މަޖިލިސް ރިޔާސަތު ޚުދުމުޚްތާރުވެ، ޗާޓުން ބޭރުވެފައި! ހައްލު ހޯދާންޖެހިފައިވާ ބޮޑު މައްސަލައެއް!

މަޖިލިސް ރިޔާސަތު ޚުދުމުޚްތާރުވެ، ޗާޓުން ބޭރުވެފައި! ހައްލު ހޯދާންޖެހިފައިވާ ބޮޑު މައްސަލައެއް!

2008ވަނަ އަހަރު ދިވެހިން ބަލައިގަތް އާ ގާނޫނު އަސާސީގައި އެކަށައަޅާދިން ޑިމޮކްރަޓިކް ނިޒާމު ގެނެސްދިން، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބާރަކީ ރައްޔިތުންގެ މަޖިލީހެވެ.

މިގޮތުން ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ، ސަރުކާރުން ހިންގާބާރާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރާއި ޚިލާފަށް ރައްޔިތުންގެ މަޖިލިސް ފާހަގަ ވެގެން ދަނީ މުޅި މުވައްސަސާ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މުވައްސަސާއެއްގެ ގޮތުގައެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީވެސް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު މެމްބަރަކަށް ވުމުގެ އިތުރުން، މަޖިލިސް ރައީސް ރިޔާސަތަށް އިންތިޚާބު ކުރަނީ މެމްބަރުންގެ ސީދާ ވޯޓަކުންނެވެ.

ހަމަ އެއާއެކު، ރައްޔިތުންގެ މަޖިލިހުގެ އުސޫލުތައް ހަމަ ޖެހިފަ އޮތް ގޮތަށް ބަލާއިރު، އެ މަޖިލިސް ހިނގާން ޖެހެނީ ޑިމޮކްރަޓިކް އުސޫލުންނެވެ. ކަންކަން ނިންމާންޖެހެނީ ހުރިހާ މެމްބަރުންގެ ވޯޓަކުންނެވެ. އެއީ ވަކި މެމްބަރަކަށް، މަޖިލިސް ރައީސްކަމުގައިވި ނަމަވެސް، ވަކި އިމްތިޔާޒެއް، އިޚްތިޔާރެއް، ބާރެއް ލިބިފައި އޮތް މަޖިލީހެއް ނޫންކަން، ރައްޔިތުންގެ މަޖިލިސް ހިގާންޖެހޭ ގޮތް ބަޔާން ކޮށްފައި އޮންނަ "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި" ސާފުކޮށް ބަޔާން ކޮށްފައި އޮވެއެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ނާއިބު ރައީސްއާއި މެމްބަރުންގެ ދައުރުގެ އިތުރުން މަޖިލިހުގައި ސިޔާސީ ސިޔާސީ ޕާޓީތަކުގެ ދައުރަކީ ކޮބައިކަންވެސް ވަރަށްވެސް ރަގަޅަށް ލިޔެވި ބަޔާން ކޮށްފައި އޮންނަކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އަދި އެއީ، ޑިމޮކްރަސީގެ އުސޫލުން، މަޖިލީހުގެ ކޮންމެ ދައުރެއްވެސް ފެށުމާއެކު، ހުރިހާ މެމްބަރުން ޖަމާވެ ބަހުސްކޮށް، މެމްބަރުންގެ ވޯޓުން ފާސްކޮށްފައި އޮންނަ، މަޖިލިސް ހިންގުމުގައި މަޖިލިހުގެ ރިޔާސަތުން އަމަލު ކުރާންޖެހޭކަމަށް ބުނާ އުސޫލުވެސްމެއެވެ.

މާނައަކީ، ދައުލަތުގެ އެހެން މުވައްސަސާތަކާއި ޚިލާފަށް، ނުވަތަ ވަޒީރުންނާއި ޚިލާފަށް، މަޖިލިހުގެ ރިޔާސަތަށް އިންތިޚާބުކުރާ ފަރާތަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ގޮތުގައި މުޚާތަބު ކުރެވުނު ނަމަވެސް، އެއީ އޭނާގެ އަމުރު މައުރޫފުގެ ދަށުން ހިގާން އޮންނަ މުވައްސަސާއެއް ނޫނެނެވެ.

ރައްތިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ, ޑިމޮކްރަޓިކް އުސޫލުން މުޅި މުއައްސަސާ އިންތިޚާބުކުރާ ހަމައެކަނި ބާރު

އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، މެމްބަރުންގެ ވޯޓުން ފާސްކޮށްފައި އޮންނަ ގަވާއިދު ތަންފީޒުކޮށް، އެ އުސޫލުގެ މަތިން މަޖިލިހުގެ ރިޔާސަތު ބަހައްޓާދޭ ފަރާތެވެ. އެއީ ބަހުސްކޮށް، މެމްބަރުންގެ މައްޗަށް އަމުރު މައުރޫފުހިންގާ، މެމްބަރުންނަށް ކަން ކުރާންވީގޮތް އަންގާދީ، ޕްރިސިޕަލަކު ނުވަތަ ހެޑްމާސްޓަރަކު ސްކޫލެއް ހިންގާ ބީދައިން ކަންކުރާން ޖެހޭ މަގާމެއްގައި އިންނަވާ ބޭފުޅޭއްވެސް ނުމެ ނޫންމެއެވެ.

 

ނަޝީދުގެ ރިޔާސަތުގައި އުސޫލުތައް ގަޑުބަޑު!

2008 ވަނަ އަހަރުގެ ގާނޫނު އަސާސީއަށްފަހު އައި ހުރިހާ ރައްޔިތުންގެ މަޖިލީހެއްވެސް ފެނިގެން ގޮސްފައިވަނީ ނުހަނު ހަލަބޮލިކޮށް، އަދި ސިޔާސީ ބައިބައިވުންވެސް އެހާ ބޮޑުކޮށްކަމީ ފެންނާން އޮތް ވަރަށް ބޮޑު ހަގީގަތެކެވެ. އަދި އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެ ހަގީގަތް އޮތް ގޮސްވެސް މެއެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ ދައުރުތަކުގައި، އިސްވެ ދެންނެވުނު ހަލަބޮލިކަމާއެކު އަދި ސިޔާސީ ބޮޑެތި އަރައިރުންތަކާއެކުވެސް، ފާއިތުވެދިޔަ މަޖިލިސްތަކުގެ ރިޔާސަތު ބެލެހެއްޓެވި ބޭފުޅުން ހިފަހައްޓަވާފައި އޮތް އެއް އުސޫލެއް ފެންނާ އޮތް ކަމުގައި ދަންނަވާން ޖެހެއެވެ.

އެއީ، މަޖިލިހުގެ ފްލޯގައި ހިގާ ބަހުސްތަކުގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބައިވެރިވެވަޑައި ނުގަތުމެވެ. މެމްބަރުން އަމަލުކުރާންވީ ގޮތްތައް މަޖިލިސް ގަވާއިދުން ބޭނުން ވިދާޅުވެ ނުދެއްވުމެވެ. ނުވަތަ މެމްބަރުން ވާހަކަ ދެއްކެވުމުން، މެމްބަރުންގެ ވާހަކަތައް މަޖިލިސް ރައީސް ކަމުގައި އިންނަވާ ބޭފުޅަކު އެބޭފުޅަކަށް މޭރުންވާ ގޮތަކަށް ތަރުޖަމާ ނުކުރެއްވުމެވެ.

ފާއިތުވެދިޔަ ދިގު މުއްދަތުގައި، މަޖިލިސް ރައީސްކަން ކުރެއްވި، މިހާރުގެ ފޮރިންގ މިނިސްޓަރ ޝާހިދުގެ ދައުރުގައިވެސް އަަދި އޭގެ ފަހުން، ރައީސް ޔާމިންގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި މަޖިލިސް ރައީސްކަން ކުރެއްވި މަސީހުގެ ރިޔާސަތުގައިވެސް، އެއަށްފަހު ކުރު މުއްދަތަކަށް މަޖިލިސް ރައީސްކަން ކުރެއްވި ގާސިމް އިބުރާހިމްގެ ރިޔާސަތުގައިވެސް ފާހަގަވާން އޮތް އެއްކަމަކީ މަޖިލިހުގެ ތަޅުމުގައި ހިގަމުންދާ ބަހުސްތަކުގައި އެބޭބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ނުވާކަމެވެ. ރިޔާސަތުގައި އިންނަވައިގެން، މިބޭބޭފުޅުން އަމިއްލަފުޅަށް މީޑިއާ ހެޑްލައިންތައް ހެއްދެވުމަށް މަސައްކަތް ކުރައްވާފައި ނުވާކަމެވެ.

އެއީ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަަހައްޓަވާ ބޭފުޅަކު އަމަލުކުރެެއްވުމަށް މަޖިލިހުގެ ގަވާއިދުގައި ކަޅާއި ހުދުން ސާފުކޮށް ބަޔާން ކޮށްފައި އޮތް ގޮތްވެސްމެއެވެ.

މިހާރު އަމަލުކުރަމުންދާ ރައްޔިތުންގެ މަޖިލިގެ 19ވަނަ ދައުއުރުގެ މަޖިލިހުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ)ގައި މަޖިލިސް ރައީސްގެ ދައުރު ބަޔާން ކޮށްފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

މަޖިލިސް ރައީސް 2. (ށ): މަޖިލިހުގެ ރައީސަކީ، ވަކި ފަރާތަކަށް ޖެހުމެއްނެތި، ޤާނޫނުއަސާސީއާއި، މި ގަވާއިދާއި މަޖިލިހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލިހުގެ އިދާރާއާއި މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލިހުގެ އެންމެހާ ކަންކަން ހިންގުމުގެ އިސްވެރިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ، މަޖިލީހުގެ ރިޔާސަތުގައި: މަޖިލިސް ރައީސް މެމްބަރުންގެ ބަހުސްތަކުގައި ބައިވެރިވުމަށް ގާއިދު ތަނެއް ނުދޭ

ރައްޔިތުންގެ މަޖިލިހުގައި މަޖިލިސް ރައީސްއަކީ އެ މުވައްސަސާގެ އެންމެ އިސް ވެރިޔާކަން އިސްވެ ދެންނެވުނު އުސޫލުގެމަތިން ބާޔާން ކުރުމާއެކު، މަޖިލިސް ރައީސް އަމަލުކުރައްވާން ޖެހޭގޮތް ގަވާއިދުގައި ބަޔާން ކޮށްފައިވަނީ ތިރީގައި މިވާ އުސޫލުގެ މަތިންނެވެ.

(ނ) މަޖިލިހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައާމެދު މަޖިލިހުގެ ރައީސް ދެކޭގޮތް ހާމަ ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް މަޖިލިހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލު ވުމެއްގައި ކަންކަން ރަގަޅަށް ގެންދާނެ ގޮތާމެދު، މަޖިލިހުގެ ރައީސް ޚިޔާލު ފާޅުކޮށް އެކަމަކާމެދު ދެކޭގޮތް ހާމަކޮށް މަޝްވަރާ އާއި ލަފާ ދެވިދާނެއެވެ. އަދި ކޮމިޓީއަކުން އެދިއްޖެނަމަ، ކޮމިޓީގެ ނުރަސްމީ ބައްދަލުވުމެއްގައި ނުވަތަ ކޮމިޓީން އިންތިޒާމްކުރާ އިވެންޓެއްގައި މަޖިލިހުގެ ރައީސް ބައިވެރިވުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

އެހެންކަމުން، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ވާގޮތުގެމަތިން، މަޖިލިހުގެ ތަޅުމުގައި މެމްބަރުން ކުރާ ބަހުސްތަކުގައި މަޖިލިސް ރައީސް ބައިވެރިވެވަޑައިގެން، މެމްބަރުން ދައްކަވާ ވާހަކަތަށް ފާޑުވިދާޅުވެ، އަދި މެމްބަރުންގެ ވާހަކަތައް ތަރުޖަމާކޮށް ހެދުމަކީ މުޡުލަގަށް މަނާ ކޮށްފައިވާ ކަމެކެވެ. އެއީ މެމްބަރުންނެކޭ އެއްފަދައިން މަޖިލިސް ރައީސްވެސް ތަބާވާންޖެހޭ ގަވާއިދެކެވެ.

ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އަނެއް ނުކުތާއަކީ، މަޖިލިހުގެ ޖަލްސާތަކަކަކީ ވަގުތު ކަނޑައެޅިގެން ކުރިޔަށްދާ ޖަލްސާތަކަކަށްވުމާއެކު، މަޖިލިސް ރައީސް މެމްބަރުން ބަހުސްތަކަށް ރައްދުދީ، އަމިއްލަފުޅު ޚިޔާލު ފާޅުކުރައްވަމުން ގެންދަވާނަމަ، މެމްބަރުންނަށް ބަހުސް ކުރައްވަން ލިބިވަޑައިގަންނަވާ ވަގުތުތަކުގެ ތެރެއިން ބައެއް އުނިވެ، އެވަގުތުގެ ބޭނުން، މަޖިލިހުގެ ގަވާއިދާއި ޚިލާފަށް، ޚާއްސަވެގެން އެދަނީ މަޖިލިސް ރައީސް ދައްކަވަން ބޭނުންފުޅުވާ ވާހަކަފުޅުތަކާއި ދެއްވަން ބޭނުންފުޅުވާ މެސެޖްތަކަށެވެ.

މިއީ ފާއިތުވެދިޔަ ތަނުގައި މިހާރުގެ މަޖިލިހުގެ އެތަކެއް މެމްބަރުންނެއް ފާޅުކުރައްވާފައިވާ ކަންބޮޑުވުމެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

މަޖިލިސް ރިޔާސަތު ޚުދުމުޚުތާރުވެ ހަމައިން ނެއްޓިފައި!

19ވަނަ މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން ފެށުނީއްސުރެ ނަޝީދުވަނީ ބަހުސްތަކުގައި ބައިވެރިވެވަޑައިގެން، މެމްބަރުންގެ ވާހަކަތަކުގެ މައްޗަށް އަމިއްލަފުޅު ޚިޔާތުތައް ހާމަކުރައްވާ، މީޑިއާ ހެޑްލައިންތައް ހެއްދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާފައެވެ.

އަދި ވަކީން ޚާއްސަކޮށް، ސަރުކާރުގެ ވަޒީރުން މަޖިލިހަށް ހާޒިރު ކުރެވި، ވަޒީރުންނާ މެމްބަރުން ކުރައްވާ ސުވާލުތައް އަމިއްލަފުޅަށް ތަރުޖަމާ ކުރައްވާ، އަދި ނަޝީދު ބޭނުންފުޅުވާ ޖަވާބެއް ވަޒީރުން ދެއްވުމަށް މަޖުބޫރުކޮށް، ފާއިތުވެދިޔަ ތަނުގައި އެތައް ފަހަރެއްގެމަތިން ވަނީ އިންޒާރުވެސް ދެއްވާ ހައްދަވާފައެވެ.

މިގޮތުން، ރިޔާސަތުގައި އިންނަވައިގެން، މަޖިލިހުގެ ގަވާއިދާ ޚިލާފަށް މިއުސޫލުން ނަޝީދު އަމަލުކުރެއްވުމުގެ ކަންބޮޑުވުން ގިނަ މެމްބަރުންތަކެއް އިއްޔެ ބޭއްވުނު މަޖިލިސް ޖަލްސާގައިވަނީ ފާޅު ކުރައްވާފައިވެސްމެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ މެމްބަރެވެ.

މެމްބަރުން ވާހަކަފުޅު ދެއްކެވީމާ އެ ވާހަކަފުޅުތައް ތަރުޖަމާ ކުރެއްވުމަކީ އަޅުގަޑު ދެކޭ ގޮތުގައި އެއްގޮތަކަށްވެސް ރަގަޅު ކަމެއް ނޫން. ޗާގޮސް މައްސަލައަކީ ހައްސާސް މައްސަލައެއް. އެހެންވީމަ ރައީސް ތި ވިދާޅުވިގޮތަށް މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފަ ހުންނެވި ބޭފުޅެއްވީމާ މަސްލަހަތު އޮތް، ނޫނީ ފިކުރެއް އޮވެދާނެ އެކަމާބެހޭގޮތުން ވާހާކައެއް ދައްކަވަން. އެހެންކަމަށް ވަންޏާ މަނިކުފާނު ހޮވިވަޑައިގެންނެވި ދާއިރާގެ ގޮނޑި ހަމަ މި އިންނެވީ. ވަޑައިގެން އެމައުޟޫއަށް ވާހަކަ ކުރިޔަށް ގެންދަވަންވީ އިގޭތޯ.

