މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މާޗް މަހު ވަނީ 5 ޕަސަންޓު ދަށަށް ގޮސްފައެވެ.
މާޗް މަހު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު 42 މިލިއަން ޑޮލަރު މަދު އަދަދެކެވެ. ފެބްރުއަރީ މަހު ނިމުނުއިރު ރިޒާވްގައި 832 މިލިއަން ޑޮލަރު ހުރިއެވެ.
ރަސްމީ ރިޒާވްގެ އިތުރުން، ޔޫޒަބަލް ރިޒާވްވެސް މާޗް މަހު ވަނީ 4 ޕަސަންޓް ދަށަށް ގޮސްފައެވެ. މާޗް މަހު ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރެވެ. މިއީ ފެބްރުއަރީ މަހު ހުރި 179 މިލިއަން ޑޮލަރާ އަޅާބަލާއިރު 16 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރަކީ ފަހުގެ ތާރީޚެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަށް ހިނގައިދިޔަ އަހަރެވެ. 2022 ވަނަ އަހަރު އެވްރެޖްކޮށް ޔޫޒަބަލް ރިޒާވްގައި ހުރީ 75 މިލިއަން ޑޮލަރުގައެވެ.
ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިޔުމަށްފަހު، ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުންކުރަން ފެށުމުންނެވެ. މިގޮތުން ކަރެންސީ ސްވޮޕްގެ ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ވަނީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓްކޮށްފައެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ މިފަދަ ގޮތަކަށް ބޭނުންކުރި ފުރަތަމަ ފަހަރެވެ. ކަރެންސީ ސްވޮޕާއެކު، މިދިޔަ ތިން މަހު ރިޒާވް ވަނީ 700 މިލިއަން ޑޮލަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.