މާލީ ގޮންޖެހުންތައް ކުޑަކުރަން ސިޔާސަތު ބަދަލުކުރަންޖެހޭ: ގަވަރުނަރު

މާލީ ގޮންޖެހުންތައް ކުޑަކުރަން ސިޔާސަތު ބަދަލުކުރަންޖެހޭ: ގަވަރުނަރު

ގުޅުންހުރި

ރާއްޖޭގެ މާލީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުން ބޭއްވި "މޯލްޑިވްސް ފައިނޭންސް ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ، ކޯވިޑް-19ގެ ޢާލަމީ ވަބާއާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކަށްފަހު، އަދިވެސް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދުގެ މިސްރާބު ބަދަލުކޮށް ވިލުންވެރިކަން ދެމެހެއްޓުމުގައި މާލީ ދާއިރާއިން މުހިންމު ދައުރެއް އަދާކުރަންޖެހޭކަމަށެވެ.

އެމްއެމްއޭ އިން މަސައްކަތްކުރަނީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި މިނިޒާމަށް ކުރިމަތިވާ ނުރައްކާތަކުހެ ޙާލަތަށްބަލައި މާލީ ނިޒާމުގެ ރައްކާތެރިކުރުމަށްޓަކައި ކަނޑައެޅިފައިވާ ސިޔާސަތުތައް ތަންފީޒުކުރުންކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ގައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ އަބަދުވެސް އެބައޮތްކަމަށާ، އެހެންކަމުން ބޭންކްތަކަށާއި، މާލީ ނިޒާމަށް ނުރައްކާވެދާނެ ގޮތް ދެނެގަންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ގަވަރު ނަރު އަލީ ހާޝިމް ވިދާޅުވިއެވެ. އޭނާ ވަނީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މާލީ ދާއިރާއިން މިހާރު ކުރެވޭ މަސައްކަތްތަކަށް ބައްލަވާލައްވަމުން ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ މަސައްކަތްތަކާއި ލެޖިސްލޭޓިވް ފްރޭމްވޯކް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މީގެ އިތުރުން، މޫވަބަލް ޕްރޮޕަޓީތަކަށް ސެކިއުރޑް ޓްރާންސެކްޝަންސް ރަޖިސްޓްރީގެ ވަށައިގެންވާ ލެޖިސްލޭޓިވް ފްރޭމްވޯކް ފައިނަލްކޮށް، ލޯނާއި އެހެނިހެން ބާވަތްތަކުގެ ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެކަމަށް ބާރުއެޅުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ގަވަނަރު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