އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުގައި އިއްޔެ ކްރިމިނަލްކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމާ ގުޅޭ ލިޔެކިއުންތައް ނުލިބި ލަސްވާތީ ޔާމީންގެ ވަލީކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޓްވީޓެއްގައިވަނީ މިކަމާ ގުޅިގެން ސުވާލުތަކެއް އުފައްދަވާފައެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގެ ކޮޕީއެއް ހިމަނުއްވައި ކުރެއްވި ޓްވީޓުގައި ވަނީ މިއީ ކީއްވެގެން ކްރިމިނަލްކޯޓުން ލަސްކުރާ ކުރުމެއްތޯ ސުވާލުކުރައްވާފައެވެ. އަދި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުންވެސް ޙުކުމް އިއްވާ ދުވަހު ޝަރީޢަތް ނިމުނުގޮތް ނުވަތަ އޭގެ ރިޕޯޓު ދޭންޖެހޭކަމަށާ، އެ ލިޔެކިއުންތައް ނުލިބޭތީ ރައީސް ޔާމީންގެ އިސްތިއުނާފު މަސައްކަތްވެސް ނުފެށި ލަސްވަމުންދާކަމަށް ޑރ.ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ޒިންމާކުރުވާނެ އެއްވެސް ފަރާތެއް ނެތީތޯ ސުވާލުކުރައްވަފައިވެއެވެ.
މިއީ ކީއްވެގެން ކްރިމިނަލް ކޯޓުން ލަސްކުރާ ކުރުމެއް؟ ސްޕްރީމް ކޯޓްގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުންވެސް ޙުކުމް އިއްވާ ދުވަހު ޝަރީޢަތް ނިމުނުގޮތް/ރިޕޯޓް ދޭންޖެހޭ؟ އިސްތިއުނާފުގެ މަސައްކަތްވެސް ނުފެށި ތިބެން މިޖެހުނީ. ޒިއްމާކުރުވާނެ އެއްވެސް ފަރާތެއް ނެތީބާ؟ pic.twitter.com/RKP85q0nne
— Mohamed Jameel Ahmed (@MJameelAhmed) December 26, 2022
ކްރިމިނަލް ކޯޓުން މިވަރުގެ ބޮޑު 11 އަހަރުދުވަހުގެ ޖަލު ޙުކުމް އިއްޔެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވިއިރު އަދިވެސް ރިޕޯޓް ނުލިބޭކަން ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ. އަދި އިއްޔެ ރައީސް ޔާމީން ކޯޓަށް ހާޒިރުކުރިވީ 9 ޖެހިއިރުކަމަށާ، ޝަރީޢަތް ފެށީ 12 ޖަހަން ކައިރި ވެފައި ހުއްޓާކަން ފާހަގަކުރައްވައި ޙުކުމް މިއިއްވީ ރިޕޯޓް ތައްޔާރުނުކޮށް ތިބުން މިއީ އިންސާފުތޯ ޑރ.ޖަމީލް ސުވާލު ކުރެއްވިއެވެ.
ޑރ.ޖަމީލްގެ އިތުރުން ރައީސް ޔާމީންގެ ވަކީލުންގެ ތީމުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންވެސް ވަނީ މިކަންބޮޑުވުން ފާޅުކުރައްވާފައެވެ.