ، ޔާމިންއާއި ދެކޮޅަށް ކޯޓުގައި އަދީބާއި ޒިޔަތުން ދިން ހެކިބަހުގެ ތަފްސިލްތަކާއެކު، އެހެކިބަސް ގަބޫލުކޮށްފައިވާ އަސާސްތައް ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.
އަދީބާއި ޒިޔަތުގެ ހެކިބަހާއި ގުޅޭގޮތުން ހުކުމުގައި ބުނަނީ ކީކޭ؟
ކުރީގެ ރައީސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން، ޔާމިންއާއި އެއްކޮޅަށް ހެކިބަސް ދީފައިވާ ބައެއް ފަރާތްތަކުން ދޮގުހެކި ދީފައިވާކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭކަމަށް ހުކުމްގައި ފާހަގަ ކޮށްފައިވާއިރު، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައިވަނީ، އަދީބާއި ޒިޔަތުގެ ހެކިބަސް ޝަރީއަތުން ބަލައިގަތް އަސާސްތައްވެސް ބަޔާން ކޮށްފައެވެ.
މިގޮތުން ހުކުމުގައި ވާގޮތުން، އަދީބާއި ޒިޔަތަކީ ޔާމިން ރައީސްކަމުގައި ހުރިއިރު އެފަރާތްތަކުގެ މައްޗަށް ޖިޏާއީ ދައުވާކުރެވި އަދަބު ދެވިފައިވާ ފަރާތްތައް ކަމަށްވުމުން، އެފަރާތްތަކަަކީ އަދަވާތްތެރިކަން އޮތުމުގެ ސަބަބުން ހެކިބަސް ބަލައިނުގަނެވޭނެ ބައެއް ކަމަށާއި، ވަކީން ޚާއްސަކޮށް އަދީބާއި ޒިޔަތަކީ ދައުވާ ލިބޭ އަބުދުﷲ ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވާ ވާޤިއާގައި ބަޔާންކުރާ މުއާމަލާތުގައި ހިމެނޭ ރަށަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކެއް ކަމަށްވުމުން، އެ ދެފަރާތުގެ ހެކިބަސް ޝަރީއަތަށް ބަލައިގަނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހުއްޖަތެއް ނެތްކަމަށް ބުނެ، ޔާމިންގެ ދިފާއުން ޝަރީއަތުގައި އިއުތިރާޒް ކޮށްފައި ވާކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް، ޔާމިންގެ ދިފާއުން ޝަރީޢަތުގައި ކޮށްފައިވާ މި އިއުތިރާޒާއި ގުޅޭގޮތުން، ކުރިމިނަލް ކޯޓުން މިހާރު އާންމު ކޮށްފައިވާ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވަނީ، ޒިޔަތާއި އަދީބުގެ ހެކިބަހުގައި ޝައްކު އުފެދޭނެ ކަމަށް ބެލި ކަމުގައިވި ނަމަވެސް، އެމީހުންގެ ބަހަށް ބާރުދޭނެ ޝަފަވީ ހެކިންނާއި، ކިތާބީ ގިނަ ހެކިތަކެއް ހުރުމުން އެޝައްކުތައް ކުޑަކޮށްދޭ ކަމަށެވެ.
އަދި އޭގެ އިތުރުން، އަދީބާއި ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނީ، ހަމައެކަނި އެ ދެމީހުންގެ ހެކިބަހުގެ މައްޗަށް ކަމެއް ނިންމުމުގައިކަން ސުޕްރީމް ކޯޓުގެ ނަންބަރު 01/އޭ-އެސްސީ/2012 ޤަޟިއްޔާއިން އެގެން އޮންނަ ކަމަށްވެސް ކުރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް އިއްވާފައިވާ ހުކުމްގައި ބަޔާން ކޮށްފައި ވެއެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/އޭ-އެސްސީ/2023 (އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމް ވ- ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް) މި ޤަޟިއްޔާގައި އުސޫލު ނަގަހައްޓާފައިވާކަމާއި، އެ ޤަޟިއްޔާގެ 218 ވަނަ ނުކުތާއަށް ބަލާއިރު، އަހުމަދު އަދީބު އަބުދުލް ޢަފޫރާއި، އަބުދުﷲ ޒިޔަތުގެ ހެކިބަަހަށް ބާރު ލިއްބައިދޭ ހެކި ނުވަތަ ގަރީނާ ލިބޭ ޙާލަތުގައި އެ ހެކިންގެ ހެކިބަހަށް ބުރަދަން ދެވޭނެކަން އެގެން އޮންނަހިނދު، މި މައްސަލާގައި ދައުވާ ކޮށްފައިވާ ކުށުގެ އުންސުރުތައް ސާބިތު ކުރުމަށްޓަކާ އަބުދުﷲ ޒިޔަތުއާއި، އަހުމަދު އަދީބު އަބުދުލް ޢަފޫރުގެ އިތުރުން، އިސްވެ ދެންނެވުނު ޤަޟިއްޔާގައި ބަޔާން ކުރާ އުސޫލުން، މި ދެ ހެކިންގެ ހެކިބަސް corroborate ކުރާނެ ހެކި ޤަރީނާ ހުށަހަޅާފައިވާކަން އެގެން އޮތުމުން، މިޙާލަތުގައި އެ ދެމީހުންގެ ހެކިބަހަށް ބުރަދަން ދޭން ނުޖެހޭ ގާނޫނީ ސަބަބެއް އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވެން ނެތެވެ.
ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ޔާމިން 4 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާން ކޮށްފައި ވެއެވެ.
އަދީބާއި ޒިޔަތު ދައުލަތާއެކު އިއުތުރާފްގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ބުނެ ދިފާއުން ކުރި އިއުތުރާޒް!
އަދީބާއި ޒިޔަތުގެ ހެކިބަހާއި ގުޅޭގޮތުން ޔާމިންގެ ދިފާއުން ކުރި އިސްވެ ދެންނެވުނު އިއުތިރާޒްގެ އިތުރުންވެސް އެ ދެފަރާތުގެ ހެކިބަހާއި ގުޅޭގޮތުން ޔާމިންގެ ވަކީލުން ކޮށްފައިވާ އެހެން އިއުތިރާޒްތަކަށްވެސް ހުކުމުގައި ޖަވާބު ދެއްވާފައި ވެއެވެ.
މިގޮތުން ތިމާ އަދާކުރާ ހެކިބަހުގެ ސަބަބުން މާލީ ގޮތަކުން ނުވަތަ އެނޫން ވެސް ގޮތަކުން ނަމަވެސް، ތިމާއަށް ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ފައިދާއެއް ލިބިގެންދާނަމަ، އެ ހެކިބަހަކީ ޝަރުޢީ ހަމަތަކުގެ މަތިން ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން ހައިކޯޓުގެ 146/އޭ-އެޗްސީ/2009 ގަޒިއްޔާއިން ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ޔާމިންގެ ވަކީލުން އިއުތިރާޒް ކޮށްފައިވާކަމަށްވެސް ހުކުމްގައި ބުނެފައި ވެއެވެ.
އަދި އޭގެ އިތުރުންވެސް ޒިޔަތާއި އަދީބަކީ ގާނޫނު ނަމްބަރު 12/2016 (ޖީނާއި އިޖުރާތުގެ ގާނޫނު)ގެ 104 ވަނަ މާއްދާގެ ދަށުން "އިއުތިރާފްގެ އެއްބަސް" ވުން ހަދާފައިވާ ފަރާތްތަކެއް ކަމަށްވުމުން އެފަރާތްތަކުގެ ހެކިބަސް ގަބޫލު ނުކުރެވޭނެކަމަށް ބުނެ ދިފާއުން ކޮށްފައިވާ އިއުތުރާޒަށްވެސް ހުކުމުގައި ޖަވާބު ދެއްވާފައި ވެއެވެ.
މިގޮތުން ހުމުގައި ފާހަގަ ކޮށްފައިވަނީ، މި ފަރާތްތަކުގެ ހެކިބަސް ނެގުމުގެ ތެރެއިން އެފަދަ އެއްބަސްވުމެއް ވެފައިވޭތޯ އެފަރާތްތަކާއި ސުވާލު ކުރުމުން އެފަދަ އެއްބަސްވުމެއް ދައުލަތާއެކު ނެތްކަމަށް ބުނެފައިވާކަމަށެވެ.
އަދި އެފަދަ އެއްބަސްވުމެއް އޮތް ނަމަވެސް، އެކުށް ކުރުމުގައި ބައިވެރިވީ މީހުން، ހިފާ ހައްޔަރުކޮށް، ދައުވާކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ދީފިކަމުގައި ވާނަމަ، އެމީހުންގެ އަދަބުގެ ދަރަޖަ ލުއިކުރުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 1107 ވަނަ މާއްދާއިން ދީފައި އޮތް އޮތުމުންވެސް، އެއް މުއްތަހަމު އަނެއް މުއްތަހަމާ ދެކޮޅަށް ހެކިބަސް ދިނުމަކީ، ޖިނާއީ އަދުލާއި ޚިލާފް ވާކަމެއް ނޫންކަމަށާއި، އެއީ ގާނޫނު ދަންނަ ގާނޫނު ގަބޫލުކުރާ ކަމެއްކަން އެގެން އޮތުމުން، އަބުދުﷲ ޒިޔަތާއި، އަހުމަދު އަދީބު އަބުދުލް ޢަފޫރުގެ ހެކިބަހަށް ބުރަދަން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޝަރީޢަތުން ގަބޫލު ކުރަމެވެ.
ޔާމިންގެ މައްޗަށް ޝަރީއަތުން އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމުގައި ބަޔާން ކޮށްފައި ވެއެވެ.
ފާސިގުންގެ ހެކިބަސް ގަބޫލުކުރިކަމަށް ބުނެ ކުރާ ޝަކުވާތައް!
