ރ. ފުއްގިރީގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ދިފާއީ ހެކިބަސް ދޭން ހަމަޖެހިފައިވާ ދެ ފަރާތް ހެކިބަސް ނުދިނުމަށް ނިންމާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު މީޑިއާތަކުގައި ރިޕޯޓު ކޮށްފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން، މަޤާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގުމުގެ ތުހުމަތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތުގައި ހެކިބަސް ނެގުން މިއަދު (ހޯމަ ދުވަސް) އަށް ތާވަލުކޮށްފައި އޮތްނަމަވެސް، ދިފާއީ ހެކިންގެ ގޮތުގައި ހެކިބަސް ދޭން ތިބި ދެ ފަރާތް ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.
ރާއްޖެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޝަރީޢަތުގައި ދިފާޢީ ހެކިންގެ ގޮތުގައި ހެކިބަސް ދޭން ތިބި އެޑްވައިޒަރ ޓު ޔޫތު މިނިސްޓަރު އަޙްމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝުޢާޢުﷲ ސަޢީދު ވަނީ ހެކިބަސް ނުދިނުމަށް ނިންމައި މިހާރު ރާއްޖެއިން ބޭރުގައެވެ.
ފުއްގިރި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން އޮތީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއީ މައްސަލަ ކުރިއަށް ނުގޮސް އޮންނަތާ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބޭއްވުނު އަޑުއެހުމެކެވެ.
ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ކުރީގެ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެހެންނަމަވެސް، ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު ނިންމީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަންޖެހޭކަމަށެވެ.
ހައިކޯޓުން މި މައްސަލައިގައި ކުރި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުކޮށްފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާތައް ސާބިތުކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް އެއްފަރާތްކޮށްފައިވާތީ އެ ބައެވެ.
ކޮމެންޓު ފޮނުވާ