ދެ ފެކްޝަންގެ ގަދަ ހިފުމަކަށް ގޮސް، ނަޝީދު ފެކްޝަނުން އެންމެ ފަހުން ގައުމީ މަޖިލިސް ޖަލްސާ ބޮއިކޮޓް ކޮށްފި

ދެ ފެކްޝަންގެ ގަދަ ހިފުމަކަށް ގޮސް، ނަޝީދު ފެކްޝަނުން އެންމެ ފަހުން ގައުމީ މަޖިލިސް ޖަލްސާ ބޮއިކޮޓް ކޮށްފި

Author
ހުސެއިން
27 ޑިސެމްބަރ 2022 08:29
0

އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީއަށް، އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ހޮވާންޖެހޭ 5 މެމްބަރުންގެ ކޮމިޓީ ހޮވުމަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާ ނަޝީދު ފެކްޝަނުން ބޮއިކޮޓް ކޮށްފިއެވެ.

ރޭ 8:45 ގައި ތާޖުއްދީން ސްކޫލްގައި ބޭއްވިގެންދިޔަ ގައުމީ މަޖިލިސް ޖަލްސާގައި އެޖެންޑާ ކުރެވިފައި އޮތީ ރިޔާސަތުން ދޭންޖެހޭ މައުލޫމާތު ދިނުމާއި އޭގެ އިތުރުން ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓާނެ 5 މެމްބަރުންގެ ކޮމިޓީއެއް އަޔަން ކުރުމެވެ.

މި ޖަލްސާގައި 5 މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ކުރެވުނު ބަހުސްގައި ނަޝީދު ފެކްޝަނުން ހުށަހެޅި 5 މެމްބަރުންގެ ކޮމިޓީ ދެފެކްޝަނަށް ހަމަހަމަ ވާގޮތަށް ނެގުމަށެވެ. އެއީ ރައީސް ސާލިހުގެ ފެކްޝަންގެ ދެ މެމްބަރަކާއި، ނަޝީދު ފެކްޝަންގެ ދެމެމްބަރުން ކޮމިޓީގައި ހިމެނުމުގެ އިތުރުން 5 ވަނަ މެމްބަރު ދެފަރާތުން ރުހޭ މެމްބަރަކަށް ހެދުމަށެވެ.

އެހެންނަމަވެސް ނަޝީދު ފެކްޝަންގެ މިހުށަހެޅުމާމެދު ނުރުހުން ފާޅުކޮށް، ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މިއީ އެޕާޓީގެ އަސާސީ ގަވާއިދު ތަންދޭ އުސޫލެއް ނޫންކަމުގައެވެ. އަދި އޭގެ ބަދަލުގައި ރައީސް ސާލިހު ފެކްޝަނުން މި ބައްދަލުވުމަށް ހުށަހެޅުއްވީ ރައީސް ސާލިހަށް ތާއީދުކުރާ 5 މެމްބަރެއްގެ ނަމެވެ.

އެއަށްފަހު ހުށަހެޅިގެންދިޔަ މި ނަންތަކަށް ވަކިވަކިން ވޯޓަށް އެކުމަށް ފެނޭތޯ ބެލުމަށް ގައުމީ މަޖިލިހަށް ހުށަހެޅުނު ހުށަހެޅުންވެސް ފާސްވެގެނެއް ނުދިޔައެވެ. އެހެންނަމަވެސް، މި 5 ނަމަށް ވޯޓަށް އަހާ މިނަންތައް ފާސް ކުރުމުގެ ކުރިން ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ ޖަލްސާ ދޫކޮށް ގޮސްފައެވެ.

ރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ފާސްކުރި 5 މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ:

  • އަކްރަމް ކަމާލުއްދީން – މަތިއުތުރު ޕްރޮވިންސްގެ ރައީސް
  • އަނަސް އަބްދުއްސައްތާރު – އެމްޑީޕީގެ ތަރުޖަމާނު
  • އިބްރާހިމް ވަހީދު – ޑެޕިއުޓީ ޗެއާޕާސަން
  • އަހުމަދު އަބްދުﷲ އަފީފް – އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު
  • މުހައްމަދު އީމާން – ކެނދިކުޅުދޫ ދާއިރާގެ ރައީސް

ރޭގެ ޖަލްސާގައި 5 މެމްބަރުންގެ ކޮމިޓީ ނެގުމަށް ކުރެވުނު ބަހުސްގައި ދެ ފެކްޝަންގެ މެމްނަރުންވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކޮށް ބޮޑެތި ޒުވާބުތައް ކޮށްފައެވެ. އަދި ނަޝީދު ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ގައުމީ މަޖިލިހުގެ ރިޔާސަތަށް ތުހުމަތު ކޮށްފައިވަނީ މަޝްވަރާއަށް ފުރުސަތު ނުދީ، ވަކި ބަޔަކު ކޮމިޓީއަށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ.

