ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުފެއްދެވި ރިޔާސީ ކޮމިޝަކީ ސިޔާސީ މަންފާތަކަށް ކަންކަން ހާސިލް ކުރުމަށް އުފައްދާފައިވާ ސިޔާސީ ކޮމިޝަނެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލުޝަނުން ބުނެފިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާއި ކުރީގެ ރައީސް ޔާމީން އާ ގުޅުވައި މަރު ކޮމިޝަނުން ކުރި ތުހުމަތުތަކާއި ގުޅިގެން ރޭ ޕީޕީއެމް، ޕީއެންސީން ބޭއްވި ނޫސްވެރިނގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ނިމެން އަހަރަކަށް ވެފައިވާއިރުވެސް އެއްވެސް މަރަކަށް އިންސާފެއް ނުހޯދި ވެރިކަން ހޯދުމަށް ދެއްކި ވާހަތަކަކީ ސިޔާސީ ވާހަތަކެއްކަން ރައްޔިތުންނަށް ހާމަވުމުން، އަނެއްކާވެސް މަރު ކޮމިޝަން ބޭނުންކޮށް ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ނަމަވެސް ރައްޔިތުންނަށް މިހާރު މަރުކޮމިޝަންގެ މަގުސަދާއި، ދައްކާ ވާހަތައް ސާފުކަމަށާއި، މަރުކޮމިޝަނަކީ ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލްކުރަން އުފައްދާފައިވާ ކޮމިޝަނެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
ރިލްވާން މަރާލުމުގެ ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރައިގެން ދިޔައީ ރައީސް ޔާމީން އާ ބައްދަލުކޮށް މަރުގެ ހަގީގަތް ކިޔައިދިނުމަށް ފަހު ރައީސްގެ އެހީތެރިކަމާ އެކު ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމިޝަނުގެ މެންބަރު، މިސްބާހު އައްބާސް ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ހިންގި ތަހުގީގަށް ހައްޔަރު ކުރި ބައެއް މީހުން މިނިވަން ކުރުމަށް އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ސަރުކާރުގެ ވެރިންނާ ގުޅުން އޮތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން މުނާޒް ސީރިއާ އަށް ފުރުމުގެ ކުރިން ޔާމީންއާ ބައްދަލުކޮށް ގަދަކަމުން ކާރަކަށް ލައިގެން މަރާލުމުގައި ބައިވެރިވި މީހުންނާ އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަން ކޮމިޝަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށް ވިދާޅުވިއެވެ. އެކަން ހިއްސާ ކުރީ މުނާޒް އާ ވަރަށް ގާތް މީހެއް ކަމަށް މިސްބާހް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި ކުރައްވާ މަސައްކަތުން ރައީސް ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ގައުމާ ދޭތެރޭގައި ހިޔާނާތްތެރިވުމަށް ހުރަސް އެޅެއެވެ. އެހެންވެ، މިއީ ވާހަކަ އޮޅުވާލުމުގެ ބޭނުމުގައި ދައްކާ ވާހަކައެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސް ސޯލިހް ކުޅުއްވާ ކާޑެއް ކަމަށާއި އެ ކާޑު ކުޅެގެން އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި ކުރިން މަރު ކޮމިޝަންގެ ރައީސް އަކަށް ހުންނެވި ހުސްނުއް ސުއޫދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރިލްވާން ގެއްލުމުގައި ޔާމީންގެ ބައިވެރިވުމެއް ނެތް ކަން ވިދާޅުވި ކަމަށެވެ. ސޫއޫދަކީ މިހާރު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ.
އަދުރޭ ވިދާޅުވީ މަރު ކޮމިޝަނުން އެފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ޔާމީންގެ އަބުރު ކަތިލުން ކަމަށާއި މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާ ކަމާއި ދެވަނަ ދައުރެއް ނުލިބޭނެ ކަން ކަށަވަރު ކުރެވުމުން އަނެއްކާވެސް ޔާމީނަށް އުނދަގޫ ކުރުން ކަމަށެވެ.
މި ސަރުކާރު އައި ފަހުން ވެސް ގޮތް ނޭނގޭ އެތައް މަރެއް ހިނގާފައިވާ ކަމަށާއި އެކަންކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.