އެމްއެމްއޭއާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތު! މިއީ އާދައިގެ ތުހުމަތެއް ނޫން!

އެމްއެމްއޭއާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތު! މިއީ އާދައިގެ ތުހުމަތެއް ނޫން!

ގައުމެއްގެ އިގްތިސާދު ހަމަ މަގުގައި ހިފަހައްޓާ، ތަރައްގީއާއި ތަމައްދުނުގެ ރޮގުގައި ކުރިއަރައިގެން ދިއުމުގައި އިގްތިސާދީ މުވައްސަސާތަކުން އަބަދުވެސް އަދާކުރާން ޖެހެނީ ވަރަށްވެސް މުހިންމު ދައުރެކެވެ. ސަބަބަކީ، މުޅި ގައުމުގެ އިގްތިސާދު އޭގެ މައްޗަށް ބިނާވަފައިވާ މަނިޓަރީ ޕޮލިސީއާއި ފިސްކަލް ޕޮލިސީ އެއް މިސްރާބަކަށް ދަތުރުކޮށް، ދެސިޔާސަތު އެއް ވާނެއްގައި ހިފެހެއްޓިގެން މެނުވީ އިގްތިސާދީ ގޮތުން ސަލާމަތުގެ އައްސޭރިއަކަށް ގައުމަކަށް ދަތުރު ނުކުރެވޭނެތީއެވެ.

މިގޮތުން ބަލާއިއިރު، ގައުމުތަކުގައި މަނިޓަރީ ޕޮލިސީ ސީދާ މަގުން ހިފެހެއްޓިގެން މެނުވީ، އެއްވެސް ގައުމުގެއްގައި ރަގަޅު ފިސްކަލް ޕޮލިސީއެއް ދެމެހެއްޓިފައި ނެތެވެ. ފިސްކަލް ޕޮލިސީ ތަންފީޒުކުރުމުގައި ސަރުކާރުތަކުން ސިޔާސީ ބޭނުމަށާއި، އަދި އެނޫން ގޮތްގޮތުންވެސް ކުރާ ޑިމާންޑަތަކަށް ދޫނުދީ، ގައުމުގެ އިގްތިސާދީ ލަގަން އޮޔާދާން ދޫކޮށް ނުލުމަށްޓަކާ ހުރިހާ ގައުމެއްގައިވެސް އެގައުމެއްގެ މަރުކަޒީ ބޭންކަކީ މިނިވަން މުވައްސަސާއަކަށް ހަދާ، ސަރުކާރުތަކުގެ ނުރަގަޅު ނުފޫޒު ނުފޯރުވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްފައި އޮންނަނީ މި ސަބަބަށްޓަކައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި، ފައިސާ ދައުރުވުން (މަނީ ސަޕްލައި) ކޮންޓްރޯލް ކުރުމުގެ ޒިންމާ ހަވާލު ކޮށްފައި އޮންނަނީ އެގައުމުތަކުގެ ސެންޓްރަލް ބޭންކުތައް މިނިވަން މުވައްސަސާތަކުގެ ގޮތުގައި ކަނޑައަޅާ އެބޭންކުތަކާއެވެ. އެމެރިކާގައި މި މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ އެގައުމުގެ "ޔޫއެސް ފެޑެރަލް ރިޒާވް"އާއި އެވެ. އިގިރޭސިވިލާތުގައި "ބޭންކް އޮފް އިންގްލޭންޑް" އާއިއެވެ. ޔުރަޕްގެ އިއްތިހާދުގައި "ޔޫރަޕިއަން ސެންޓްރަލް ބޭންކް"އާއި އެވެ. ދިވެހިރާއްޖޭގައި ނަމަ "އެމްއެމްއޭ"އާއި އެވެ.

