މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ، އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކެޑެމީއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، އެ އެކެޑެމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ރޭވިފައި ހުރިގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އަދި މީގެ އިތުރުން އެކަމަނާ ވަނީ އެ އެކެޑެމީގައި އޮންނަ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ، ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވާފައި މިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕޮލިސް އެކެޑެމީއަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.