އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އިތުރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެޕާޓިގެ 2023ގެ ރިޔާސީ ޓިކެޓް، ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމަށް ކަށަވަރު ވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީކަމުގައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީގެ) ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވެފައިވަނީ މިއަދުގެ މެންދުރު 2:00ގެ ނިޔަލަށެވެ.
އެމްއެންޕީގެ އިސް ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެފައިވަނީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނާޒިމްއާއި ވާދަކުރުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން، 2023ގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި ހަމަޖެހިގެންދާނީ ޕާޓީގެ ރައިސް ނާޒިމް ކަމުގައެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް މީގެ ކުރިންވެސް ހާމަކުރައްވާފައި ވެއެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުއްވުމަށްފަހު ނާޒިމް ވިދާޅުވެފައިވަނީ، އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއްކަމަށާއި، އާ ފުރިހަމަ ވިސްނުމެއްކަމުގައެވެ.
ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ ހިންގަވާ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ގައުމީ ކައުންސިލްއިން މީގެކުރިން ވަނީ ނިންމާފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭވެސް ހިމެނެއެވެ. އޭގެ އިތުރުން ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީންވަނީ އެ ޕާޓީންވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރޭނެކަން ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