ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އިޤްތިޞާދީ ހެޔޮ މިސްރާބަކަށްދާތަން ރާއްޖޭގެ އިޤްތިޞޯދީ މީޓަރުން ދައްކާ ކަމުގައި ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ މިދައުރުގެ ތެރޭގައި ދިމާވި ގޮޮންޖެހުންތަކަކީ ޖުމްހޫރީ ތާރީހުގައިވެސް ދިމާވި އެންމެބޮޑެތި ގޮންޖެހުންތައްކަމަށެވެ. ކޯވިޑަކީ ދުނިޔޭގެ ފަހުގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުންކަން މުޅި ދުނިޔެވެސް ގަބޫލުކުރާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި 4 އަހަރުން 2 އަހަރަކީ، ޒަމާން ތަކުންވެސް ފެންނާން ނެތް ޢާލަމީ ވަބާއަކުން، ދުނިޔެ ބަނަކުރި ދެއަހަރު ކަމުގައެވެ. ސަރުކާރަށް އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ ފުރާނަކަމަށާއި، އެދަނޑިވަޅު އެންމެ އިސްކަމެއް ދިނީ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމުގައެވެ. ބަލިވެ، އެނދުމަތިވާ މީހުންގެ ފަރުވާ ފުރިހަމަކޮށް، ވެކްސިންގެ ރައްކާތެރިކަން މުޅިރާއްޖެއަށް ލިބިދިނުމަށް ކަމުގައެވެ. މި ބަނަކަމުގެ ތެރޭގާ، ޢަޒުމަކަށްވީ، ދައުލަތުގެ އެންމެ މުވައްޒަފެއްގެ ވަޒީފާއަށް، އަދި ލިބޭ އާމްދަނީ އަށް، އުނިކަމެއް އަޔަނުދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞޯދުގެ މައިގަނޑު ބަރޯސާ ވަނީ ފަތުރުވެރިކަމަށް ވާއިރު، އެދަނޑިވަޅުގައި ބޯޑަރު ބަންދުކުރަ މަޖުބޫރުވި ކަމަށް ރައީސް ވިދާޅުވިއެވެ.
އާމްދަނީ ހުއްޓި، ރަށްތަށް ތަޅުލާ، ފުރަމާލެ ފުރަބަންދަށް ލާންޖެހުނު. އެންމެނާ ކުރިމަތިވި ކުއްލި އުދާހާ ނުތަވަސްކަން އިންތިހާ. އެޙާލަތުގައިވެސް، ސަރުކާރުން ބެލީ ވިޔަފާރިތައް ހީނަރުވެ، ވަޒީފާތަށް ގެއްލި، އާމްދަނީ އުނިވި އެންމެންނަށް ސަރުކާރުން އެހީތެރިވެދިނުމަށް. ދިމާވި މިދެންނެވި ނާދިރު ޙާލަތުގެ ނާޒުކުކަން ކިތަންމެހާވެސް ބޮޑު. އެހެންނަމަވެސް، ކަރަންޓާ ފެން ބިލް ނުދެއްކިގެން ޚިދުމަތުން މަޙްރޫމްވި، އެއްވެސް ރައްޔިތަކު ރާއްޖޭގާ ނުހުންނާނެކަން، އެދުވަހު އަޅުގަނޑު ކަށަވަރު ކުރިން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބު ކޮށްފާ އޮންނަ ސަރުކާރެއްގެ ހަޤީގީ ޒިންމާއަކީ، އެ ބޮޑުބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވާ ސަރުކާރުން އުފުލުން ކަމަށެވެ. އެ ދުވަހު ސަރުކާރުން އެޒިންމާ ފުރިހަމައަށް އަދާކުރިކަން ރައީސް ވަނީ އުފަލާއިއެކު ފާހަގަ ކުރައްވާފައެވެ.
ކޯވިޑް 19 ވެގެން ދިޔައީ، އިޤްތިޞޯދީ ފުންވަޅަކަށް ޤައުމުތައް ސޮއްސާލި ސަބަބަކަށް ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރާ ރައްޔިތުންގެ މަސައްކަތުން، ރާއްޖެ މިވަނީ އޭގެ އެންމެ ފުންތަނުން އަރައިގަނެވިފައިކަމަށެވެ. ކޯވިޑް 19 ގެ ރިހޭ ފައިމައްޗަށް ވެއްޓުނު ފޮޔަކީ ރަޝިއާ ޔޫކްރޭން ހަނގުރާމަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެރޭން ޖެހިފާ މިވަނީ، ބަލިމަޑުކަމުގެ ފުން ވަޅުގަނޑުން، ހަނގުރާމައިގެ އަޑިގަނޑަށް ކަމަށެވެ.
މިއީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް. ރާއްޖެއަށްވެސް އޭގެ އަސަރު އެބަކުރޭ. ނަމަވެސް ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވަ. ރާއްޖެ ބަނގުރޫޓްވެ، އިޤްތިޞޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު، އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ. ނަމަވެސް ސަރުކާރު މިއޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ. އެފަދަ ކޮންމެ ހާލަތަކުން އަރައިގަތުމަށް އެހިނދަކަށް ބޭނުންވި ފިޔަވަޅެއް މިދަނީ އަޅަމުން. މިހާތަނަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން އިރާދަކުރެއްވީތީ އަރައިގަނެވިއްޖެ. އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިޤްތިޞޯދީ މީޓަރުން ދައްކަމުންއެބަދޭ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވާނީ އިސްކަން ދީފައި ކަމަށެވެ. މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞޯދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސް ވިދާޅުވީ ވާޞިލުވެވިފައިވާ ހުރިހާ ކާމިޔާބީއެއްގެ އެންމެ ވަރުގަދަ ސިއްރަކީ، އަޅުގަނޑުމެންގެ ތެރޭގާ މިހާރު މިއޮތް ހަމަޖެހުން ކަމުގައެވެ. އެންމެން އެކުގާ އެއް އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކޮށްފިނަމަ، ހުރަސްތައް ގިރާކުރެވި، ކުރިއެރުންތައް ޙާޞިލުކުރެވި މާ އުފާވެރި ފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.