ވާރލްޑްކަޕް ތަށި އުފުލާލާ، މެސީގެ ފުޓުބޯޅައިގެ ހަޔާތް، މަރަޑޯނާ ފަދައިން ތާރީޚުގެ ތެރެއަށް! 

ވާރލްޑްކަޕް ތަށި އުފުލާލާ، މެސީގެ ފުޓުބޯޅައިގެ ހަޔާތް، މަރަޑޯނާ ފަދައިން ތާރީޚުގެ ތެރެއަށް! 

Author
ހުސެއިން
19 ޑިސެމްބަރ 2022 08:37
0

ގަތަރުގައި ކުރިޔަށްދިޔަ 2022 ވަނަ އަހަރުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް އާޖެންޓިނާއިން ކާމިޔާބުކޮށް، އެޓީމު ފުޓުބޯޅައިގެ ތާރީޚުގެ ތެރެއަށް ދަތުރުކުރި އިރު، މި ތާރީޚީ ކާމިޔާބީގެ އެންމެ ކުރީގައި ހުރީ، ދުނިޔޭގެ ތާރީޚު ދުށް އެންމެ ހުނަރުވެރި އެއް ފުޓުބޯޅު ކުޅުންތެރިޔާގެ ގޮތުގައި އިއްތިފާގުވާން މަޖުބޫރު، އާންޖެންޓީނާގެ ފުޓުބޯޅަ ތަރި، ލިއޮނެލް މެސީއެވެ.

90،000 މީހުންގެ ޖާގައޮތް، ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި، މެސީއަށް ތާއީދުކުރާ 40،000 ފޭނުންގެ ކުރިމަތީގައި ރޭ ކުޅެވިގެންދިޔަ ފޯރިގަދަ ފައިނަލް މެޗް ވެގެންދިޔައީ ވާރލްޑްކަޕްގެ މުޅި ތާރީޚުގައިވެސް ކުޅެވިގެންދިޔަ އެންމެ ފޯރިގަދަ، އަދި ނޭވާ ހިފަހައްޓާލަން ޖެހުނު އަތައް ހިނދުކޮޅެއްއައި ފުޓުބޯޅަ މެޗްކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އެއް ސަބަބަކަށް ވެގެން ދިޔައީ، މި މެޗްގައި، ދުނިޔޭގައި މިވަގުތު ހުރި ފުޓުބޯޅައިގެން އެންމެ އަލިގަދަ ތަރި، ލިއޮނެލް މެސީ މޮޅު ކުޅުމެއް ދައްކަމުން ދިޔައިރު، ދަށި ދިފާޢު ކުރުމަށް ނުކުތް ފްރާންސްގެ ޓީމުންވެސް ސާބިތު ކޮށްދެމުންދިޔަ ވަރުގަދަ އަދި މޮޅު ކުޅުމާއެކު، ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް، މެޗްގައި ގިނަ ގޯލްތަކެއް ފެނި، އިތުރުވަގުތު ކުޅެ ނިމިގެން ދިޔައިރުވެސް، ވަރުބަލިކަމެއް ނެތި ކުޅެމުން ދިޔަ ދެޓީމު އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުމެވެ.

ހަމަ އެއާކު މިމެޗްގައި ގޯލްތައް ސްކޯ ކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ހާފްގައި އާޖެންޓީނާއިން ދެއްކި މޮޅު ކުޅުމާއެކު، އަދި އެޓީމުގެ ކެޕްޓަން މެސީގެ ނެވިކަމުގައި ވާރލްޑްކަޕް ތަށި އުފުލާލުމަށް ކުރަމުން އައި އުއްމީދުތަކަށް 2-0ގެ ނަތީޖާއަކުން ދިރުން ގެނެސްދީފައި ވަނިކޮށް، ފަހަތުން އަރާ ފްރާންސް ޓީމުން މެޗްގެ ސްކޯ އެއްވަރުކުރި ކުރުންވެސް ވެގެންދިޔައީ މި ފައިނަލް މެޗްގެ ފޯރި އޭގެ އެންމެ އުހަށް ދަތުރުކަރަން މެދުވެރިވި އެއް ސަބަބު ކަމުގައެވެ.

