އޭސީސީން މީގެ މަހެއްހާ ދުވަސްކުރިން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.
އޭސީސީން ތަހުގީގް ނިންމި ފަސް މައްސަލާގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނެއެވެ. ނަމަވެސް އެ މައްސަލަތަކާއި ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ހާމަނުކުރައްވައެވެ. އަދި ޕީޖީ އޮފީހާއެކު ކުރެވޭ މަޝްވަރާތަކަށްފަހު، މިމައްސަލަތަކާގުޅޭ އިތުރު ތަފްޞީލު ހާމަކުރާނެކަމަށްވެސް އޭސީސީން އޭރު ވިދާޅުވެފައިވެއެވެ.
އޭސީސީން މި މައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި މައްސަލަތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ތުހުމަތުތަކެއް ކޮށްފައިވާ ކަން އެނގިފައިވެއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ 5 މައްސަލައާ ގުޅިގެން، މި މަރުހަލާގައި ޕީޖީގެ ފަރާތުން އިސްލާޙުކުރަން އެދިފައިވާ ކަންކަން އިސްލާޙު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އޭސީސީން ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަންގެ ކުރިއަށްދާތީ، މިއީ މިމައްސަލަތައް ދައުވާ ނުކޮށް އަނބުރާ ފޮނުވާލުން ނޫންކަމުގައެވެ. އޭސީސީން ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ.
ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެއެވެ. މިހާތަނަށް މުއައްސަސާތަކުން އަންދާޒާކުރާ ގޮތުގައި އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވެއެވެ.