މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ އާ އޮފީސް އިމާރާތް ޑިޒައިންކޮށް އިމާރާތްކުރުމަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރައްވައިފިއެވެ.
އިއްޔެ ކުރެއްވި އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އެމްއެމްއޭގެ އީމެއިލް އެޑްރެހަށް ހުށަހަޅަންޖެހެއެވެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ.
ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭގެ އީމެއިލަށް ލިޔުމަށް ވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި އިޢުލާން ކުރައްވާފައިވަނީ، މިދާކަށް ދުވަސްތަކުގައި އެމްއެމްއޭއިން ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން އަދި ވަކި ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުންނާއި އިކޮނޮމިސްޓުން ވަނީ މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި މަރުކަޒީ ބޭންކުން ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ ނެރުމަކީ ފައިސާ ޗާޕުކުރުން ކަމެވެ.
މި މައްސަލަ ހޫނުވަމުންދާ ދަނޑިވަޅުގައި، އެމްއެމްއޭ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމްއާއި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަޙްމަދު ޒަޔާން މުޙައްމަދު އަދި ޑެޕިއުޓީ ގަވަރުނަރ އަޙްމަދު އިމާދު ވަނީ އިސްތިޢުފާ ދެއްވާފައެވެ.
ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތަށް ރައްޔިތުންނާއި އިޤްތިޞާދީ މާހިރުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މިހާރު އިޢުލާންކޮށްފައިވާ އާ އޮފީސް އިމާރާތުގެ މަޝްރޫޢުއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އަދި ހާމަކުރައްވާފައެއް ނުވެއެވެ.