އެހެންނަމަވެސް، އިގްތިސާދީގޮތުން ހަމަ ހިފެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތުން، ނުވަތަ ސެންޓަރަލް ބޭންކުން އޭރަކު އޮންނަ ސަރުކާރަކަށް، ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ދީލާލާ، އެ ބޭންކަކީ މިނިވަން މަނިޓަރީ ސިޔާސަތެއް ތަންފީކުރާ މުވައްސަސާއަކަށްވުރެ ބޮޑަށް އޭރަކު އޮންނަ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު، ނުވަތަ ސިޔާސީ ބައެއްގެ ވިސްނުމުން ސިޔާސަތު ތަންފީޒު ކުރާ އިދާރާއެއްގެ ގޮތުގައި ސިފަވެގެން ދާނަމަ އެކަން ވެގެންދާނީ، ނުރައްކާތެރި، އަދި އެހާމެ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައަކަށެވެ.

އެމްއެމްއޭއަކީ މިނިވަން މަނިޓަރީ ޕޮލިސީއެއް ތަންފީޒު ކުރާންޖެގޭ ދައުލަތުގެ ސެނެްޓްރަލް ބޭންކު

އަދި މި މުހިންމު މުވައްސަސާގެ ލަގަން ސިޔާސީ ފަރާތްތަކުން ބޭނުންވާ މިސްރާބަށް ދީލާލެވިއްޖެނަމަ، އެއީ އެމުވައްސަސާގެ ވެރިން މާދަމާ ޖަވާބުދާރީ ވަންޖެހޭނޭ ކަމެއްކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

 

އެމްއެމްއޭއާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތު!

މިސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 2023އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލިހުގެ ކޮމިޓީތަކުގައި މިހާރު ކުރިޔަށްދާއިރު، މި މަސައްކަތުގެ ތެރެއިން މިފަހަރު އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވާ އެއް ކަމަކަށް ވެގެން ގޮސްގައިވަނީ، ސަރުކާރުން ހުށަހަޅާ ބަޖެޓްތަކަށް އާންމު ގޮތެއްގައި ރުހުން ދެއްވާ، ނުވަތަ އާންމުކޮށް ބަޖެޓަށް ތާއީދުކޮށް ލަފާދެއްވާ، އެމްއެމްއޭގެ ގަވަރުނަރު މިފަހަރުގެ ބަޖެޓަށް ދެއްވި ލަފާގެ މިސްރާބު މުޅިން އެހެން ދިމާލަކަށް މީޒާން ކޮށްފައި ހުރުމެވެ.

ފާއިތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖެއަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ރައީސް ސާލިހުގެ ރިޔާސީ ދައުރުގެ ފާއިތުވެދިޔަ އަހަރުތަކުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްވަނީ ސަރުކާރުން ހުށަހެޅި ހުރިހާ ބަޖެޓަކަށްވެސް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. މީގެ ތެރޭގައި ފައިސާ ޗާޕްކުރުމުން ފަށައިގެން، ސަރުކާރުން ނަގާފައިވާ ދަރަަންޏާއި، އާމްދަނީ ހޯދުމަށް ފާއިތުވެދިޔަ ބަޖެޓްތަކުގައި ހިމަނާފައިވާ، ތަންފީޒު ނުކުރެވޭނެކަމަށް ބެލެވުނު އެތައްކަމަށްވެސް މިހާރުގެ ގަވަރުނަރު ވަނީ ތާއީދުކޮށް، މަޖީހަށް ލަފާ ދެއްވާފައެވެ.

އެހެންނަމަވެސް، 2023 އަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރުމަށް މި ފަހަރުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ބަޖެޓަށް ދެއްވާފައިވާ ލަފާފުޅުތަކުންނާއި އަދި ދައްކަވާފައިވާ ވާހަކަފުޅުތަކާއެކު، ކޮމިޓީގައި ތިއްބެވި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އަލީ ހާޝިލް ސިޔާސީ ފަރާތްތަކާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

އޭގެ އެއް ސަބަބަކަށް ވެގެން ދިޔައީ، ޖުމްލަކޮށް މިފަހަރު ބަޖެޓުން ރަގަޅު އެއްކަމެއްވެސް ގަވަރަނަށް ފާހަގަ ނުކުރެވި، ސަރުކާރުގެ ސިޔާސަތުތަކާއި ފުށުއަރާގޮތަށް ގަވަރުނަރު ދެއްވި ހުރިހާ ލަފައެއްވެސް ބައްޓަން ވެގެން ދިއުމެވެ.

އޭގެ ތެރޭގައި ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައި ހުށަހެޅުމުގެ ސަބަބުން އިފްލޭޝަން މަތިވެ، ތަކެތީގެ އަގުތަކަށް ބަދަލު އަންނާނޭކަން ފާހަގަ ކުރައްވަމުން ގަވަރުނަރު ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކުރުމަށް މިއީ އެންމެ ރަގަޅު ދަނޑިވަޅު ނޫންކަމުގައެވެ. އަދި އޭގެ އިތުރުންވެސް، އަންނަ އަހަރު ބަޖެޓުގައި ކުރަން ރާވާފައިވާ ޚަރަދަތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން، ޓެކްސް ބޮޑު ކުރުމުގެ މަގުސަދަކީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުން ކަމުގައިވި ނަމަވެސް، އެކަންވެސް ބަޖެޓުން ހާސިން ނުވާނެކަމަށްވެސް އަލީ ހާޝިމް ވިދާޅުވެފައި ވެއެވެ.

އަލީ ހާޝިމް މިފަހަރު ޖަލީހަށް ހުށަހަޅުއްވާފައިވާ ހުރިހާ ލަފައެއްވެސް ހުރީ ސަރުކާރުގެ ސިޔާސަތުތަކާއި އިދިކޮޅަށް

ހަމަ އެއާއެކު ލިބޭނެކަމަށް ސަރުކާރުން ހުށަހަޅާފައިވާ ހިލޭއެހީވެސް އަންނަ އަހަރު އެ މިންވަރަށް ނުލިބޭނަކަން ފާހަގަ ކުރައްވަމުން، އޭގެ ނަތީޖާއެއްގެ ގޮތުން ނަޖެޓް ޑެފިސިޓް މަތިވެގެން ދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އަންނަ އަހަރުގެ ރިކަރަންޓް ޚަރަދު ލިބޭ އާމްދަނީ ހަމަ ނުޖެއްސޭނަކަމަށާއި، އަންނަ އަަހަރު އިތުރަށް ފައިސާ ޗާޕް ކުރާން ޖެހިއްޖެނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ ދިވެހި ފައިސާގެ އަގު އިތުރަށް ވެއްޓިގެންދާކަމަށްވެސް ބަޖެޓަށް ގަވަރުނަރު ހުށަހަޅުއްވާފައިވާ ލަފާގައި ވިދާޅުވެފައިވެއެވެ.

ބަޖެޓުގައި ފާހަގަ ވާންހުރި ރަގަޅު ކަންކަން ފާހަގަ ނުކުރައްވާ، އަލީ ހާޝިމް މިބީދައިން ބަޖެޓަށް އެމްއޭގެ ރެކޮމަންޑޭޝަންތައް ހުށަހެޅުއްވުމާއި ގުޅިގެން، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވާފައިވަނީ ސަރުކާރު ވައްޓާލުމަށް ސަލާމަތީ ބާރުތަކުގެ ތާއީދު ނުލިބުމުން އެމްއެއޭގެ ތާއީދު ހޯދައިގެން ސަރުކާރު ވައްޓާލުމުގެ މަސައްކަތް މަޖިލިސް ރައީސް ނަޝީދުގެ ފެކްޝަނުން މިހާރު ފަށާފައިވާކަމުގައެވެ.

