ރާއްޖެ ދަރަނިވެރިވުމުގެ ފުރުޞަތު ބޮޑުކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.
އެ އިދާރާގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާގޮތުގައި ރާއްޖެ ދަރަނިވެރިވުމުގެ ފުރުޞަތު ބޮޑުކަމަށާއި، ޚަރަދަށް ޒިންމާދާރުވާންޖެހޭކަމަށެވެ. އަދި އާމްދަނީ އިތުރުކުރުމާއި، ދަރަނިތައް މެނޭޖުކުރުމުގައި ހަރުދަނާ އުސޫލްތަކެއް ތަންފީޒްކުރަންޖެހޭކަމަށްވެސް އައިއެމްއެފް އިން ބުންޏެވެ.
IMF urges Maldives to stop money printing to protect rufiyaa, as Sri Lanka rupee collapses
އައިއެމްއެފް އިން ބުނީ، 2021 އިން ޖުލައި 2022 އަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 0.2 ޕަސެންޓުން 2.7 ޕަސެންޓަށް އުފުލިފައިވާކަމަށެވެ. އެ އިދާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއިން އަގުތައް އުފުލުނު ދާއިރާތަކުގެ ތެރޭގައި ދަތުރުފަތުރާއި، ކާނާއާއި ހަކަތައިގެ ދާއިރާ ހިމެނެއެވެ. އަދި ސިއްޙީ ދާއިރާވެސް ފާހަގަކޮށްފައިވެއެވެ.
އައިއެމްއެފް އިން ލަފާކޮށްފައިވަނީ އަންނަ އަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އުފުލޭނެކަމަށެވެ. އެއީ ކާނާއާއި ރިޔާސީ އިންތިޚާބަށް ކުރާ ޚަރަދު އިތުރުވާނެތީކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ޖީއެސްޓީ މަތިކުރުމަކީވެސް އިންފްލޭޝަން އުފުލޭނެ ސަބަބެއްކަމަށް ބުނެފައިވެއެވެ.
ނަމަވެސް އައިއެމްއެފް އިން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދި ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ދޭގޮތަށް އުސޫލަށް ބަދަލު ގެނައުމަށްވެސް ލަފާދީފައިވެއެވެ.
އައިއެމްއެފް އިން މިހެން ބުނެފައިވާއިރު، އަންނަ އަހަރު ރާއްޖޭގައި ސަބްސިޑީ ދޭނެ އުސޫލު ބަދަލުކުރަން ބަޖެޓުގައި ހިމަނާފައިވެއެވެ. އެގޮތުން ކޮންމެހެން ދާންޖެހޭ މީހުންނަށް ސަބްސިޑީ ދޭގޮތަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އައިއެމްއެފް އިން ވަނީ ކޯވިޑްގައިވެސް ރާއްޖޭގެ އިޤްތިޞަދު ކުރިއެރިކަންވެސް ފާހަގަކޮށްފައެވެ.
ރާއްޖެ ދަރަނިވެރިވެދާނެކަމުގެ އިންޒާރު އައިއެމްއެފް އިން ދީފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ރާއްޖެ ބަނގުރޫޓު ނުވާނެކަމަށް ބުނެފައެވެ. އަދި އެއީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއްކަމަށް ބުނެފައިވެއެވެ.