މިހާރު ގަތަރުގައި ހިގަމުންދާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ވެގެންދަނީ އެތައް ގޮތަކުން ޚާއްސަ ވެގެންދާ ފުޓުބޯޅައިގެ އީދަކަށެވެ. ސަބަބަކީ، މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އަރަބި އިސްލާމީ ގައުމެއްގައި ބޭއްވިގެންދާ ފުރަތަމަ ވާރލްޑްކަޕް މުބާރާތައް ވެގެން ދިއުމުގެ އިތުރުން، ދުނިޔޭގެ ފުޓް ބޯޅައިގެ ބޮޑެތި ބާރުތައްކަމަށް ބެލެވުނު، އަދި މިއަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެތައް ބަޔަކު ދެކެމުން އައި، ދުނިޔޭގެ ރޭންކިންގެވެސް އެންމެ ކުރީގައިވާ ބައެއް ޓީމުތައް މުބާރާތުގެ ކުރީކޮޅުގައި އަލްވަދާއު ކިޔަން ޖެހުމެވެ.
1930 ވަނަ އަހަރު ވާރލްޑް ކަޕް މުބާރާތް ބާއްވަން ފެށިފަހުން މިހާތަނަށް 21 މުބާރާތް ބާއްވާފައިވާއިރު، މިއީ އަރަބި އިސްލާމީ ގައުމެއްގައި ބޭއްވޭ ފުރަތަމަ މުބާރާތެވެ.
ހަމަ އެއާއެކު، މިހާރު 4 ޓީމެއް މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައިވާއިރު، މީގެ ތެރޭގައި، މި މުބާރާތުގައި މާ ބޮޑު ކާމިޔާބީއެއް ހޯދިދާނެކަމަށް ކުރިން ގިނަބަޔަކު ގަބޫލު ކޮށްފައި ނުވާ މޮރޮކޯ މުމިބާރާތުގައި މިހާތަނަށް ދައްކާފައިވާ ގަދަފަދަ ކުޅުމާއި، އަދި ސެމީ ފައިނަލާހަމައަށް ދަތުރު ކުމުރުމުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ މުބާރާތުގެ ތަށި އެފްރިކާ ބައްރުގެ އިތުރުން އަރަބި ގައުމެއްގައި ބެހެއްޓުމަށް އަރަބި އަދި އެފްރިކާ ބައްރުން ކުރަމުންދާ އުއްމީދުގެ ސަބަބުންވެސް މިއަހަރުގެ ވާރްލްޑް ކަޕް މުބާރާތް ވެގެން ދަނީ ފަހުގެ ތާރީޚެއްގައި ބޭއްވިގެންދާ އެންމެ ފޯރިގަދަ އަދި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެންނަމުންދާ މުބާރާތް ކަމުގައިވެސްމެއެވެ.

މިގޮތުން، ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ ވާރލް ކަޕްގެ މިއަހަރުގެ މުބާރާތުގައި ރޭގެ މެޗްތަކާއެކު ކުއާޓަރ ފައިނަލްގެ މެޗްތައް މިވަނީ ނިމުމަކަށް އައިސްފައެވެ. ރޭ ކުޅެވިގެންދިޔަ މޮރޮކޯ ޕޯޗުގަލް މެޗްގައި، މެޗްގެ ފުރަތަމަ ހާފްގައި ސްކޯ ކޮށް، މޮރޮކޯއިން ވަނީ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ވާރލްޑް ކަޕް ފުޓު ބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ ތާރީޚުގެ ތެރެއަށް ދަތުރު ކޮށްފައެވެ.
ރޮނާލްޑޯގެ އުއްމީދު ފެނަށް!
ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމުގައި ބެލެވެމުން އަންނަ ޕޯޗުގަލް ބަލިކޮށް މޮރޮކޯއިން ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ކުރުން ވެގެން ގޮސްފައިވަނީ، ބައިނަލް އަގުވާމީ ފުޓުބޯޅާގައި އެޤައުމަށް ލިބިގެންދިޔަ އެންމެބޮޑު ކާމިޔާބީ ކަމުގައެވެ. ރޭ ކުޅެވިގެންދިޔަ މިމެޗްގައި މޮރޮކޯއިން ވަނީ މެޗު ފެށުނީއްސުގެ ވަރުގަދައަށް ޑިފެންސްކޮށް، ދޭތެރެ ދޭތެރެއިން ޕޯޗުގަލް ގޯލަށް ނުރައްކާ ކޮށްފައެވެ.
ރޭގެ މެޗުގައި މޮރޮކޯގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 42 ވަނަ މިޓުގައި އެ ޓީމުގެ ޔޫސުލް އަލް ނަސީރީ ކާމިޔާބުކުރި ގޯލުންނެވެ. އޭނާގެ މިގޯލަކީ އެެރިއާތެރެއަށް ނެގި ހުރަހަކުން ބޮލުން ޖެހި ހިތްގައުމު ގޯލެކެވެ. ނަސީރީއަކީ ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުންދާ އިތުރުބާރު ފޯވާޑެެކެވެ.
ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ރޭގެ މެޗުވެސް ފެށީ ބެންޗުންނެވެ. ނަމަވެސް ފަހުހާފު ފެށުމާއިއެކު އޭނާ ވަނީ ކުޅެން ނެރެފައެވެ. ނަމަވެސް ރޮނާލްޑޯގެ ފަރާތުން ނުރައްކާތެރި އެއްވެސް ހަމަލާއެއް ރޭގެ މެޗުގައި ފެނިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މެޗުގެ އެންމެ ރަނގަޅު ފުރުސަތެއް މެޗު ނިމެން މިނިޓެކަށް ވެފައި ވަނިކޮށް ލިބިގެން ގޮސްފައިވަނީ ޕޯޗުގަލެ ޑިފެންޑަރު ޕެޕޭއަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.
ރޭގެ މެޗު ނިމުމާއިއެކު ރޮނާލްޑޯ ވޯލްޑްކަޕްގެ ތައްޓަށް ކުރަމުންދިޔަ އުންމީދު ވަނީ ނިމުމަކަށް އައިސްފައެވެ. ކެރިއަރުގައި ހޯދަން އެންމެ ބޭނުންވި ކާމިޔާބީ ނުލިބި މުބާރާތާއި ވަކިވާން ޖެހުމުން ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޓީވީތަކުން ވަނީ، މެޗަށްފަހު ރޮބާލްޑޯ ރޮމުން ޗޭންޖިން ރޫމަށް ދިޔަ މަންޒަރުތައް ލައިވްކޮށް ދައްކާފައެވެ.

މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2018ވަނަ އަހަރު ބޭއްވުނު ވާރލްޑް ކަޕް ފުޓު ބޯޅަ މުބާރާތުގައެވެ. އެ މެޗްގައި ކާމިޔާބުކުރި ހަމައެކަނި ގޯލް ކާމިޔާބު ކޮށްދީގައިވަނީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއެވެ.
މޮރޮކޯގެ ތާރީޚީ ކާމިޔާބާއެކު، އަރަބި އަދި އެފްރިކާ ބައްރު ތަށީގެ އުއްމީދުގައި!
ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ މޮރޮކޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ރޭ ޕޯޗުގަލް ބަލިކޮށް ސެމީ ފައިނަލަށް އެޓީމު ދިއުމަކީ މޮރޮކޯގެ ފުޓު ބޯޅައިގެ ތާރީޚުގައި އެގައުމަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. އަދި އެޓީމު ވެގެން ގޮސްފައިވަނީ މިމުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި އެފްރިކާ ބައްރަށް ނިސްބަތްވާ ފުރަތަމަ ގައުމު ކަމުގައިވެސް މެއެވެ. ހަމައެއާއެކު، ވަކިން ހާއްސަކޮށް މި ކާމިޔާބާއެކު، މޮރޮކޯގެ ކޯޗު ވާލިދު ރެގްރާގީ އަށްވެސް ވަނީ ވަރަށް ހާއްސަ ފަހުރެއް ލިބިފައެވެ. ރެގްރާގީ އަކީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ޓީމެއް ގެންގޮސްދިން އެފްރިކާގެ ފުރަތަމަ ކޯޗެވެ.
މޮރޮކޯ މިހާތަނަށް ވާރލް ކަޕް ފުޓުބޯޅަ މުބާރާތަށް ކޮލިފައި ވެފައިވަނީ 6 ފަހަރުމަތިންނެވެ. އެއީ 1970, 1986, 1994, 1998, 2018 އަދި 2022 ވަނަ އަހަރުއެވެ. މިގޮތުން މޮރޮކޯއަކީ ދުނިޔޭގެ ފުޓު ބޯޅާގައި 22 ވަނަ އަށް ރޭންކު ކޮށްފައިވާ ގައުމަށް ވާއިރު، ޕޯޗުގަލް ރޭންކު ކޮށްފައިވަނީ ދުނިޔޭގެ ފުޓު ބޯޅައިގެ 20 ވަނާގައެވެ.
އެހެންނަމަވެސް، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އަލިގަދަ އެއް ތަރި ކަމުގައިވާ ޕޯޗުގަލްގެ ކުރިޓިއާނީ ރޮނާލްޑޯއާއެކު އެގައުމުގެ ޓީމުގެ އަބަދުވެސް ބެލެވެމުން އައިސްފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައެވެ.
ހަމައެއާއެކު، ދުނިގޭ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި އެފްރިކާ ބައްރުގެ ގައުމަކަށް މިހާތަނަށް މިމުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރެވިފައެއް ނުވެއެވެ. އަދި އަމުދުން އަރަބި އިސްލާމީ ގައުމަކަށް، މި މުބާރާތުގެ ތާރީޚުގައި އަދި މިހާތަނަށް މުބާރާތަކުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރެވިފައެއް ނުވެއެވެ.

ނަތީޖާއަށް ވެގެންދަނީ، ދުނިޔޭގެ ދަވަނައަށް ރޭންކު ކޮށްފައިވާ ބެލްޖިއަމް ބަލިކޮށް، އަދި ޔޫރަޕްގެ ފުޓުބޯޅައިގެ ބާރެއްކަމުގައިވާ ސްޕެއިން ބަލިކޮށް، ކުއާޓަރ ފައިނަލްގައި ޕޯޗުގަލް ބޮލިކޮށް ކުރިޔަށް އޮތް ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާއި ކުރިމަތިލާން ކަމަރު ބަނދެފައިވާ މޮރޮކޯގެ ޓީމާމެދު މުޅި އެފްރިކާ ބައްރުގެ އިތުރުން އަރަބި ދުނިޔެއިންވެސް ކުރަމުން އަންނަ އުއްމީދު އޭގެ އެންމެ އުހަށް ދަތުރު ކުރުމެވެ.
އަދި މިއީ 92 އަަހަރުގެ މި މުބާރާތުގެ ތާރީޚުގައި ވާރލްޑް ކަޕް ތަށި އެފްރިކާ ބައްރުގައި ބަހައްޓާނެ ފަހަރު ކަމުގައި އެބައްރުން އުއްމީދު ކުރަމުން ދާއިރު، އަރަބި އިސްލާމީ ގައުމުތަކުން މިހާރު އުއްމީދު ކުރަމުންދަނީ، މިމުބާރާތް ވެގެންދާނީ ވާރލްޑް ކަޕް ތަށި އަރަބި އިސްލާމީ ގައުމެއްގައި ބަހައްޓާނޭ ފުރަތަމަ ފަހަރު ކަމަށް ވެގެން ދާނޭ ކަމުގައެވެ.
ކޮމެންޓު ފޮނުވާ