ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުއެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފައި ވަނީ އާޖެންޓީނާ، ކްރޮއޭޝިއާ ފްރާންސް އަދި މޮރޮކޯއެވެ. އޭގެ ތެރެއިން އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު މާދަމާ ރޭ ރާއްޖެ ގަޑިން 12:00ގައި ފަށާއިރު، ފްރާންސްއާއި މޮރޮކޯ ބައްދަލު ކުރާ މެޗު އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ އެ ވަގުތުގައެވެ.