އަޅުގަޑުމެންގެ ވާހަކަވެސް އަޑު އައްސަވައިގެން، އަޅުގަޑުމެން ދައްކަން ހުރި ވާހަކައަށް ފުރުސަތުވެސް ދެއްވައިގެން އިންސާފުވެރިކޮށް މިކޮމިޓީ ނެންގެވުމަށް އަޅުގަޑު ޗެއަރއަށް އިލްތިމާސްކުރަން.

ކޮމިޓީ ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ހިންހަމަ ނުޖެހުން ފާޅުކޮށް ނަޝީދަށް ތާއީދުކުރާ މެމްބަރެއް ކަމުގައިވާ އީވާ އަބުދުﷲ ވިދާޅުވެފައި ވެއެވެ.

އެހާތަނުން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ފައްޔާޒް އިސްމާއިލް ވިދާޅުވީ ޖަލްސާ ކުރިޔަށް ގެންދަވަނީ ބޭނުންވާވަރަށް ފުރުސަތު ދެއްވައިގެން ކަމުގައެވެ.

ހަމަ އެދުނުވަރަކަށް ފުރުސަތު އަރުވަމުން މިދަނީ، އިނގޭތޯ! އެހެންވީމަ އަޅުގަޑަކަށް ނޭގޭ ދެން ތިހެން ކަމަނާ ވިދާޅުވަން ޖެހުނު ސަބަބެއް.

ފައްޔާޒު މިހެން ވިދާޅުވުމާއެކު ނަޝީދު ފެކްޝަނުން އީވާ ވިދާޅުވީ 5 މެމްބަރުންގެ ކޮމިޓީއެއް ހުށަހެޅުމަށް ނޫނީ ދެން ފުރުސަތު ނުދޭނެކަން ރިޔާސަތުން އިއުލާން ކުރައްވާގައި ވާކަމުގައެވެ. އެހެންނަމަވެސް ރިޔާސަތުންވަނީ އެއަށްފަހުވެސް ކޮމިޓީ ނެގުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތަކަށް ބޭނުންވޭތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ، ނަޝީދަށް ތާއީދުކުރައްވާ މެމްބަރެއް ކަމުގައިވާ އިމްތިޔާޒު ފަހުމީ ވިދާޅުވީ އިންތިޚާބު އިންސާފުވެރިކޮށް ކުރިޔަށް ގެންދިއުމަށް، ދެ ކެނޑިޑޭޓުންނަށް ތައީދުކުރާ މެމްބަރުން ކޮމިޓީގައި ހިމަނައިފިނަމަ އާންމު މެމްބަރުން ޕާޓީއަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެކަމުގައެވެ.

ހަމަހަމަކޮށްލުމަކީ ދެރަވަރު ކަމަކަށް ނުވާނެ. އަޅުގަނޑުމެން ދެ ނަމެއް ހުށަހަޅަނީ. އެ ފަރާތުން ދެ ނަމެއް ހުށަހަޅަނީ. ކޮބައިތޯ މިއަށް އެއްބަސް ނުވާންވީ ސަބަބެއް؟ އަޅުގަނޑުމެން ރިޖެކްޓެއް ނުކުރަން އެ ފަރާތުން ކޮންމެ ފަދަ ބޭފުޅެއްގެ ނަން ހުށަހެޅި ނަމަވެސް. އެހެންވީމަ އަޅުގަނޑުމެން ހުށަހަޅާ ނަމަކަށް އެހެން ނަހައްދަވާ.

ކޮމިޓީގައި ނަޝީދަށް ތާއީދުކުރާ މެމްބަރުން ހިމެނެންވާނެކަމަށް ވިދާޅުވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ގައުމީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ 5 މެމްބަރުންގެ ކޮމިޓީގައި ދެ ކެނޑިޑޭޓުންގެ ބޭފުޅުން ހަމަހަމަކޮށް ތިބޭގޮތަށް ކޮމިޓީ އެކުލަވާލުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފް ކަމެއް ކަމުގައެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ ނަޝީދު ފެކްޝަންގެ މެމްބަރުން ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތް ކުރުމަށެވެ.

ރޭގެ ޖަލްސާގައި ކޮމިޓީ ނެގުމުގައި ދެފަރާތުން އެއްބަސްވާ ގޮތެއް ހޯދޭތޯ މަޝްވަރާއަށް ފުރުސަތު ދިނުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލާފައިވެސް ވެއެވެ. އެހެންނަަމަވެސް އެއްބަސްވުމަކަށް ނާދެވި، ވޯޓަށް އެހުމުގެ ކުރިން ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ ޖަލްސާ ދޫކޮށް ނުކުމެފައެވެ.

އަންނަ މަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ އެޕާޓީގެ އިސްލީޑަރު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ދެބޭފުޅުންވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުން ތާއީދު ކުރަމުންދަނީ ރައީސް ސާލިހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.