މެޗްގެ ފުލްޓައިމް ކުޅެ ނިމުނު އިރު، މޮޅު ކުޅުމެއް ދައްކަމުންދިޔަ ދެޓީމު އެއްވަރު ވުމާއެކު، ދެން ކުޅުނު އިތުރު ވަގުތުވެސް ވެގެންދިޔައީ ދަނޑަށް ވަދެ ތިބި 90،000 ބެލުންތެރިންގެ އިތުރުން، މެޗްގެ މަންޒަރުތައް ބަލުމުންދިޔަ ފުޓުބޯޅައިގެ އެތައް މިލިއަން ފޭނުންނަށް ނޭވާ ހިފަހައްޓާލަން ޖެހުން އެތައް ދަޑިވަޅުތަކެއް ގެނެސްދިނަ 15 މިނިޓްގެ ދެ ހާފް ކަމުގައެވެ.

ޜޭގެ ފައިނަލް މެޗް ކާމިޔާބު ކުރުމަށްފަހު އާންޖެންޓީނާގެ ޓީމުން އުފާ ފާޅުކުރަނީ

މިގޮތުން އިތުރު މިނިޓްގެ ދެވަނަ ހާފް ނިމެމުން ދަނިކޮށް، އާޖެންޓީނާގެ ފުޓުބޯޅަ ތަރި މެސީ ފްރާންސްގެ ގޯލަށް ވައްދާލި ބޯޅައާއެކު، އެޓީމަށް ވާރލްޑްކަޕް ކާމިޔާބު ކުރެވުނު ކަމުގެ އިހުސާސުގައި ގިނަބަޔަކު ތިއްބާ މުޅި މެޗްގެ އޮއިވަރު ބަދަލުކޮށްލީ ލިބުނު ޕެނަލްޓީއެއްގައި، އިތުރު ވަގުތުގެވެސް އެންމެ ފަހު މިނިޓްކޮޅުގެ ތެރޭގައި މެޗްގައި ހެޓްރިކް ހެދި، ފްރާންސްގެ ޒުވާން ތަރި ކިލިއަން މްބައްޕޭ އެޓީމަށް ޕެންލްޓީއަކުން ކާމިޔާބު ކޮށްދިން 3 ވަނަ ގޯލާއެކުއެވެ.

އިތުރު ވަގުތާއެކު، މުޅި މެޗްގެ 120 މިނިޓްގެ ކުޅުން ނިމިގެން ދިޔައިރު، ދެޓީމުންވެސް ވަރުގަދަ ކުޅުމެއް ދައްކާ، އަދި 10 ނަމްބަރު ޖާޒީގައި މެޗްގައި ކުޅެމުންދިޔަ ދެ ތަރިން ކަމަށްވާ، އާޖެންޓީނާގެ ލިއޮނެލް މެސީއާއި ފަރާންސްގެ ކިލިއަން މްބައްޕޭގެ ހުނަރުވެރި ކުޅުމާއެކުވެސް ނަތީޖާ ނުނެރެވި، މެޗްގެ ނަތީޖާ ނެރުމަށްޓަކާ ކުރިމަތިލާން ޖެހުނީ ޕެންލަޓީއާއެވެ.

އެއާއެކު، މިހާތަނަށް ދުނިޔެ ދުށް އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އެތައްބަޔަކު މިއަދުވެސް އިއްތިފާގުވާ، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ 1986ވަނަ އަހަރު ވާރލްޑްކަޕް ތަށި އުފުލާލުމަށްފަހު ފާއިތުވެދިޔަ 36 އަހަރުވަންދެން އާޖެންޓީނާއިން ކުރަމުން އައި އުންމީދު އެޓީމަށް ހާސިލް ވެގެން ދިޔައީ، ފްރާންސްއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ އާޖެންޓީނާގެ ހުނަރުވެރި ކީޕަރު މަތަކޮށް އަނެއް ޕެނަލްޓީ ބޭރަށް ދިއުމާއެކުވެ.

 

މެސީގެ ފުޓުބޯޅައިގެ ހަޔާތް، މަރަޑޮނާ ފަދައިން ތާރީޚުގެ ތެރެއަށް! 

ރޭ ކުޅެވިގެންދިޔަ ވާރލްޑަކަޕް ފައިނަލް މެޗް އާޖެންޓިނާއިން ކާމިޔާބު ކުރުމާއެކު، ގިނަބަޔަކު އުފާފާޅު ކުރި އެއްކަމަކަށް ވެގެން ދިޔައީ، މިމެޗްގައި މޮޅު ކުޅުމެއް ދެއްކި، އާޖެންޓިނާގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީގެ ފުޓުބޯޅައިގެ ހަޔާތް ފުޓުބޯޅައިގެ ތާރީޚުގައި ލިޔެވިގެން ދިޔަ ދިއުމެވެ.

