އެމްޑީޕީ މެނިފެސްޓޯ ތަންފިޒުނުވާކަމަށް ވިދާޅުވެ ޒަމީރުގެ ފާޑުކިއުން ސަރުކާރަށް!

އެމްޑީޕީ މެނިފެސްޓޯ ތަންފިޒުނުވާކަމަށް ވިދާޅުވެ ޒަމީރުގެ ފާޑުކިއުން ސަރުކާރަށް!

Author
ޢަލީ އާދަމް
17 ޑިސެމްބަރ 2022 08:42
0

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހުށަހެޅި އެޕާޓީގެ މެނިފެސްޓޯ ތަންފިޒުނުވާކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ފަހަކަށްއައިސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވާ ޒަމީރު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށް ނުދެއްވާ މައްސަލާގައި ހަންބޮޑުވުން ފާޅުކުރައްވަމުން މިދިޔަ ބުރާސްފަތިދުވަހު އޮތް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށް ނުދޭ މައްސަލާގައި މޭޔަރާއި މާލޭ ސިޓީކައުންސިލްގެ ގިނަ މެމްބަރުންވަނީ ސަރުކާރަށް ފާޑުވިޑާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބުރާސްފަތިދުވަހުގެ ޖަލްސާގައި ޒަމީރު ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ނުކުތީ މެނިފެސްޓޯ އެއް ހިފައިގެންކަމަށެވެ.  އެހެން ނަމަވެސް އެ މެނިފެސްޓޯ މިހާތަނަށްވެސް މި ސަރުކާރަށް ތަންފީޒުކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތު ތަންފިޒުކުރުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ މުޅިން އެހެންކަމަކާހެދިކަމަށާ، މިސަރުކާރު މިއުޅެނީ ކޯލިޝަނަކުން ސަލާމަތްނުވެވިގެންކަމަށް ވިދާޅުވެ ޒަމީރުވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

މާލޭ ސިޓީކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ދަތިކޮށް ހުރަސް އަޅާކަމަށާ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި އެނޫންވެސް ކަންކަމަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަމަށް ޒަމީރު ތުހުމަތުކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމުން މާލޭ ސިޓީ ކައުންސިލް އެކަހެރިކޮށް ބާކީކޮށްލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.