މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ޔާމިނަށް ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާއިރު، މިމައްސަލާއިގެ އަޑުއެހުންތައް ނިންމާލައިފައިވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ. މިގޮތުން އެންމެ ފަހުން ބޭއްވުނު އަޑުއެހުންތައް ޚާއްސަ ކުރެވިގެން ދިޔައީ ދެފަރާތުންވެސް ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. އެއަށްފަހު، އެންމެ ފަހު އަޑުއެހުންތަކުގައި ކުރިޔަށް ގެންގޮސްފައިވަނީ ހުކުމް އިއްވުމުގެ ކުރިން އޮންނަ ޚުލާސާ ބާޔާންތައް އިއްވުމެވެ.
ޚުލާސާ ބަޔާންތައް ނިމުމާއެކު މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އަޑުއެހުންތައް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ދެން އޮންނާނީ ހުކުމް ކުރުމަށް އޮންނަ މަޖިލިސް ބޭއްވުން ކަމުގައެވެ.
ގާނޫނު ބުނާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ. އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން ޔާމިންގެ މައްސަލާގައި ހުކުމް ކުރާނެއެވެ. އެހެންކަމުން މިމައްސަލާގެ ހުކުމް މިއަަހަރު ނިމުމުގެ ކުރިން ޔާމިންގެ މައްޗަށް ކޯޓުން އިއްވަން ޖެހެއެވެ.
ޔާމިންގެ މައްޗަށް ހުކުމް ކުރުމަށް ތައްޔާރު ވެފައިވާއިރު، ޕީޕީއެމްގެ ރިޔަސީ ކެނޑިޑޭޑެއްގެ ހައިސިއްޔަތުން ޔާމިން ގެންދަވަނީ 2023ގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ. އެހެންނަމަވެސް މި މައްސަލާގައި ޔާމިންގެ މައްޗަށް ހުކުމެއް އަތުވެއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ދާނެއެވެ.
މިމައްސަލާގައި ޔާމިންގެ ދިފާއުގައި ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ހެކިބަސް ދީފައިވާއިރު، ދައުލަތުންވަނީ އެ ހެކިބަސް ނަފީކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ދިފާއީ ވަކީލުންވަނީ ހެކިބަސް ނަގާ ނިމިފައިވަނިކޮށް އާ ހެކިތަކެއް ހުށަނޭޅޭނަކަމަށް ބުނެ ވަކލާތު ކޮށްފައެވެ. އެހެންނަމެސް ގާޒީވަނީ ދައުލަތުން ހުށަހެޅި ހެކިބަސް ބަލައިގަތުމަށް ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން ޔާމިންވަނީ މިނިވަން ވެފައެވެ.
ކޮމެންޓު ފޮނުވާ