މިގޮތުން، މެސީގެ ކެޕްޓަން ކަމުގައި އާޖެންޓީނާ ތަށި އުފުލާލުމާއެކު ގިނަބަޔަކަށް ގެނުވި ހަނދާންތަކަކީ، އާޖެންޓީނާގެ ތަރި މަރަޑޯނާ 1986 ވަނަ އަހަރު، މެސީ ފަދައިން އޭނާގެ ފުޓުބޯޅައިގެ ހަޔާތުގެ ރަންޒަމާނުގައި އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން އެއަހަރުގެ ވާރލްޑްކަޕްގެ ހަނދާންތަކެވެ.

އެ ވާލްޑްކަޕްވެސް ވެގެން ދިޔައީ މަރަޑޯނާ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކައިދިން ވާލްޑްކަޕަކަށެވެ. އަދި މިހާތަނަށް ވާރލްޑްކަޕް ތާރީޚުގައި ޖަހާފައިވާ، "ހޭންޑް އޮފް ގޯޑް"ގެ ނަމުން މަޝްހޫރު ވެފައިވާ، އެންމެ އާދަޔާ ޚިލާފް ގޯލްވެސް މަރަޑޯނާ އިނގިރޭސި ޓީމުގެ ގޯލަށް ވައްދާލާފައިވަނީ މި ވާރލްޑްކަޕްގައެވެ. މި މެޗަށްފަހު މަރަޑޯނާ ބުނެފައިވަނީ، މި ގޯލް ކާމިޔާބު ކުރީ "ބޮލުން ކުޑަކޮށް ބޯޅާގައި ޖައްސާ، އެހެންނަމަވެސް، "ކަލާނގެ އަތުން" ކަމުގައެވެ.

ރޭ އާޖެންޓިނާ ފްރާންސްްއާއި ދެކޮޅަށް ކުޅެ، އެޓީމުގެ ތަރި މެސީގެ ކެޕްޓަންކަމުގައި ވާރލްޑްކަޕް ތަށި ކާމިޔާބު ކުރުމަށްފަހު، އާރޖެންޓީނާގެ ޓިމުގެ ކުޅުންތެރިންވަނީ، ކުޅުންތެރިންގެ ކޮނޑުގައި މެސީ ބައިންދައިންގެން، 1986 ވަނަ އަހަރު ތަށި އެޓީމުން ކާމިޔާބު ކުރުމަށްފަހު މަރަޑޯނާއާއެކު އުފާފާޅު ކުރި ބީދައިން އުފާ ފާޅުކޮށްފައެވެ.

1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރުމަށްފަހު މަރަޑޯނާއާއެކު އުފާފާޅު ކުރިގޮތަށް މިއަހަރުގެ ފައިނަލަށްފަހު އާޖެންޓީނާ ޓީމުން މެސީއާއެކު އުފާ ފާޅު ކުރަނީ

ހަމައެއާއެކު މިއަހަރުގެ ވާރލްޑްކަޕް މުބާރާތް މެސީ ކާމިޔާބު ކުރިކުރުން ޚާއްސަވެގެން ދިޔަ އެހެން ސަބަބުތައްވެސް ހުއްޓެވެ.

މިގޮތުން މެސީއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު އިއްތިފާގުވާއިރު، ގަބޫލުކުރެވޭ ގޮތުގައި މި މުބާރާތް ވެގެންދާނީ އޭނާގެ ފުޓުބޯޅައިގެ ހަޔާތުގެ އެންމެ ފަހު ވާރލްޑްކަޕް މުބާރާތް ކަމުގައެވެ. އަދި މިމުބާރާތަށްފަހު ބައިނަލްއަގުވާމީ ފުޓުބޯޅައިން މެސީ ރިޓަޔަރ ކުރާނެކަމަށް ބެލެވޭއިރު، މިމުބާރާތުގައިވެސް މޮޅުކުޅުމެއް ދައްކާފައިވާ މެސީ މުބާރާތުގެ ތަށި އުފުލާލާތަން ދުށުމުގެ އިންތިޒާރީގައި އޭނާގެ އަތައް މިލިއަން ފޭނުންނެއް ތިބީ ކެތް މަދުވެފައެވެ.

