ސުޕަރ މެޖޯރިޓީ ގެއްލިއްޖެ، އެހެންނަމަވެސް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރާ އެއްކޮޅަށް

ސުޕަރ މެޖޯރިޓީ ގެއްލިއްޖެ، އެހެންނަމަވެސް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރާ އެއްކޮޅަށް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި މަޖިލިހުގައި ސަރުކާރުން ދަމަހައްޓަމުން އައި ސުޕަރ މެޖޯރިޓީ ގެއްލި އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ބޮޑު މެޖރިޓީއެއް އަދިވެސް ސަރުކާރަށް އޮތްކަން ހާމަ ވެއްޖެއެވެ.

ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށ،ް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅުއްވާފައިވާ، ޓެކްސް މިއަދު މަޖިލީހުން 55 މެމްބަރުންގެ ވޯޓާއެކު ފާސްކުރިއިރު، އެބިލް ވެގެން ދިޔައީ ފާއިތުވެދިޔަ ތަނުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ތިބި ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި އެންމެ ހޫނުގަދަ ޒުވާބެއް ހިނގި އެއް ބިލްކަމުގައެވެ.

މިގޮތުން ނަޝީދަށް ތާއީދުކޮށްގެން ތިބި މެމްބަރުން ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް މަޖިލިހުގައި ކުރި ވަކާލާތު ކުރުންތަކާއެކު، ދެ ފަހަރެއްގެ މަތިން ބިލަށް ވޯޓަށް އެހުންވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވަނީ ލަސްވެސް ކުރައްވާފައެވެ.

އެހެންނަމަވެސް މިއަދު އެންމެ ފަހުން މި ބިލަށް ވޯޓަށް އެހުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދަމަހައްޓަމުންދާ ސުޕަރ މެޖޯރިޓީގެ 65 މެމްބަރުންގެ ތެރެއިން ބިލާ އެއްކޮޅަށް ވޯޓު ދީފައިވަނީ 51 މެމްބަރެކެވެ. ބިލާއި ދެކޮޅަށް އެޕާޓީއަށް ނިސްބަތްވާ 14 މެމްބަރަކު ވޯޓު ދީފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފާޅުގައި ތާއީދު ކުރައްވަމުން ގެންދަވާ މެމްބަރުންނެވެ.

އެހެންނަމަވެސް މި ނަތީޖާއެކުވެސް، މިއަދުގެ ވޯޓުން ހާމަވެގެން ދިޔަ އަނެއްކަމަކީ، ރައްޔިތުންގެ މަޖިލިހުގައި ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާ ނުލާވެސް ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ކަމާއި، ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ މިންވަރަށް، އެމްޑިޕީގެ ޕީޖީ ގުރޫޕުގައި ސަރުކާރަށް ތާއީދު އޮތްކަމެވެ.

މި ކޮމްޕޮޒިޝަނަށް ބަލާއިރު، ބިލްތައް ފާސްކުރުމާއި އަދި ސަރުކާރުގެ އެޖެންޑާ ކުރިޔަށް ގެންދިއުމުގައި މަޖިލިހުގައި ސަރުކާރަށް މާބޮޑު ގޮންޖެހުމަކާ ކުރިމަތިވެގެނެއް ނުދާނެއެވެ.

މިއަދު ފާސްކުރި ޓެކްސް ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާޙޫ ފާސްކުރަން ފެންނަ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވި 55 މެންބަރުން ވޯޓު ދެއްވިއެވެ. މިބިލާ ދެކޮޅަށް ވޯޓުދެއްވީ 26 މެންބަރެކެވެ.

މިއަދު ބިލް ފާސް ކުރުމަށް އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވޯޓު ދެއްވާފައިވާއިރު، އޭނާ ފިޔަވާ ޕީޕީއެމް ޕީއެންސީގެ ޕާލަމެޓްރީ ގްރޫޕުގެ ތެރެއިން ބިލަށް ދެން ވޯޓު ދެއްވާފައި ނުވަނީ އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރަށުގައި ނޫޅުއްވައެވެ. އިދިކޮޅު ޕީޕީއެމް ޕިއެންސީގެ ޕީޖީގައި ހިމެނޭ އެހެން ހުރިހާ މެމްބަރުން ބިލާއި ދެކޮޅަށް ވޯޓު ދީފައިވާއިރު، މަޖިލީހުގައި ތިއްބަވާ އެމްއެންޕީގެ ތިން މެމްބަރުންވެސް ވޯޓު ދެއްވާފައިވަނީ ބިލާއި ދެކޮޅަށެވެ.

އޭގެ އިތުރުން ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ 3 މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ބިލާ އެއްކޮޅަށް ވޯޓު ދެއްވި އިރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވޯޓު ދެއްވާފައިވަނީ ބިލް ފާސް ނުކުރުމަށެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ.

މަޖިލީހުގައި ހިމެނިވަޑައިގަަންނަވާ މިނިވަން މެމްބަރުންގެ ތެރެއިން ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު ބިލް ފާސްކުރުމަށް ވޯޓު ދެއްވިއިރު، ތުލުސްދޫ ދާއިރާގެ މެމްބަރު އިބުރާހިމް ނަސީމް ވޯޓު ދެއްވާފައިވަނީ ބިލާއި ދެކޮޅަށެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މިގެނައި އިސްލާހުގައި ވާގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑު ވެގެން ދާނެއެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *