އިއްޔެ ހަވީރު ރ.އުނގޫފާރުގައި ކުޅުނު ރ.އަތޮޅު ފުޓްސަލް ކަޕްގައި ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރި މެޗާ ގުޅިގެން ހިނގި ހަމަނުޖެހުމުގެ މައްސަލާގައި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަމަށާ، އެހެންނަމަވެސް އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިހަމަނުޖެހުމުގައި ޖިސްމާނީ އަނިޔާ ލިބިގެން ފަރުވާ ދީފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި، 39 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އޭގެ އިތުރުން ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުން ހިމެނޭހެން 14 މީހަކަށް ފަރުވާދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެމީހުންނަށް ފަރުވާ ދީފައިވަނީ ހަމަނުޖެހުމުގެ ސަބަބުން ބިރުގަތުމާއި ބޮލަށް އެނބުރުން އެރުންފަދަ ކަންކަން ދިމާވެގެންކަަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
ރ.އަތޮޅު ފުޓްސަލް ކަޕްގެ، އިއްޔެ އޫނގޫފާރުގައި އޮތް ފައިނަލް މެޗުގައި އިނގުރައިދުއާ ބައްދަލުކޮށް ދުވާފަރު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. ދުވާފަރުން މެޗު ކާމިޔާބު ކުރީ އިނގުރައިދޫން ތިން ލަނޑު ޖަހާފައި ވަނިކޮޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މިއާއެކު ސަޕޯޓަރުންގެ މެދުގައިވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ.
ކޮމެންޓު ފޮނުވާ