ގޮންޖެހުންތަކުގައި އިސްތިއުފާ ނުދެއްވައި ރައީސް ޞާލިހު ވަނީ ޤައުމު މިސްރާބުކުރައްވާފައި ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓާރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކޮށް މޫކޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޞާލިހަކީ ކެތްތެރިކަމާއި، ހިކުމަތްތެރި ކަމާއިއެކު ވެރިކަން ކުރައްވާ ރައީސެއް ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރިމަތިވި ޕްރެޝަރާއި، ގޮންޖެހުންތަކާއިއެކު ވެރިކަމުގައި ހުންނެވި ފަރާތުން އިސްތިއުފާ ދެއްވި ނަމަވެސް ރައީސް ޞާލިހަށް މިވެރިކަމުގައި އެތެރެއާއި، ބޭރުން ކުރިމަތިވާ ގޮންޖެހުން ތަކުގައިވެސް އެމަނިކުފާނު ސާބިތުކަން ދައްކަވާފައި ވާކަމަށެވެ.
އިންތިޚާބބެއްގައި ވާދަކޮށްގެން ކަންކަން ބަދަލު ކުރުމުގެ ބަދަލުގައި އެތެރޭގައި ގަޑުބަޑު އުފައްދަން މަސައްކަތް ކުރައްވާ މީހުންނާއިއެކުވެސް މަސައްކަތް ކުރައްވައި، ރައީސް ވަނީ ސާބިތުކަން ދައްކަވާފައިކަމަށެވެ. އެކިއެކި އިލްޒާމުތައް ތަކުރާރުކޮށް އަޅުވަމުންދާއިރުވެސް ރައީސް ގެންދަވަނީ އެކަންކަމަށް ކެތްތެރިވި ހިކުމަތްތެރިކަމާއިއެކު ޤައުމު ހިންގެވުމުގައި އިސްކަން ދެއްވަމުން ކަމަށް މޫކޭ ވިދާޅުވިއެވެ.
ވާދަކޮށްގެން މޮޅުވުން ދޫކޮށް އެތެރޭގެ ގަޑުބަޑަށް މަސައްކަތް ކުރާ މީހުންނާއެކުވެސް ޕާޓީ ހިފަހައްޓައި ދެއްވައިފި. އެކި އިލްޒާމްތަކާއި ބަދުބަސްތަކުގެ ތެރޭ ޕާޓީ ރޫޅާލުމުގެ ފުރުސަތު ނުދެއްވި. އެތެރެ އާއި ބޭރުން ޖައްސާލީމަވެސް އިސްތިއުފާ ނުދެއްވާ ޤައުމު މިސްރާބުކުރެއްވި.
– މޫކޭ ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ރައީސް ޞާލިހާއި ރައީސް ނަޝީދު ވަނީ އިއުލާންކޮށް ކެމްޕެއިން މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.
ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާޅު ކުރައްވާފައެވެ. އެމަނިކުފާނާއި އެކީ އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން، ރައީސް ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ޤައުމީ މަޖިލީހުގެ 120 މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ 167 މެމްބަރުންގެ ތެރެއިން 120 މެމްބަރުންވަނީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