އދ،ގެ ސަލާމަތީ މަޖިލީހާއި، އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ރާއްޖެ ވާދަކުރަނީ

އދ،ގެ ސަލާމަތީ މަޖިލީހާއި، އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ރާއްޖެ ވާދަކުރަނީ

އ.ދ.ގެ މައި ދެ ގުނަވަން ކަމުގައިވާ އ.ދ.ގެ ސަލާމަތީ މަޖިލީހާއި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރިމަތިލާން ނިންމައިފިއެވެ.

އެގޮތުން އ.ދ.ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ގެ ޓަރމްއަށެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްއަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028 ޓަރމްއަށެވެ. މި އިންތިޚާބުތައް ދިވެހިރާއްޖެ ކާމިޔާބު ކޮށްފިނަމަ، އެކަން ވާނީ މި ދެ ގުނަވަނަށްވެސް ދިވެހިރާއްޖެއިން އިންތިޚާބުވާ ފުރަތަމަ ފަހަރަށެވެ.

ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެކެވެ. މި އިންތިޚާބުތަކުގައި ވާދަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މި ވައުދުތަކަށް ބިނާކޮށް، ޤައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަޤްސަދުގައެވެ.

މިގޮތުން، 2018 އިން ފެށިގެން ހޯދާފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބުވުން ހިމެނެއެވެ. މިހާތަނަށް ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމުގެ އަލިގަދަ ދަލީލެކެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަޤްސަދަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *