ޖަލުހުކުމެއް އަޔަސް ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ: ޓޮމް

ޖަލުހުކުމެއް އަޔަސް ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ: ޓޮމް

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2022 03:39
0

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާގައި މާދަމާ ހުކުމް ކުރަން ތާވަލުކޮށްފައިވާއިރު އެމަނިކުފާނަށް ބާރަށް މަސް ދުވަހަށް ވުރެ ބޮޑު ހުކުމެއް އަޔަސް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީން މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހުކުމްކުރުން މާދަމައަށް ވަނީ ތާވަލްކޮށްފައެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށެވެ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެއެވެ.

މިހުކުމާއި ގުޅޭގޮތުން ޓޮމް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީނުގެ މައްޗަށް 12 މަސްދުވަހަށްވުރެ ދިގު ހުކުމެއް ކުރާ ހާލަތުގައި އެމަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ. އެއީ ހުކުމެއް ކުރި ނަމަވެސް ސުޕްރީމް ކޯޓުގައި އެ ހުކުމަށް ނިހާއީ ސިފަ ނުލިބޭ ހިނދެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ވިދާޅުވިއެވެ.

އެގޮތުން "ސުޕްރީމް ކޯޓުން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަބްދުލްހަކީމުގެ މައްސަލާގައި ނިންމާފައިވާ ނިންމުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުކަމުގައިވާ "12 މަސްދުވަހަށްވުރެ ގިނަ ދުވަހުގެ ހުކުމެއް ތަންފީޛު ކުރަމުންދާ މީހަކުކަމުގައި ނުވުމުގެ ޝަރުޠު ފުރިހަމަވާނީ ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމުންކަން އެނގެން އޮވެއެވެ." ޓޮމް ވިދާޅުވިއެވެ.

އެކަމަކު ދިގު ހުކުމެއް އަތުވެއްޖެ ނަމަ، އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް އޮތް ހުރަހަކީ ގަނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ. އިންތިހާބުގައި ވާދަކުރުމުގެ ޝަރުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަހަށް ވުރެ ދިގު މުއްދަތަކަށް ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވާން ޖެހެއެވެ.

އެހެންވެ އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް ހުރަހެއް ނެތް ކަމަށް ތޯރިގު ބާރު ދެއްވީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނޭ ގޮތަށް ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނޮވެމްބަރު 17، 2011 ގައި ނިންމާފައިވާ ހުކުމަކަށް ރިއާޔަތްކޮށެވެ.

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް 1 އަހަރާއި 6 މަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން 2011ގައި ނިންމުމުން، މަޖިލިސް މެމްބަރެއްގެ ގޮތުގައި އޭނާ ހުންނަވާނެ ކަމަށް ބަޔާންކުރާ ޝަރުތު އުނިވެ، ހިލާފު އުފެދުނު ކަމަށާއި އެކަމަކު އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ގޮނޑިގެއްލުމާ މެދު ފަހު ބަސް ބުނުން ސްޕްރީމް ކޯޓަށް ލިބޭ ކަމަށެވެ.

އެ މައްސަލާގައި ކޯޓުން އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައިވާއިރު ތޯރިގު ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން ރައީސްއަކަށް އިންތިހާބުކުރާ މީހެއްގެ ހުންނަ ޝަރުތުތަކާއި މަޖިލިސް މެމްބަރަކަށް ވުމުގެ ޝަރުތުތަކަކީ ވެސް އެއް އުސޫލަކުން ތަރުތީބުކޮށްފައިވާ އުސޫލުތަކެއް ކަމަށެވެ. އެ ޝަރުތުތައް އުނިވުމާއި ސައްހަކަން ކަށަވަރުކުރުމުގައި ވެސް އޮތީ އެއް ހަމައެއް ކަމަށް އޭނާ ވިދާޅުވެއެވެ.

އެހެންވެ ޔާމީނަށް ވެސް އަހަރަކަށް ވުރެ ދިގު ހުކުމެއް އަޔަސް ކްރިމިނަލް ކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ހުކުމެއް ފަސްކުރުމަށް އަމުރެއް ނުކުރާހާހިނދަކު ނުވަތަ ރިޔާސީ އިންތިހާބުގެ ފޯމު އިލެކްޝަންސް އިން ގަބޫލުކުރުމާ ހަމައަށް އިންތިހާބުގައި ކެމްޕެއިންކުރުމަށް ރަށްރަށަށް ދަތުރުކޮށް ޖަލްސާތައް ބޭއްވުމާއި ވޯޓު ހޯދުމަށް މީހުންނާއި ބައްދަލުކޮށް ހެދުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.