މިގޮތުން ގަވަރުނަރު ދެއްވި ލަފާފުޅާއި ގުޅޭގޮތުން ހިންހަމަޖެހިވަޑައިނުގެން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރެއްވި ގޮތުގައި، ބަޖެޓަށް ގަވަރު ނެއްރުވި ލަފާ ނެރުއްވާފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންނެވެ. ޔައުގޫބު ވިދާޅުވީ، އެމްއެމްއޭގެ ލަފައަކީ ސިޔާސީ އޮޕީނިއަންއެއް ކަމަށާއި، އެ އޮފީނިއަންއިން ސިފަވަނީ ސަރުކާރު ވައްޓާލަން ސަލާމަތީ ބާރުތަކުގެ އެއްބާރުލުން ނުލިބުމުން އެމްއެމްއޭގެ ތާއީދު ހޯދައިގެން ސަރުކާރު ވައްޓާލަން ބަޔަކުމީހުން މަސައްކަތް ކުރަމުންދާ ކަންކަމުގައެވެ.

މިއީ ހަމަ ސީދާ ސިޔާސީ އޮޕީނިއަންއެއް. އަޅުގަނޑަށް މި ފެންނަނީ ސަލާމަތީ ބާރުތަކުގެ ސަޕޯޓް ނުލިބުނީމަ ސަރުކާރު ވައްޓާލަން އެމްއެމްއޭގެ ސަޕޯޓު ހޯދައިގެން އެކަން ކުރަން ބަޔަކު މަސައްކަތް ކުރާކަން.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުންވެސް ކޮމިޓީގައި ތިއްބަވާ، ސަރުކާރަށް ތާއީދުކުތާ މެމްބަރުންވަނީ، ފާއިތުވެދިޔަ އަހަރުތަކުގައިވެސް އިގްތިސާދީ ހާލަތު ބޮޑުތަނުން ގޯސްކޮށް ހުރިއިރު، އޭރު ބަޖެޓާއި ގުޅޭގޮތުން ފާޅުނުކުރައްވާ އެތައް ކަންބޮޑުވުމެއް މިފަހަރު ފާހަގަ ކުރެއްވުމުން، ސިޔާސީ ގޮތުން އިދިކޮޅު މީހުންނާއި އަލީ ހާޝިމް ބައިއަތު ހިއްޕަވާފައިވާކަމުގެ ތުހުމަތު ކުރައްވާފައެވެ.

 

އެމްއެމްއޭއިން ނަޝީދު ފެކްޝަނާ ބައިއަތު ހިފީތަ؟

މިހާރުގެ ގަވަރުނަރު އަލީ ހާޝިމްއަކީ ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަން ކޮށްފައިވަނީ ރައީސް ސާލިހު ރައީސްމަކާއި ހަވާލުވެވަޑައިގެންނެވުމަށް ފަހުއެވެ. އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

އަލީ ހާޝިމް އަކީ ނަޝީދުގެ ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން ނަޝީދުގެ އަރިސް ބޭފުޅެއް

ހަމަ އެއާއެކު، ފާހަގަ ކޮށްލާންޖެހޭ އަނެއް މުހިންމު ނުކުތާއަކީ ގަވަރުނަރު އަލީ ހާޝިމްއަކީ، އެމްޑީޕީގެ ރައީސް، އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްކަމެވެ. އަދި އޭނާ މަގާމަށް އައްޔަން ކުރެވިފައިވަނީ، މިސަރުކާރުގެ ފުރަތަމަ އަހަރު، ނަޝީދާއި ރައީސް ސާލިހާ ދެމެދު އޮތް ގުޅުން މިދައުރުގެ ތެރޭގައި ވަރަށް ރަގަޅަށް އޮއްވާކަމެވެ.

އެހެންނަަމަވެސް ފާއިތުވެދި އަހަރެއްހާ ދުވަހުގެ މުއްދަތުގައި ދެ ރައީސުންގެ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ގޯސްވެ، ދެބޭފުޅުން މެދުގައި، މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުންވެސް ދެބަޔަކަށް ބެހި، ޕާޓީ މިހާރު މަސައްކަތް ކުރަމުންދަނީ ދެ ފެކްޝަނެއްގެ ގޮތުގައެވެ. މިގޮތުން ސަރުކާރުގެ ވަޒީރުންގެ އިތުުރުން ކުންފުނިތަކުގެ އެމްޑީންނާއި އަދި އެމްޑީޕީގެ އެންމެ އިސްފަރާތްތައްވެސް މިހާރުވަނީ ދެ ރައީސުންގެ މެދުގައި ބެހި، އަބަޔަކު ތާއީދުކުރާ ފެކްޝަނެއްގައި މަސައްކަތް ކުރާން ފަށާފައެވެ.

