ސަލްމާން ހާން ގެ ކުރިއަށް އޮތް ފިލްމް "ޓައިގާ 3″ އަކީ ގިނަ ގޮތްގޮތުން ހާއްސަ ވާނެ ފިލްމްއެކެވެ. އެގޮތުން މި ފިލްމް ގައި ސަލްމާން އާއި އެކުގައި މީގެ ކުރިން މަސައްކަތް ކުރި ކުރީގެ ބައެއް ބަތަލާއިން ފެނިގެންދާނެއެވެ.
މަނީޝް ޝަރުމާ ޑައިރެކްޓް ކޮށ،ް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ "ޓައިގާ 3″ އިން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އިތުރުން އިމްރާން ހާޝިމީއެވެ. އަދި ހާއްސަ ފެނިލުމަކުން ސާހުރުކް ހާންވެސް ފެނިގެންދާނެއެވެ. އެންމެ ހާއްސަ އެއް ފެނިލުމަކަށް ދެންވާނީ މީގެ މީގެ 32 އަހަރު ކުރިން ރިލީޒްކުރި "ލަވް" ގައި ސަލްމާން ޚާނާ އެކީ ބަތަލާގެ ރޯލު ކުޅުނު ރިވަތީ، މި ފިލްމްއިން ފެނިގެން ދިއުމެވެ.
އާންމުކޮށް މިހާރު ފިލްމުތަކުގައި ސަޕޯޓުން ރޯލުތައް ކުޅޭ ރިވަތީ، 56، އަކީ އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" ގެ ޑައިރެކްޓަރެވެ. އޭނާ މިހާރު ގިނައިން ފެނިގެން ދާނީ ސައުތުގެ ފިލްމް ތަކުންނެވެ. ސައުތުގެ ގިނަ ތަރިންތަކެއްގެ 'މަންމަ’ގެ ރޯލުން މިހާރުވެސް ރިވަތީ ވަނީ މަގުބޫލުކަން ހޯދާފައިއެވެ.
ނަމަވެސް މީގެ ރޯލަކުން ރިވަތީ ފެންނާނެ ކަމަށް ބުނާ ވާހަކައާ ގުޅިގެން އޭނަ ވެސް އަދި ސަލްމާން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ސަލްމާނާ އެކީ ކުރިން ފިލްމުތަކުގައި ލީޑް ކުޅުނު ބައެއް ބަތަލާއިން އޭނަގެ އާ ފިލްމުތަކުގައި ހިއްސާވާކަމުގެ އަޑުތައް މިހާރު ގަދަކަމެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމް ""ކިސީ ކާ ބާއީ ކިސީ ކީ ޖާން" އިން ކުރީގެ ގިނަ ބަތަލާ ތަކެއް ފެނިގެންދާނެއެވެ.
"ޓައިގާ 3″ އަކީ ވައިއާރްއެފުން ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތާ ޓައިގާ" ކަބީރު ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ. މި ފްރެންޗައިޒްގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނީ އެޖެންޓުންގެ ގޮތުގައިއެވެ.