ދައުލަތާއެކު އެއްބަސްވުމެއް އެކުލަވާލާ 32 ދަޢުވާއަށް ޒިޔަތު އިޢުތިރާފްވެއްޖެ

ދައުލަތާއެކު އެއްބަސްވުމެއް އެކުލަވާލާ 32 ދަޢުވާއަށް ޒިޔަތު އިޢުތިރާފްވެއްޖެ

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2020 12:39
0

އެމްއެމްޕީއާރުސީގައި ބޮޑު ކޮރަޕްޝަން ހިނގައިދިޔައިރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޢަބްދުﷲ ޒިޔަތު ދައުލަތާއެކު އަދަބު ލުއިދިނުމުގެ އެއްބަސްވުމެއް ހަދައި އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އިޢުތިރާފްވެއްޖެއެވެ.

ޒިޔަތު މިކަމަށް އިޢުތިރާފްވެފައިވަނީ ޅ.މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ.މުޙައްމަދު އިބްރާހީމް ވިދާޅުވީ، ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާނެތޯ ފަނޑިޔާރު ސުވާލު ދެންނެވުމުން ޒިޔަތު ވަނީ އެފަދަ ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. ޒިޔަތު ވިދާޅުވީ، އެއީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއްކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

ފަނޑިޔާރު ވަނީ އެފަދަ އިޢުތިރާފް އެއްބަސްވުމެއްގެ ނަތީޖާ އެނގިވަޑައިގަންނަވާތޯ ޒިޔަތާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޒިޔަތު ވިދާޅުވީ އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.

ޒިޔަތުގެ އިސްތިއުނާފް ރައްދުވާ ދައުލަތުގެ ވަކީލް ވިދާލުވީ، ޒިޔަތާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދާފައިވަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޮރަޕްޗަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަޝްވަރާކުރުމަށްފަހުކަމަށެވެ. އެ އެއްބސްވުމުގައި ޒިޔަތާއި ދެކޮޅަށް އުފުލާފައިވާ 32 ދައުވާއަކަށް އޭނާ އިއުތިރާފްވެފައިވާކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އެހެންކަމުން ދައުވާ އަނބުރާ ގެންދިއުމުގެ އިއުތިރާޒެއް ނެތްކަަށްވެސް ވަކީލް ވިދާޅުވިއެވެ.

ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދަޢުވާ ސާބިތުވެ ޒިޔަތު އަންނަނީ 8 އަހަރުގެ ޖަލުހުކުމެއް ތަންފިޒްކުރަމުންނެވެ. ނަމަވެސް ޒިޔަތު ވަނީ ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައެވެ.

ޒިޔަތާއެކު އިއުތިރާފް އެއްބަސްވުމެއް ދައުލަތުން އެކުލަވާލާފައިވާއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޗަންގެ މައްސަލާގައި ޒިޔަތާއެކު އިސްކޮށް ހުންނެވިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދިބުވެސް ވަނީ ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް އެކުލަވާލާ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.