ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް ޞާލިހު ކަމަށާއި، ރައީސް ޞާލިހާއި ދެކޮޅަށް އެމްޑީޕީ ތެރެއިން މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަމުންދަނީ ޕީޕީއެމްއަށް ވެރިކަން ހޯދައި ދޭންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް ކަނޑަނޭޅި ގިނަ ދުވަސްތަކެއްވެ އެކަމާއި ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ފެކްޝަނެއް އޮތް އިރު، މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ތާއީދު ކުރަނީ ރައީސް ޞާލިހަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރެން އެންމެ ރަނގަޅު ކެނޑިޑޭޓަކީ ރައީސް ޞާލިހުކަން ހާމަކުރައްވައި ޝަރީފް ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ ތަފާތު ފިކުރުގެ މީހުންނާއިއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރި، ދަތި އެދަނގޫ ދަނޑިވަޅުގައިވެސް ޑިޒިޝަން ނަންގަވަންކެރޭ ލީޑަރެއް ނެރެން ޖެހޭ ކަމަށެވެ. އެފަދަ ލީޑަރަކަށް ފެންނަން ހުރީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ރައީސް ޞާލިހު ނޫން އެހެން ޗޮއިސްއެއް ނެތް. އެއީ ހަމައެކަނި އޮތް ޗޮއިސްއަކީ. ޕީޕީއެމްއަށް ވެރިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެނޫން ގޮތަކަށް ވަކާލާތު ކުރަނީ. މިއީ އެންމެންނަށް އެނގޭ ހަގީގަތެއް.
– ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯވިޑްގެ ދަތި ވަގުތުގައިވެސް ރައީސް ޞާލިހު ވަނީ ތަފާތު ދައްކަވާފައި ކަމަށެވެ. މުޅި ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައި ދަނޑިވަޅުގައިވެސް ރައީސް ޞާލިހު ނެންގެވި ހަރުދަނާ ފިވަޅުތަކަކީ މިއަދު ރާއްޖޭގެ ރައްޔިތުންނަށް އިޤްތިޞާދީ ބޮޑު އަސަރެއް ނުކުރި މައިގަނޑު ސަބަބުކަމާށެވެ.
2023 އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިހު. ކޯވިޑްގެ ދަތި ހާލަތުގައިވެސް ތަފާތު ދައްކައިފި. މުޅި ދުނިޔެ އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮއްވާވެސް ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިޔަ ނުދީ ހިފަހައްޓައިފި.
– ޝަރީފް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް އެމްޑީޕީން ދެއްކިފައި ނުވާއިރު، އެޕާޓީން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންގެ މެދުގައި ޕްރައިމަރީ ބޭއްވުމަށް ނިންމާފައެވެ. އެޕާޓީން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ކުރީކޮޅު ޕްރައިމަރީ ބޭއްވުމަށެވެ.
ކޮމެންޓު ފޮނުވާ