އެހެންކަމުން، ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަން އެތައް އަހަރެއްވަންދެން ކުރުމަށްފަހު އޭނާ ބައިނަލްއަގުވާމީ ދަނޑުން ރިޓަޔަރ ކުރާއިރު، ވާރލްޑްކަޕް ތަށި އުފުލާލަން ލިބުނު މިފުރުސަތު ވެގެންދާނީ އެތައްކާމިޔާބީއަކުން ޖަރީވެފައިވާ މެސީގެ ފުޓުބޯޅައިގެ ހަޔާތުގައި އޭނާއަށްވެސް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީ ކަމުގައެވެ.

 

ޔޫރަޕްގެ ބާރު ނިމުމަކަށް!

މިއަހަރުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދުމާއެކު، ފާއިތުވެދިޔަ، ޖެހިޖެހިގެން އައި 4 ވާރލްޑްކަޕް ކާމިޔާބުކޮށް، ދުނިޔޭގައި ފުޓުބޯޅާގައި ޔޫރަޕުން ދަމަހައްޓަމުން އައި ކާމިޔާބީގެ ސިލްސިލާއަށްވެސް ވަނީ ނިމުން އައިސްފައެވެ.

މިގޮތުން ސައުތު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ފަހުން ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައިވަނީ ބްރެޒިލްއިންނެވެ. އެއީ ޖަޕާން އަދި ސައުތު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވުނު ވާރލްކަޕް މުބާރާތެވެ.

އާޖެންޓީނާއަށް މީގެ ކުރިން ކާމިޔާބު ކުރެވިފައިވަނީ ވާރލްޑްކަޕްގެ 2 މުބާރާތެކެވެ. އެއީ 1978 ވަނަ އަހަރުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތާއި 1986 ވަނަ އަހަރުގެ ފުޓުބޯޅަ މުބާރާތެވެ.

ރޭގެ މެޗްގައި ފްރާންސްގެ ޒުވާން ތަރި މްބައްޕޭ ވަނީ މޮޅު ކުޅުމެއް ދައްކާ ހެޓްރިކް ހަދާފަ

ވާރލްކަޕްގެ ތާރީޚުގައި ބްރެޒިލްއިން 5 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، 4 ފަހަރަށް މުބާރާތުގެ ތަށި ކާމިޔާބު ކުރުމުގެ ޝަރަފް ލިބިފައިވަނީ 2 ގައުމަކަށެވެ. އެއީ ޖާރމަނީއާއި އިޓަލީއަށެވެ. ރޭގެ ކާމިޔާބީއާއެކު އާޖެންޓީނާ ހިމެނިގެން ދާނީ، 3 ފަހަރަށް ވާރލްޑްކަޕް ކާމިޔާބުކޮށް 4 ވަނައަށް އެންމެ ގިނައިން ވާރލްޑްކަޕް ތަށި އުފުލާލި ގައުމު ކަމުގައެވެ. ދެ ފަހަރަށް ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކުރެވިފައިވަނީ ރޭގެ ފައިނަލްގައި އާޖެންޓީނާއާއި ވާދަކުރި ފްރާންސްއަށެވެ. އިންގލޭންޑާއި ސްޕެއިންއިން ވަނީ އެއްފަހަރު ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައެވެ.

މިއަހަރުގެ ވާރލްޑްކަޕް މުބާރާތް އާޖެންޓީނާއިން ކާމިޔާބު ކުރިއިރު، ފަހަކަށް އައިސް އެގައުމަށް ބައިނަލްއަގުވާމީގޮތުން ހޯދުނު ހަމައެކަނި ކާމިޔާބީއަށް ވެގެން ދިޔައީ ފާއިތުވެދިޔަ އަަހަރު ބޭއްވުނު ކޮޕަރ އެމެރިކާ ފުޓުބޯލަ މުބާރާތެވެ. މިމުބާރާތަކީ 1993 ވަނަ އަހަރަށްފަހު އެގައުމަށް އުފުލާލެވު ބައިނަލްއަގުވާމީ ބޮޑު ހަމައެކަނި މުބާރާތެވެ.

ރޭގެ މެޗްގައި ފްރާންސް ބަލިވުމާއެކު މި ބަލި ވެގެންދިޔައީ، ވާރލްޑްކަޕް ފައިނަލެއްގައި ޕެނަލްޓީން ޖަހައިންގެ އެޓީމު ބަލިވެގެންދިޔަ ދެވަނަ ފަހަރު ކަމުގައެވެ. 2006ވަނަ އަހަރުގެ ވާރލްޑްކަޕް ފައިނަލްގައިވެސް އިޓަލީއަތުން ފްރާންސް ބަލިވީ ޕެނަލްޓީން ޖަހައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.