މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
ފާއިތުވެދިޔަ ހަފްތާގައި ކުރިޔަށްދިޔަ އަޑުއެހުންތައް ޚާއްސަ ކުރެވިގެން ދިޔައީ ދެފަރާތުންވެސް ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. އަދި މިއަދުގެ އަޑުއެހުންތަކުގައި ކުރިޔަށް ގެންގޮސްފައިވަނީ ހުކުމް އިއްވުމުގެ ކުރިން އޮންނަ ޚުލާސާ ބާޔާންތައް އިއްވުމެވެ.
މިގޮތުން ދައުލަތުގެ ފަރާތުން މިއަދު އެންމެ ފުރަތަމަ ޚުލާސާ ބަޔާން އިއްވާފައިވަނީ ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ އާއި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށެވެ. އެއަށްފަހު ދައުލަތުންވަނީ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހުލާސާ ބަޔާން އިއްވާފައެވެ.
މިއަދުގެ އެންމެ ފަހުގެ ޚުލާސާބަޔާންތަކަށް ވެގެން ދިޔައީ ޔާމީންގެ ފަރާތުންނާއި އަދި ޔޫސުފް ނައީމްގެ ފަރާތުން ޚުލާސާ ބާޔާންތައް އިއްވުމެވެ.
ޝައީއަތުގެ އަޑުއެހުންތައް ނިންމާލުމުގެ ގޮތުން، ގާޒީވަނީ، ދެ ބްރޭކެއް ދިނުމަށްފަހު މިއަދުގެ ހަވީރުވަންދެން ޝަރީއަތް ކުރިޔަށް ގެންދަވާފައެވެ.
މިއަދުގެ ޚުލާސާ ބަޔާންތައް ނިމުމާއެކު މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އަޑުއެހުންތައް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ދެން އޮންނާނީ ހުކުމް ކުރުމަށް އޮންނަ މަޖިލިސް ބޭއްވުން ކަމުގައެވެ. އެހެންނަމަވެސް އެ އަޑުއެހުން ތާވަލް ކުރާނެ ދުވަހެއް ގާޒީ އިއުލާން ކުރައްވާފައެއް ނުވެއެވެ.
ގާނޫނު ބުނާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ. އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން ޔާމިންގެ މައްސަލާގައި ހުކުމް ކުރާނެއެވެ.
ޔާމިންގެ މައްޗަށް ހުކުމް ކުރުމަށް ތައްޔާރު ވެފައިވާއިރު، ޕީޕީއެމްގެ ރިޔަސީ ކެނޑިޑޭޑެއްގެ ހައިސިއްޔަތުން ޔާމިން ގެންދަވަނީ 2023ގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ. އެހެންނަމަވެސް މި މައްސަލާގައި ޔާމިންގެ މައްޗަށް ހުކުމެއް އަތުވެއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ދާނެއެވެ.
މިމައްސަލާގައި ޔާމިންގެ ދިފާއުގައި ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ހެކިބަސް ދީފައިވާއިރު، ދައުލަތުންވަނީ އެ ހެކިބަސް ނަފީކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ދިފާއީ ވަކީލުންވަނީ ހެކިބަސް ނަގާ ނިމިފައިވަނިކޮށް އާ ހެކިތަކެއް ހުށަނޭޅޭނަކަމަށް ބުނެ ވަކލާތު ކޮށްފައެވެ. އެހެންނަމެސް ގާޒީވަނީ ދައުލަތުން ހުށަހެޅި ހެކިބަސް ބަލައިގަތުމަށް ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން ޔާމިންވަނީ މިނިވަން ވެފައެވެ.