ރައީސް އޮފީހުން ހުކުމްތައް ޑްރާފްޓްކުރި ޒަމާން މާޒީވެއްޖެ ކަމަށާއި، މިހާރު ޖުޑީޝަރީ ވަނީ މިނިވަންވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު ސައުދަކީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އޭރު މަޖިލިސް ތެރެއިން ފާޅުގައި ނިކުންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނުނު މެމްބަރެކެވެ. އަދި ޖަލުގައި ބަންދުކުރެވި، ރައީސް ޔާމީންގެ ވެރިކަމުގައި އަދަބުވެސް ދީފައިވާ މެމްބަރެކެވެ. ސައުދު ޕީޕީއެމްއިން ވަކިވުމަށް، މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބު ވުމަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ދާދި ފަހުންނެވެ.
ކޯޓުތަކުގެ ހުކުމްތަކާއި ގުޅިގެން ޚާއްސަކޮށް، މިއަދު އޮތް ވ.އާރަށު މައްސަލާގައި ރައީސް ޔާމީންގެ ހުކުމަކީ ރައީސް އޮފީހުން ތައްޔާރުކޮށްފައިވާ ހުކުމެއް ކަމަށްބުނެ ދެކެވޭ ވާހަތަކާއި ގުޅިގެން މެމްބަރު ސައުދު ވިދާޅުވީ، އެދުވަސް މާޒީވެއްޖެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުކުމްތައް ޑްރާފްޓްކޮށް، ހުކުމް ކުރަންވީ ގޮތް ކޯޓުތަކަށް އެންގި ޒަމާނަކީ ރައީސް ޔާމީންގެ ވެރިކަން ކަމަށާއި، މިސަރުކާރުން ވެރިކަމަށް އައިސް ރައްޔިތުންނަށް ކަށަވަރުކޮށްދިން އެންމެ ބޮޑު ޔަގީންކަމަކީ މިނިވަން ޖުޑީޝަރީއެއްގެ ޔަގީންކަން ކަމުގައެވެ. މާޒީގައި ރައީސް އޮފީހުން ހުކުމްތައް ތައްޔާރުކުރި ގޮތަށް މިއަދުވެސް އެކަން ހިނގާނެކަމަށް ގަބޫލުކުރުމަކީ އެކަން ކުރިބަޔަކަށް ހީނާވެ ގޮތްކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަން ކުރެއްވި ދުވަސްވަރު ކޯޓުތަކަށް އަތްބާނައި ކޯޓުތައް ހިސޯރުކުރިވަރުން އެހުންނެވީ ހުވަފެނީ ދުނިޔެއެއްގައި، އަދިވެސް ހީފުޅުވަނީ ކޯޓުތަކުން ކުރާ ހުކުމް ތަކަކީ ރައީސް އޮފީހުން ޑްރާފްޓް ކުރަންޖެހޭ އެއްޗެއްކަމަށް. އެދުވަސް މާޒީވެ ބަދަލުވެއްޖެ. ޖުޑީޝަރީވަނީ މިނިވަންވެފަ.
– ސައުދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓްގައި ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ކުށުގެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓާއި ހުކުމް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް އުޅުނީ އެ ކޯޓްގެ ގާޒީ މުހައްމަދު މިސްބާހުކަމަށް ވަނީ އަޑުފެތުރިފައެވެ.
އަދި ވ. އާރަށް މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ސްކޭން ކޮށްފައިވާ ކޮޕީއާއި ޝަރީޢަތުގައި ނަގާފައިވާ އެންމެހާ މައުޟަރު ބަޔާންތައް ޓައިޕް ކުރުމަށްފަހު ރިޕޯޓް ލިޔުމަށްޓަކައި ގާޒީ މިސްބާހުއާ ހަވާލުކުރީ ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަންގައިގެންކަންވެސް ދަނީ އަޑުފެތުރެމުންނެވެ.
ނަމަވެސް މިކަންކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