މާފަންނު ސެންޑްރޯސް ގޭގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެއިވާއިރު، މިހާދިސާއިން 9 މީހަކު ސަލާމަތް ކޮށްފައިވާ ކަމުގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިގި ސަރަހައްދަށް މިއަދު ޒިޔާރަތްކުރައްވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިހާދިސާ ހިގި ގޭގައި ދިރިއުޅެމުން އައި 9 މީހަކު ސަލާމަތް ކުރެވި، އެންޑީއެމްއޭއިން އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމުގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު އިތުރަށް ވިދާޅުވީ ކައިރީގައި ހުރި ގެތަކަށް އަލިފާން ނުފެތުރި ހިފެހެއްޓުނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސިއުއިން ސަރަހައްދަށް ހާޒިރުވެސް ކުރިމަސައްކަތްތަކުން ކަމުގައެވެ.
ރައީސް ސާލިހު ވިދާޅުވީ އެމްޑީއެފްއަށް ރަގަޅު މަސައްކަތްތަކެއް ނުކުރެވުނުނަމަ އެ އަލިފާނުގެ ހާދިސާއަކީ މިއަށްވުރެ ބޮޑު ހާދިސާއަކަށް ވެގެން ދިޔައީސް ކަމުގައެވެ.
މިހާތަނަށް އަޅުގަޑުމެންނަށް އެގިފައިން ގޮތުން ވެއްޖެއްޔާ 10 މީހެއްގެ ފުރާނަ ގެއްލިފައި މިވަނީ. މީގެ ތެރޭގައި އަދި ނެޝަނަލިޓީ މުޅިން ކަށަވަރު ނުވިނަމަވެސް، ތިން ނެޝަނަލިޓީއެއްގެ މީހުން މިތަނުގައި އުޅުނުކަން އެބަ އެގޭ. އެއީ ބަންގްލަދޭޝް އިންޑިއާ ސްރީލަންކާ. މީގެ ތެރެއިން 9 މީހަކު ސަލާމަތް ކުރެވި އެންޑިއެންއޭގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އެބަ ގެންދޭ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
ރައީސް ސާލިހު ވިދާޅުވީ މިކަހަލަ ހާދިސާތައް ހިގިޔަ ނުދިނުމަށްޓަކާ ކުރާންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމުގައެވެ. އެގޮތުން އެންމެ ފުރަތަމަ ހައްލު ހޯދަންޖެހޭ މައްސަލައަކީ މާލެ ތޮއްޖެހިފައި އޮތް އޮތުމާއި، އަދި މާލޭގެ ދިރިއުޅުުގެ ހާލަތު ގޮތަށް ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އެއާއެކީގައި މާލޭގައި އިމާރާތް ކުރާއިރުގަ ބިލްޑިންގ ކޯޑު މިއަށްވުރެ ހަރުދަނާކުރެވި އެކިކަހަލަ މަސައްކަތްތައް އެކި ތަނުގަ ކުރެވޭކަހަލަ ގޮތަކަށް ކަންތައް ޖެހޭ އެބަ ބަދަލުވެގެން ދާންޖެހޭ ކަމަށާއި، މިއީ މާލެއަށް ހުރި ވަރަށް ބޮޑެތި ގޮންޖެހުންތައްކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެކަމަކު މީގެ ބައެއް ކަންތައްތައް ފެށިގެން ކުރިޔަށް ދާކަމަށާއި، އަދި ބައެއް ކަންތައްތައް ކުރެވިފައި އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާދިސާގައި 10 މީހަކު ވަރުވެފައިވާކަން މިހާރު ކަށަވަރު ކުރެވިފައިވީ ނަމަވެސް، މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ބެލެވެއެވެ. އަދި ފުލުހުން މިހާރުވެސް ދަނީ ގެއްލިފައިވާ ބައެއް މީހުން ހޯދަމުންނެވެ. މިގޮތުން ފުލުހުންވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން އެއްވެސް ޚަބަރެއް ނުވާ ބިދޭސީން މަޢުލޫމާތު ވީހާވެސް އަވަހަކަށް ފުލުހުންނަށް ފޯރުކޮށްދިނުމަށް އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަޑުތައްވަނީ ވަކިކުރަން ނޭގޭވަަރަށް އަދާފައެވެ. މަރުވި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުންނެވެ.