ބަތް ޕާރުސަލެއްގެ މައްސަލާގައި، ސުޕްރީމްކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކޮށް ޖޭއެސީން ބަލަމުންދާ ސުލޫކީ މައްސަލާގައި ޢަދުލުގެ ޤަލަމުން ތުނޑު ނުގޮސް ގޮތެއް ކަނޑައެޅޭނެކަމަށް އުންމީދުކުރައްވާކަމަށް ރާއްޖޭގެ ކުރީގެ އެޓާނީ ޖެނަރަލް ޑރ.އަޙްމަދު ޢަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ޑރ.ސަވާދަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރުން 2010ވަނަ އަހަރަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަމާއި 2010ވަނަ އަހަރުން 2011ވަނަ އަހަރަށް އެޓާނީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ. އަދި މިހާރުވެސް ޤާނޫނީ މަސައްކަތް ކުރައްވަމުންދާ މަޝްހުރު ޤާނޫނީ ވަކީލެކެވެ.
މަހާޒުގެ މައްސަލާގައި ޑރ.ސަވާދު ކުރެއްވި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި ގުޅޭ މައްސަލައެއް ޖޭ.އެސް.ސީ އިން ބަލަން ނިންމުމަކީ ކުޑަ ކަމެއް ނޫންކަމަށެވެ. އެ ނިންމުމަށް ވާސިލްވުމުގެ ކުރިން، މައްސަލަައިގެ އޮއްޓަރުހުރިމިންވަރު ބެލުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
މިފަދަ މައްސަލައެއް ބަލާއިރު ހޭދަވެގެން އެދާ ދައުލަތުގެ ފައިސާ އާއި ވަޤުތުގެ އިތުރުން ފަނޑިޔާރުގެ އަބުރާއި މިނިވަންކަމަކީ އެއީ އާދައިގެ ކަންކަން ނޫންކަމަށްވެސް ޑރ.ސަވާދު ވިދާޅުވިއެވެ. ޢަދުލްވެރިވުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާކަމަށް އޭނާ ވިދާޅުވިއެވެ.
"ޢަދާލަތުގެ ނަމުގައި ފަރުދުންގެ އަބުރާއި ކަރާމަތަށް ނުޙައްޤު އަނިޔާ ދެވިގެން ނުވާނެ. ފަނޑިޔާރު މަހާޒްގެ މައްޗަށް އުފުލިފައިވާ ތުހުމަތާއި މެދު ޢަދުލުގެ ޤަލަމުން ތުނޑު ނުގޮސް ގޮތެއް ކަނޑައެޅޭނެކަމަށް އުންމީދުކުރަން." ޑރ.ސަވާދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި ގުޅޭ މައްސަލައެއް ޖޭ.އެސް.ސީ އިން ބަލަން ނިންމުމަކީ ކުޑަ ކަމެއް ނޫން.
އެ ނިންމުމަށް ވާސިލްވުމުގެ ކުރިން، މައްސަލަައިގެ އޮއްޓަރުހުރިމިން ބެލުން ވަރަށް މުހިންމު. ދައުލަތުގެ ފައިސާ އާއި ވަޤުތު، އަދި ފަނޑިޔާރުގެ އަބުރާއި މިނިވަންކަން— ahmad ali sawad (@DrSawad) December 3, 2022