ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ މިދައުރުގެ އެންމެ ފަހުގެ ޖަލްސާގައެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރުމާއި ދެކޮޅަށް 8 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ.
ބަޖެޓްގެ ކޮމިޓީ ބަޖެޓު ފާސްކުރިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޗަނަށް ނިސްބަތްވާ ބައެއް މެމްބަރުންވެސްވަނީ ބެއެއް އިސްލާހް ހުށަހަޅުއްވާފައެވެ. މިއިން އެއްވެސް އިސްލާހެއް ފާހެއް ނުވެއެވެ.
2023 އަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓަށް ވޯޓު ނުދެއްވާ އެމްޑީޕީގެ މެމްބަރުން:
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
އިއްޔެ މަޖިލީހުން ފާސްކުރި ބަޖެޓަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތުރީލައިން ވިޕެއް ނެރެފައި ވެއެވެ.
ފަހަކަށް އައިސް މަޖިލިހުގައި ބޭއްވޭ މުހިންމު ވޯޓުތަކުގައި ސަރުކާރުގެ ވިސްނުމާއި އެއްކޮޅަށް، މަޖިލިސް ރައިސް މުހައްމަދު ނަޝީދަށް ތާއިދުކުރާ މެމްބަރުން ވޯޓެއް ނުދެއްވައެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ވިޕް ލައިނާ އެއްގޮތަށް މެމްބަރުން ވޯޓު ނުދެއްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމުގައެވެ. އަދި އެ މެމްބަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށް އަސްލަމް ވިދާޅުވި ނަމަވެސް އަޅުއްވާނެ ފިޔަވަޅެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
ދާދަފަހުން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޓީޖީއެސްޓީއާއި ޖިއެސްޓީ ބޮޑު ކުރާ ބިލަށްވެސް އެމްޑީޕީގެ ޕީޖީގެ 14 މެމްބަރުކު ވޯޓު ދެއްވާފއެއް ނުވެއެވެ. އެ މެމްބަރުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅުއްވާނެކަމަށް ބުނެފައިވި ނަމަވެސް މިހާތަނަށް އެއްވެސް މެމްބަރަކާއި ދެކޮޅަށް ފިޔަވަޅެއް އެޅުއްވިކަމެއް އެގިފައެއް ނުވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ކޮމެޓީން ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިމަހުގެ 18ވަނަ ދުވަހު ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއެކު ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