1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދިއުމަށް 69.3 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާލުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ހުށައެޅުއްވި ޖަވާބުގައި މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، މައްކާ ހޮޓަލުގައި ހޭދަކުރި 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓަލަށް 39.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. އަދި މަދީނާ ހޮޓަލުގައި ހޭދަކުރި ދެ ދުވަހަށް 1.8 މިލިއަން ރުފިޔާ އެ ކޯޕަރޭޝަނުން ހޭދަކުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖު ދަތުރުގައި މުތައްވިފަށް ކުރި ހަރަދުގެ ޖުމްލަ އަދަދަކީ 10.6 މިލިއަން ރުފިޔާކަމަށްވެސް މިނިސްޓަރ ފޮނުއްވި ޖަވާބުގައިވެއެވެ.
އިސްލާމިކް މިނިސްޓަރުގެ ޖަވާބުގައި 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައި ނުވާނެކަމަށާއި، ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައި ނުވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ހައްޖު ދަތުރުގެ އެއާލައިން ޓިކެޓަށް 9.8 މިލިއަން ރުފިޔާ ހޭދަކުރިއިރު ކެއުމަށް 875،450.86 ރުފިޔާ ހޭދަކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިނިސްޓަރ ވަނީ 1443 ވަނަ އަހަރުގެ ހައްޖު މިޝަންގައި ހިމެނުނީ ފަސް މީހުން ކަމަށާއި އެ މީހުންނަށް ޖުމްލަ އެއް މިލިއަން ރުފިޔާ ހޭދަވިކަމަށްވެސް ވިދާޅުވެފައެވެ. މިނިސްޓަރ ހިއްސާކުރެއްވި ތަފާސް ހިސާބުގައިވާގޮތުގައި، 5 މީހުންގެ ދެކޮޅު ޓިކެޓަށް 148،278.72 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ހުރުމާއި ކެއުމަށް 762،364.80 ރުފިޔާ ހޭދަކޯށްފައިވާއިރު، ޕޮކެޓް މަނީގެ ގޮތުގައި ފަސް މީހުންނަށް 12،027.60 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އިމަޖެންސީ ހާލަތުގައި ހޭދަކުރުމަށް154،200 ރުފިޔާ ހަރަދު ކުރެވުނުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.