"ޗިސްޗިސް ކޮށްލިޔަސް، ފިސްފިސް ކޮށްލިޔަސް" ބާޣީއަކަށް ވެވެން ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދުދާއިރާގެ އެމްޑީޕީ މެމްބަރު އެޕާޓީގެ ބައެއް މެމްބަރުންނަށް ރައްދުދެއްވައިފިއެވެ.
މިހާރު ދެބައިވެފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުވެސް އޮންނަނީ ވިސްނުމުގެގޮތުން ދެބައިވެފައެވެ. އެއްބަޔަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާއިރު އަނެއްބަޔަކު ތާޢީދުކުރަނީ މަޖިލީހުގެ ރައީސް ނަޝީދަށެވެ. ނިހާދަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާ މެމްބަރެކެވެ. ރައީސް ޞާލިޙަށް ތާޢީދުކުރައްވާ މަޖިލިސް މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި ނަޝީދަށް ތާޢީދުކުރާ މެމްބަރުން، މަޖިލީހުގެ ތެރެއިންނާއި ބޭރުން ސަރުކާރަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަކީ "ބަޣާވާތް" ކުރުމެވެ. ނަޝީދާއި އޭނާއަށް ތާޢީދުކުރާ މެމްބަރުން އުޅެނީ ސަރުކާރު ބަލިކޮށްލައި ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޞާލިހުގެ ފެކްޝަނުން ތުހުމަތުކުރެއެވެ. އަދި އެއީ ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދައިދީ ނަޝީދަށް ވެރިކަން ހޯދައިދޭން ބަޔަކު ކުރާ މަސައްކަތެއްކަމަށާ، ކޮންމެގޮތަކުންވެސް ނަޝީދު ބޭނުންވަނީ ވެރިކަންކަމުގައި ރައީސް ޞާލިޙްގެ ފެކްޝަނުން ތުހުމަތުކުރެއެވެ.
މިކަމަށް އިޝާރާތްކުރައްވައި ނިހާދު ކުރެއްވި ޓްވިޓެއްގައި ވަނީ "ޗިސްޗިސް ކޮށްލިޔަސް، ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް.." މިހެން ވިދާޅުވެފައެވެ. މިއީ 2012ވަނަ އަހަރު އެމްޑީޕީގެ ފުރަމަ ވެރިކަން ވެއްޓުމާއެކު އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި އޭރު ފަހުން އުފެދުނު ރައީސް ޑރ.ވަޙީދުގެ ސަރުކާރާ ދެކޮޅަށް އެމްޑީން ހިންގި ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރި ލަވައެއްގެ ތަންކޮޅެކެވެ. މަޝްހޫރު ލަވަކިއުންތެރިޔާ ޝިއުޒް ކިޔާފައިވާ އެލަވާގައި ބުނަނީ، ކިތަންމެ އަނިޔާއެއް ކުރިޔަސް ބަޣާވާތަކަށް ރުހެވެން ނެތްކަމުގައެވެ. އަމިއްލަފުޅަށް އިސްތިއުފާދެއްވައި ނަޝީދު ވެރިކަމުން ދުރަށްވަޑައިގަތުން އެމްޑީޕީން ސިފަކުރީ ބަޣާވާތެއްގެ ގޮތުގައެވެ.
Adhives bunaanan! “Chis Chis kolliyas Fis Fis kolliyas nethey Veveykah Baaghee akah”
Aniyaa ah fahathah nujehi adhaai hamayah miaiee! Maaih Allah ge Iraadhafulhaai eku Rayyithun ge haggugai fahathah nujehi Kuriyah Dhaanan! #HeyoVerikan dhamahattan mey addana akah dhih Kuraanan!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 28, 2022
އޭނާ މިހާހިސާބަށްވެސް އައީ އަނިޔާވެރިކަމަށް ފަހަތަށް ނުޖެހިކަމަށެވެ. އެހެންކަމުން ދެންވެސް ކުރިއަށްދާނީ ރައްޔިތުންގެ ހައްޤުގައި ފަހަކަށް ޖެހުމެއް ނެތިކަމަށާ، "ހެޔޮ ވެރިކަން" ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނެކަމަށެވެ.
ނިހާދު މިމޭރުމުން ވާހަކަދެއްކެވީ އޭނާއަށް ބަޔަކު އަނިޔާއެއް ދީންގެންކަމެއް ނުވަތަ ދޭން އުޅެގެންކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި ހިނގަމުންދާ ބަހުގެ ޙަމަލާތަކުގައި އެންމެ އަޑުގަދަ ބޭފުޅުންގެ ތެރޭގައި ނިހާދު ހިމެނެއެވެ.