 

ނަޝީދު ރިޔާސަތުގައި އިންނަވައިގެން ގަވާއިދަށް އަމަލު ކުރައްވަމުން ނުދާކަމުގެ ޝަކުވާ ގިނަ މެމްބަރުން ދަނީ ކުރައްވަމުން

ނަޝީދު މަޖިލިހުގެ ބަހުސްތަކުގައި ބައިވެރިވެޑައިގަންނަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އިސްދޫ ދާއިރާގެ މެމްބަރު އިއްޔެގެ ޖަލްސާގައި ވިދާޅުވެފައި ވެއެވެ. އެނޫން މެމްބަރުންވެސް ވަނީ ރިޔާސަތުގައި އިންނަވައިގެން، މެމްބަރުންނަށް ގޮތް ކިޔުއްވާ، ބަހުސްބައިވެރިވެ ވަޑައި ނުގަތުމަށް އިލްތިމާސް ކުރައްވާފައެވެ.

އެހެންނަމަވެސް ނަަޝީދުވަނީ އިއްޔެވެސް، ގޮތް ދޫ ކުރެއްވުމެއްނެތި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، ރިޔާސަތުގައި އިންނަވައިގެން ޚިޔާޅު ފާޅު ކުރެއްވޭނެކަމަށް ވިދާޅުވެފައެވެ.

ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، މަޖިލިސް ރިޔާސަތުގެ އެންމެ މުހިންމު ޒިންމާ ކަމުގައިވާ، އެ މުވައްސަސާގެ ގަވާއިދު ނުހިފެހެއްޓި، މިހާރުގެ މަޖިލިސް ޗާޓުން ބޭރުވެފައިވާ މުވައްސަސާއެއްގެ ގޮތުގައި ސިފަވެގެން ދިއުމެވެ. އެންމެ ބޮޑަށް ޑިމޮކްރަސީ ދަމަހައްޓާންޖެހޭ މި މުހިންމު މުވައްސާ މަގުން ކައްސާލައިގެން ދިއުމެވެ. މަޖިލިހުގެ ރިޔާސަތު ޚުދުމުޚްތާރުވެ، ގާނޫނު އަސާސީއާއި މަޖިލިހުގެ ގަވާއިދުގައި އެކަށައަޅާ ބަޔާން ކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް ހިނގަމުންދާ ރިޔާސަތަކަށް މަޖިލިސް ރިޔާސަތު ވެގެން ދިއުމެވެ.

އެހެންމަވެސް، މިއީ، މަޖިލިހުގެ ރިޔާސަތު ބަދަލުކޮށްގެން ނަމަވެސް، މި މުހިންމު މުވައްސަސާގެ ދެމި އޮތުމާއި، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ ނެގެހެއްޓުމަށްޓަކާވެސް ހައްލު ހޯދާން ޖެހިފައިވާ ބޮޑު މައްސަލައެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމަކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މަޖްލިސް އެކަންޏެއްނޫން މުޅި ސަރުކާރު ވެސް އޮތީ ޚުދުމުޚުތާރު ކަން ޙައްދުން ނައްޓާފަ. ތިންބާރު ވަކިކޮށްފަ އޮތް އިރުވެސް މަޖްލިހުގެ އެއްފަޅި އެއްކޮށް ވަނީ ސަރުކާރުގެ އަތްދަށުވެފަ. ޢަދުލު އިންސާފުގެ ދާއިރާވެސް އޮތީ ސަރުކާރުން ޙިސޯރު ކޮށްފަ. އެންމެ ކުޑަމިނުން ނޫސްތައްވެސް އޮތީ ގަނެފަ.

Leave a Reply

Your email address will not be published.