މާފަރު އެއަރޕޯޓުގެ 2 ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

މާފަރު އެއަރޕޯޓުގެ 2 ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

Author
ޢަލީ އާދަމް
08 ޑިސެމްބަރ 2022 09:29
0

މާފަރު އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޑޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާށތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދަމް އާޒިމެވެ.

މިއީ އަބޫދާބީ ފަންޑުން ޖުމުލަ ހަތާވީސް މިލިޔަން އެއް ލައްކަ އަށްޑިހަ ހާސް އަށް ސަތޭކަ ތިރީސް ފަސް ރުފިޔާ އޮނަތިރީސް ލާރި، ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢަށް ދިވެހި ސަރުކާރުގެ ބަޖެޓުން ފަންސަވީސް މިލިޔަން އެއް ލައްކަ ސާޅީސް ހަތް ހާސް ހަތް ސަތޭކަ އަށް ރުފިޔާ އަށްޑިހަ އެއް ލާރި ޚަރަދުކުރެއެވެ.

ޖުމުލަ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ޙަވާލުކުރި މިމަޝްރޫޢުގެ ދަށުން މާފަރު އެއަރޕޯޓުގެ ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ބޮއިން 777 – އީއާރު 300، މަރުކާގެ މަތިންދާބޯޓު އޮޕަރޭޓުކުރެވޭ މިންވަރަށް އެއަރޕޯޓު ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން އެއަރޕޯޓު ރަންވޭ އިތުރު 650 މީޓަރަށް ދިގުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުންވެސް މިމަޝްރުޢުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރާ އެއަރޕޯޓު ރަންވޭގެ ޕޭވްމަންޓް އަޕްގްރޭޑްކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި އޭޖީއެލް، އަޕްގްރޭޑުކުރުންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.