އެހެންކަންމުން، ފާއިތުވެދިޔަ އަހަރުތަކުގެ ބަޖެޓަށް ރުހުން ދެއްވާ، ސަރުކާރަށް ފަހިވާގޮތަށް ލަފާ ދެއްވާފައިވާ އަލީ ހާޝިމް، 2023އަށް ލަފާކޮށް ސަރުކާރުން ހުސަހަޅާފައިވާ ބަޖެޓަށް ދެއްވި ލަފާފުޅުތައް މުޅިން ތަފާތު މިސްރާބަކަށް ހުރުމުން، ގިނަބަޔަކު މިހާރު ކުރާ ތުހުމަތަކީ އަލީ ހާޝިމް މަޖިލިސް ރައީސާއި ބައިއަތު ހިއްޕަވައިގެން ސަރުކާރަށް ދަތިކޮށް، ބަޖެޓް ފެއިލް ކޮށްލާ، ސިޔާސީ ވިސްނުމެއްގައި މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ.

އެހެންނަމަވެސް، އިގްތިސާދުގެ މަނިޓަރީ ޕޮލިސީ ތަންފީޒުކުރުމަށް އުފައްދާފަ އޮތް މިނިވަން މުވައްސަސާއަކަށް މިބީދައިން ސިޔާސީ ނުފޫޒު ފޯރާފައިވާކަމުގެ ތުހުމަތު ކުރެވިގެން ދިއުމަކީވެސް ނުރައްކާތެރިކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ. އަދި އެ މުވައްސަސާއިން ކުރަމުންދާ މަސައްކަތްތަކުންނާއި ދޭ ލަފާތަކުގައި ސިޔާސީ ކުލަޖެހި އެމަގުން މި މުހިންމު މުވައްސަސާ ދަތުރުކުރާން ފަށައިފިނަމަ، ސަރުކާރާ މި މުވައްސަސާއާދެމެދު އުފެދޭ ކޯޅުގައި، މިހާރުވެސް ދަރަންޏާއި، އިފްލޭޝަނާއި އަދި އެނޫނަސް އިގްތިސާދީ އެތައް ގޮންޖެހުމެއްގެ ތެރޭގައި އޮތް ގައުމު އެކީ އިނދަ ޖެހިގެން ދިއުމުގެ ނުރައްކާ އިންތިހާއަށް އޮތް ކަމުގައި ދަންނަވަން ޖެހެއެވެ.

އެ ދަރަޖައަށް ގައުމުގެ ހާލަތު ދިއުމުގެ ކުރިން، އެމްއެމްއޭއަކީ މިނިވަން މުވައްސަސާއެއްގެ ގޮތުގެ ދެމި އޮވެވޭނެ މަގެއް ފަހިކޮށް، އެކަން ޔަގީން ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ މައްޗަށް އޮތް ވަރަށްވެސް މުހިންމު ގާނޫނީ ވާޖިބެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ރައްޔިތުންނަށް ފައިދާހުރި ވާހަކައެއް ދައްކާލި ހިސާބުން ސަރުކާރު ވައްޓަން މަސައްކަތް ވައްޓާނެ ސަރުކާރެއް ނެތަސް ހެޔޮ ފިނޭންސް އެމް.އެމް.އޭގެ ވިސްނުން ސިޔާސީ ވުމަކީ މައްސަލައެއްނަމަ މަޖިލިސް މެމްބަރުން ސިޔާސީ ވުމަކީވެސް މައްސަލައެއް

Leave a Reply

Your email address will not be published.