ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމާއި ގުޅިގެން، އެމައްސަލާގައި ތުހުމަތު ކުރެވޭ ފަރިއްކޮޅާއި ގުޅުންހުރި މައުލޫމާތު ޖޭއެސްސިއާއި ހިއްސާ ނުކޮށް، އެޝަކުވާއާ ގުޅިގެން ފަނޑިޔާރު މަހާޒުގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައިވަނީ މީޑިއާ މެދުވެރިކޮށްކަމަށް ޖޭއެސްސީން ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެން ކަމުގެ ޙަގީގަތް އޮޅޭ ގޮތަށް މީޑިއާ މެދުވެރިކޮށް މައުލޫމާތު ފަތުރަމުން ދާތީ، ކަން ހިގިގޮތް ތަފްސީލު ކޮށްދިނުމުގެ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވެއެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކީ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި ޤަޟިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއެއް ކަމަށާއި، މި ޝަކުވާއާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒު ކުރައްވާފައިވާކަމުގައެވެ.
އަދި އެއިރު އެމައުލޫމާތު ފަނޑިޔާރު މަހާޒު ހާމަ ނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަޙްޤީޤު ނިމުމުންކަން މި ބަޔާނުގައި ބުނެފައި ވެއެވެ.
މިހެންވެ، ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނުވެ. މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައި ވާތީ އާއި މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން މި ކޮމިޝަނުން ނިންމީއެވެ.
ޖޭއެސްސީގެ ބަޔާނުގައި އިތުރަށް ހާމަ ކޮށްފައި ވެއެވެ.
ޖޭއެސްސީން ބުނެފައިވަނީ މައްސަލާގެ މައުލޫމާތު ސާފުކުރި މަރުހަލާގައި ތުހުމަތު ރައްދުވާ ފަނޑިޔާރަށް މިޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށާއި ނަމަވެސް އެ މައުލޫމާތު އެކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަކޮށްފައިނުކޮށް، އެޝަކުވާއާ ގުޅިގެން ފަނޑިޔާރުގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައިވަނީ މީޑިއާ މެދުވެރިކޮށްކަމަށެވެ.
އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭބައެއްކަން ހަނދާން ކޮށްދެމުން ޖޭއެސްސީން ބުނެފައިވަނީ، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ކަމުގައެވެ.
ކޮމެންޓު ފޮނުވާ