1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ދިވެހިންގެ ޣައްދާރު މަދު ބަޔަކާއި ބޭރުގެ ޓެރަރިސްޓުންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ ވާހަކަ ރާއްޖޭގެ ކިޔަވާ ކުދިންގެ މުޤައްރަރުގައި ހިމެނުމަށް ކުރީގެ ރައީސް، އަދި އެމްއާރުއެމްގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެންބަރު 3 ގެ އުދުވާނީހަމަލައާގުޅޭ ރަނގަޅު މައުޟޫޢީދިރާސާއެއް ހަދައި ކިޔަވާކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް ގޮވާލައްވާކަމަށެވެ.
ނޮވެންބަރު 3 ގެ އުދުވާނީހަމަލައާގުޅޭ ރަނގަޅުމައުޟޫޢީދިރާސާއެއް ހަދައި ކިޔަވާކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް އަޅުގަނޑުގޮވާލަން.
— Maumoon Abdul Gayoom (@maumoonagayoom) November 10, 2022
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކރުމަށް ރައީސް މައުމޫނުގެ ޕާޓީ އެމްއާރުއެމްއިން ވަނީ ރޭ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްވެސް ވާހަކަފުޅުދެއްކެވިއެވެ. މިއީ ނަސްރީނާ މިޙާދިސާއާ ގުޅިގެން ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ނަސްރުގެ ދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ 80ވަރަކަށް މީހުން ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެމީހުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. ރާއްޖެ ހިފުމެވެ. މި ހަމަލާ ދިންއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވީ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ޙަމަލާ ނާކާމިޔާބުކޮށްލައި ބާޣީންގެ މައްޗަށް ނަޞްރު ހޯދުމުގެ އެންމެ އިސް ކޮމާންޑަރަކީ ރައީސް މައުމޫމެވެ.
މިއުދުވާނީ ޙަމަލާގައި ކުށެއް ނެތް 19 ދިވެހިން ޝަހީދު ވިއެވެ. އޭގެތެރެއިން 8 ބޭކަލުންނަކީ ސިފައިންނެވެ.
3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.
ސިއްހަ އަޙްމަދު އިސްމާޢީލް މަނިކަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕައެވެ. މިހާރުގެ ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކުރުން ވަރަށް ފަނޑުގޮތެއްގައި ކުރިއަށް ގެންދާ ސަބަބަކީ އެއީކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެއެވެ.