ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފްގެ ހުކުމް އިއްވި ދުވަހު ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ދެން ތިއްބެވި ފަނޑިޔާރުން ފަރިކުޅުއްވި މައްސަލަ ޖޭއެސްސީން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެންނަކަމަށް އެ ކޮމިޝަނުން އިއްޔެ ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލައިފައިވާކަމަށެވެ.
މި މައްސަލާގައި ސުވާލުކުރަން އެ ކޯޓުގެ ދެ އަންހެން މުވައްޒަފަކު ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށްފައިވެއެވެ.
ޔާމީންނަށް ހުކުމް އިއްވި ދުވަހު، ޝަރީޢަތް ދިގުލައިގެން ދާތީ އެ ޝަރީއަތް އޮންނަ ކޮންމެ ދުވަހަކު ވެސް އެގޮތަށް ފަނޑިޔާރުންގެ ހަރަދުގައި ކާން ގެނައިކަމަށްވެއެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ ިއސްތިއުނާފްގައި އެދުވަހު ވަނީ އެހުކުް ބާޠިލްކުރުމަށް ހުކުމްކޮށްފައެވެ.