މިއަހަރުގެ ޖުލައިމަހު ތައާރަފްކުރި ދިވެހި ރުފިޔާގެ ނިޝާނާއެކު 50 ރުފިޔާގެ އައު ނޫޓެއް އެމްއެމްއޭއިން ތައާރަފްކޮށްފިއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ވިދާޅުވީ، އަލަށް ޕްރިންޓުކުރި 50 ރުފިޔާގެ ނޫޓު މިއަދު ލޯންޗުކުރެވިފައިވާ ކަމަށެވެ. އެ ނޫޓުގެ ދެ ފަރާތުގައި އައު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.
އައު ޗާޕުގައި ބަދަލު އައިސްފައިވާ ކަންކަމުގެ ތެރޭގައި ނޫޓޫގެ ދެފަރާތުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނިފައި ވުމާއި، ގަވަރުނަރު އަލީ ހާޝިމްގެ ސޮއި ހިމެނިފައިވުން ހިމެނެއެވެ. އެ ނޫޓުގައި ޗާޕުކުރި ތާރީހަކަށް ޖެހިފައި ވާނީ އަށެއް ސެޕްޓެމްބަރު 2022 އެވެ. އެމްއެމްއޭއިން ވިދާޅުވީ ނޫޓު ދައުރުކުރުމަށް ނެރޭ ތާރީހް ފަހުން އިއުލާންކުރާނެ ކަމަށެވެ. މި ނޫޓާއެކު މިހާރު ބޭނުންކުރަމުން އަންނަ 50 ރުފިޔާގެ ނޫޓުތައްވެސް ދައުރުކުރާނެ ކަަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
Re-print of Rufiyaa 50 with the Maldivian rufiyaa symbol printed on both sides of the banknote launched today. pic.twitter.com/2xpcAUyVfk
— MMA (@MMA_Maldives) November 13, 2022
އެމްއެމްއޭ އިިން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ އެ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން 25 ސެޕްޓެންބަރު 2022 ގައި ރާއްޖެ ގެނެސް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.
އަލަށް ޗާޕުކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