މިދިޔަ މަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. މިމައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވެ، މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ވަނީ މީގެ ތެރެއިން އެއަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޢަމުރުކޮށްފައެވެ. އަދި އަނެއް ފަސްމީހުން 30 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ މުއްދަތު ދީފައެވެ.
މިއެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. ފުލުހުން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ، މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަނެފައިވެއެވެ. މިތަކެއްޗާއެކު ގިނަ ޢަދަދެއްގެ ފައިސާ ވެސް ފުލުހުން އަތުލައިގަތެވެ. މިމައްސަލާގައި ފުލުހުން ވަނީ 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި ފައިސާ ހޯދާފައިވަނީ މާލޭގެ 2 ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