ޔާމިންގެ ޝަރީއަތް ހިގަމުން ދިޔައިރުވެސް، އަދި އޭގެ ފަހުންވެސް ޔާމިންގެ ވަކީލުންނާއި އަދި ތާއިދުކުރާ އެކްޓިވިސްޓުންގެ އެންމެ ބޮޑު ޝަކުވާއަކީ ދެ "ފާސިގުން" (އަދީބާއި ޒިޔަތު)ގެ ހެކިބަސް ގަބޫލުކޮށް ޔާމިންގެ މައްޗަށް "ހަރާމް" ހުކުމެއް ކޮށްފައިވާކަމަށް ބުނެ ކުރަމުންދާ ޝަކުވާތަކެއްވެ. އަދި އެ ދެމީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ޔާމިންގެ މައްސަލާގައި ސުޕްރިމް ކޯޓުން އެންމެ ފަހުން ކޮށްފައިވާ ހުކުމުން އެގެން އޮންނަ ކަމަށްވެސް ތަކުރާރުކޮށް ޔާމިންގެ ވަކީލުން ވިދާޅުވަމުން ގެންދަވާފައި ވެއެވެ.
އެހެންނަމަވެސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދިރާސާކޮށް، އަދީބާއި ޒިޔަތުގެ ހެކިބަސް ޝަރީއަތަށް ގަބޫލު ކޮށްފައިވާ އަސާސްތަކަށް ބަލާއިރު ފާހަގަވާން އޮތް ކަމަކީ، އެ ފަރާތުގެ ހެކިބަސް ޝަރީއަތުން ބަލައިގެންފައިވަނީ، ޔާމިންގެ މައްޗަށް ސުޕްރިމް ކޯޓުން ކޮށްފައިވާ ހުކުމަށް ރިއާޔަތްކޮށް، އެ ދެފަރާތުގެ ހެކިބަހަށް ބާރުލިބިދޭ އެހެން ގަރީނާތައް ހުރިކަމަށް ވާނަމަ އެ ދެފަރާތުގެ ހެކިބަހަށް ރިއާޔަތް ކުރެވިދާނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ވުމަށް ބުރަވެކަން ގާޒީ ޝަކީލުގެ ހުކުމުން އެގެން އޮވެއެވެ.
އަދި އަދީބުއާއި ޒިޔަތުގެ ހެކިބަސް އެއީ މައްސަލަ ނިމުމުގައި މުތުލަގަށް ނުވަތަ އެ ހެކިބަހަށް އެކަނި ބަރޯސާކޮށް ބަލައިގެންފަ އޮތް ހެކިބަހަކަށް ވުމުގެ ބަދަލުގައި، އެއަށް ބާރުލިބިދޭ އެހެނިހެން ހެކިތަކާއި ގަރީނާތަކުން ބާރު ލިބިދީގެން، ގޮތް ކަނޑައަޅުމުގައި ޝަރީއަތުން ރިއާޔަތްކޮށްފައިވާ ހެކިބަހެއްކަން، ކުރިމިނަލް ކޯޓުގެ ހުކުމުން އެގެން އޮވެއެވެ. ހުކުމްގައި ވާގޮތުން އެ ދެފަރާތުގެ ހެކިބަހަކީ ހުކުމް ކަނޑައެޅުމުގައި ހަމައެކަނި ބަރޯސާވެފައިވާ އަސާސެއް ނޫނެެވެ.
އެހެންކަމުން، ފާހަގަ ކޮށްލާންޖެހޭ އެއްކަމަކީ، ޔާމިންގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރެއްވި ދިފާއީ ވަކީލުން ސުޕްރިމް ކޯޓުގެ ހުކުމްގައި ރިއާޔަތް ކޮށްފައިހުރި މި އުސޫލަށް ޝަރީއަތުގެ މަރުހަލާގައި ތަފްސީލީ ގޮތެއްގައި ނުވަތަ އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކޮށްފައި ނުވާކަމެވެ. ނުވަތަ ނުވަތަ ޔާމިންގެ މައްޗަށް ސުޕްރިމް ކޯޓުން އެންމެ ފަހުން ކޮށްފައިވާ ހުކުމް އެކަށިގެންވާ ގޮތެއްގައި ދިފާއި ވަކީލުން ދިރާސާ ކޮށްފައެއް ނުވެއެވެ.
އަދި، ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު، ދިފާއީ ހެކިންގެ ހެކިބަހުގައި ހުރި ބޮޑެތި ފުށުއެރުންތަކުގެ އިތުރުން، އަދީބާއި ޒިޔަތުގެ ހެކިބަސް ނަފީކުރުމަށް ދިފާއީ ހެކިންނަށް އެކަށީގެންވާ ހުއްޖަތްތަކެއް ދެއްކިފައި ނުވާނުވުން އެއީ ކުރީގެ ރައީސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ދިގު މުއްދަތުގެ ހުކުމެއް އަންނަން ޖެހުނު އެއް ސަބަބުގެ ގޮތުގައި ގާނޫނީ ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރައްވަމުންނެވެ.