މާ ވާހަކަ ގިނަ ނުކޮށް އަސާސީ ކަންކަމަށް ބޭނުންވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގައި ފައިސާ ހުރި މިންވަރު ހާމަކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ގޮވާލައްވައިފިއެވެ.
އީވާ މިހެން ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. އީވާ ވިދާޅުވީ އަމީރުވެސް އަދިވެސް ދައްކަވަނީ ހަމަ ހުސް ވާހަކަކަމަށެވެ. އޭގެބަދަލުގައި އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ދައުލަތުގައި ހުރި މިންވަރު ސާފުކޮށް ދެއްވުމަށެވެ. ރައްޔިތުންގެ ކަންބޮޑުވުން ފިލާނީ ހިސާބު އަކުރުން ތެދަށް އެކަން ސާފުކޮށް ދެއްވުމުންކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ރައްދުދެއްވި އަމީރުގެ ވާހަކައަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖެ ބަނގުރޫޓުވުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް އަމީރު ދެއްވި ރައްދެކެވެ. އީވާ ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަފުޅުތައް ވަރަށް ފާސު ކަމަށެވެ.
ވަޒީރުވެސް އަދިވެސް ހަމަ ވާހަކަ. އަސާސީ ކަންކަމަށް ބޭނުންވާ $$$ ހުރި މިންވަރު ސާފުކޮށް ދެއްވާ.
ރައްޔިތުންގެ ކަންބޮޑުވުން ފިލާނީ ހިސާބު އަކުރުން ތެދަށް ސާފުކޮށް ދެއްވީމަ. މަނިކުފާނުގެ ސިޔާސީ ވާހަކަތަކަކުން ނޫން. https://t.co/sSOTFpmBKM
— Eva Abdulla
(@evattey) November 21, 2022
ރައީސް ނަޝީދަށް ރައްދުދެއްވަމުން އަމީރު ވިދާޅުވެފައިވަނީ ، ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ އަލަށް ބަޔަކު ވދައްކާ ވާހަކައެއް ނޫންކަމަށެވެ. އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި ކަމަށާ، އެއީ ސަރުކާރު ބަލިކަށިކޮށްލައި، ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށްލަން ބަޔަކު ދައްކާ ވާހަކަތަކެއްކަމަށް އަމީރު ވިދާޅުވިއެވެ.
"މާތްالله ގެ އިރާދަފުޅާއެކު, ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭ. 2020 ވަނައަހަރު ކޮވިޑާއެކު އަޅުގަނޑުމެން ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި އެދަތިންވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިދަނީ ގޮންޖެހުންތައް ގިރާކުރަމުންކަމަށެވެ. އަދި ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުަމަށްޓަކައި ސަރުކާރުން މިދަނީ ފިޔަވަޅުތައް އަޅަމުންކަމަށެވެ. މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއްކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު މިމޭރުމުން ވާހަކަފުޅުދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެ ބަނގުރޫޓުވާން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހުމަކީ ލަދުވެތިވެވަޑައިގަންނަވާނެ ކަމެއްކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރާއްޖޭގެ އިޤްތިޞާދާއި މާލީ ޙާލަތާއި، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އިއްޔެގެ މަޖިލިސް ޖަލްސާގެ ހެނދުނުގެ ދަންފަޅި ނިންމަވާލެއްވުމުގެކުރިން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ދާދިފަހުން މާލީގޮތުން ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވި އަވަށްޓެރި ސްރީ ލަންކާއާ އެކު އެމަނިކުފަނު ކުރެއްވި މަސައްކަތްޕުޅަށް އިޝާރާތްކުރައްވައި އެޤައުމުން މިސާލު ދައްކަވާފައެވެ. އަދި ރާއްޖެއަށް އެފަދަގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދައުލަތުގެ މާލީ ހާލަތު ބަލައި އޭގެ ހަޤީޤަތް ހުރިނެތްގޮތް ދެނެގަތުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގަތެވެ.
ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން. އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި.
— Ibrahim Ameer (@iameeru) November 21, 2022
ރައީސް ނަޝީދު ވިދާޅުވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ވަރަށް ގޯސްކަމަށާ، އެންމެއަސާސީ ކަންކަމަށް ބޭނުންވާ ފައިސާވެސް ދައުލަތުގަ ނެތްކަމަށެވެ. މިހަޤީޤަތާ ޚިލާފަށް މަޖިލީހުގެ މެމްބަރުން ވާހަކަދެއްކެވުމަކީ ދެރަކަމެއްކަމަށް ނަޝީދު ވިޑާޅުވިއެވެ.