ރިޔާސީ ކެމްޕޭން ހަމައެކަނި ކުރަނީ ޕީޕީއެމްއިން، ވާދަވެރިން ތިބީ ހަނު، ހަގީގީ މަންޒަރެއް އަދި ނުފެނޭ!

ރިޔާސީ ކެމްޕޭން ހަމައެކަނި ކުރަނީ ޕީޕީއެމްއިން، ވާދަވެރިން ތިބީ ހަނު، ހަގީގީ މަންޒަރެއް އަދި ނުފެނޭ!

Author
ހުސެއިން
07 ނޮވެމްބަރ 2022 09:08
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ގާތްވެފައިވާއިރު، ގިނަ ސިޔާސީ ޕާޓީތަކަކުން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވީނަމަވެސް، މިހާތަނަށް ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އަދި ފެންނާންހުރީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް ޔާމިން ގިނިކަންޏާއެވެ.

އިދިކޮޅު ޕީޕީއެމްއިން ވާދަވެރި ޕަރައިމަރީއަކާ ނުލާ ރައީސް ޔާމިންއަށް ރިޔާސީ ޓިކެޓް ދިނުމަށްފަހު، ޝަރުޢީ ކޯޓުތަކުގައި، އެމަނިކްފާނުގެ މައްޗަށް ކުރިޔަށްދާ ޝަރީއަތްތަކާއެކުވެސް، އެމަނިކްފާނު ގެންދަވަނީ އެކި ރަށްތަކަށް ދަތުރުކޮށް، ބޮޑެތި ވައުދުތައް ވެވަޑައިގެން، ރިޔާސީ ކެމްޕޭން ފޯރީގައި ކުރައްވަމުންނެވެ.

ނަތީޖާއަކަށް ވެގެންދަނީ، ރައީސް ޔާމިން ވަޑައިގަންނަވާ ގިނަ ރަށްތަކަށް، ޕީޕީއެމްގެ އެޑްވާސް ޓީމުތައް ދަތުރުކޮށް، ޕާޓީގެ މެމްބަރުން ޔާމީނަށް މަރުހަބާ ކިޔުމަށް ނެރުމަށް ކުރާ މަސައްކަތްތަކާއި، ވާ ތައްޔާރީތަކާއެކު، ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ޔާމީނަށް ހޫނު މަރުހަބާއެއް ކިޔަމުންދާ މަންޒަރުތައް ފެންނަމުން ދިއުމެވެ.

ނަތީޖާއެއްގެ ގޮތުން، އިދިކޮޅު ލީޑަރަށް މަރުޙަބާ ދެންނެވުމަށް ބަނދަރުމަތީގައި ސަފު ދަމާލާފައި އޮންނަ މަންޒަރުތައް ފޮޓޯތަކުންނާއި އެނޫން ވަސީލަތްތަކުންވެސް އިސްތިހާރުކޮށް، އިދިކޮޅު ޕީޕީއެމްއަށް ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ވާނޭކަމަށް ކުރެވެމުންދާ އުއްމީދުވެސް އެޕާޓީގެ އެކްޓިވިސްޓުންގެ މެދުގައި އެތައް ގުނައަކަށް ބޮޑުވެގެން ދިއުންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ރިޔާސީ ކެނޑިޑޭޓު އިއުލާންކޮށް, ރިޔާސީ ކެމްޕޭން ކުރަމުންދާ ހަމައެކަނި ޕާޓީއަކީ އިދިކޮޅު ޕީޕީއެމް

އެހެންނަމަވެސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އެކަނި އޮތް އޮތުމާއި، ރައީސް ޔާމިންގެ މައްޗަށް ކުރިޔަށްދާ ޝަރީއަތާއި، ކުރިޔަށްހުރި ދައުވާތަކާއި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީކަމުގައިވާ އެމްޑީޕީގެ އެތެރޭގެ ކޯޅުމާއި، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން އަދިވެސް ސިޔާސީ ހަރަކާތްތަކާއި ދުރުގައި ތިބޭ ތިބުމާއި، ސިޔާސީ އެހެން އެއްވެސް ޕާޓީއަކުން ރަސްމީ ސިފައެއްގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައި ނުވާ ނުވުމުގެ މައްޗަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު، އިދިކޮޅު ޕީޕީއެމްއިން ރަށްރަށަށް ކުރަމުންދާ ކެމްޕޭންގެ ދަތުރުތަކުން ފެންނަމުންދާ މަންޒަރުގެ ތަރުޖަމާ ކުރާންޖެހޭނީ މުޅި އެހެން ނަޒަރިއްޔާތަކުން ކަމުގައި ދަންނަވާން ޖެހެއެވެ.

 

ރިޔާސީ ކެނޑިޑޭޓަކު އަދި ހުރީ އިދިކޮޅު ޕީޕީއެމްގައި އެކަނި!

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އަހަރަކަށް ގާތްވެފައި ވާއިރު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއާއި އެމްއާރުއެމްއާއި ފިޔަވާ ހަރަކާތްތެރި އެހެން ހުރިހާ ޕާޓީއަކުންވެސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ރައީސް ސާލިހުވެސް ހިމެނިވަޑައިގަންނަވާއިރު، ޖުމުހޫރީ ޕާޓީއާއި، ސަންޓްރަވަލް ޝިޔާމް ހިންގަވާ އެމްޑީއޭއާއި، ދާދިފަހުން އުފެއްދި އެމްއެންޕީވެސް ހިމެނެއެވެ.

އެހެންނަމަވެސް، މިއިން އެއްވެސް ޕާޓީއަކުން މިހާތަނަށް ރަސްމީކޮށް އެޕާޓީތަކުގެ ރިޔާސީ ޕްރައިމަރީ ބާއްވާފައި ނުވާއިރު، ސަރުކާރުން ހިންގާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޑިސެމްބަރުމަހު ބާއްވާނޭކަމަށް ނުރަސްމީކޮށް އެޕާޓީން ދަނީ ބުނަމުންނެވެ. އެމްއެންޕީން އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެހެންކަމުން، ބެލެވޭގޮތުގައި އަންނަ ޑިސެމްބަރުމަހަށްފަހު، ގިނަ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭ ކެނޑިޑޭޓުން ރަސްމީކޮށް ނިންމާ، ރިޔާސީ ކެމްޕޭން ފަށާނެއެވެ.

ހަމައެއާއެކު ފާހަގަވާން އޮތް އެންމެ މުހިންމު އެއްކަމަކީ، އެހާތަނާއި ހަމައަށް ދާއިރު، މިހާރު ކުރިޔަށްދާ ރައީސް ޔާމިންގެ ޝަރީއަތުގެ މިސްރާބުވެސް ސާފުވެ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކްފާނުގެ މައްޗަށް ހުކުމެއް އަންނާނޭކަން ނުވަތަ ނޫންކަން ޔަގީންވެގެން ދާނޭކަންވެސްމެއެވެ. މި ޝަރީއަތުގައި ރައީސް ޔާމިންގެ މައްޗަށް ހުކުމެއް އައިކަމުގައިވި ނަމަވެސް ނުވަތަ ދައުވާއިން ސާލާމަތްވި ނަމަވެސް، ކުރިޔަށް ހުރި އިސްތިއުނާފްގެ މަރުހަލާތަކާއެކު، ރިޔާސީ އިންތިޚާބުގެ ކެޕްމޭންގެ ފޯރު ކިތަންމެ ފޯރި ގަދަވެގެން ދިޔަނަމަވެސް، މި ޝަރީއަތުގެ ހިޔަނިން އެކީ ރައިސް ޔާމީނަށް މިންޖުވުމުގެ ފުރުސަތު މިދައުރުގެ ކުރިޔަށް އޮތްތަނުގައި ލިބިގެން ހިގައިދާނެ ކަމަކަށް ނުބެލެވެއެވެ.

ހިގަމުންދާ, ރައީސް ޔާމިންގެ ޝަރީއަތް ނިމިގެންދާ ގޮތަކުން އެޕާޓީން އާ ރިޔާސީ ކެނޑީޑޭޓަކު ނެރެން ޖެހުމަކީ އެކަށީގެންވާ ކަމެއް

ނަތީޖާއަކަށް ވެގެންދާނީ، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމިން ހުންނެވިހާ ހިދަކު، ކުރިޔަށްދާ ޝަރީއަތުން ހުކުމް އަދުތުވެދާނޭ ގޮތަކާއި ގުޅޭގޮތުން އޮތް ނުތަނަވަސްކަން ރިޔާސީ އިންތިޚާބާއި ހަމައަށް ދާއިރުވެސް ފިލައިގެން ނުދިއުމުގެ ފުރުސަތު އޮތުމެވެ.

އޭގެ އިތުރުން، އިދިކޮޅު ޕީޕީއެމްއިން މިހާރުވެސް ކުރަމުންދާ ރިޔާސީ ކެމްޕޭންގެ އެންމެ ވަރުގަދަ މޮޓޯއަކަށް އެޕާޓީން ހަދާފައިވަނީ، އެހެން އެއްވެސް ޕާޓީއަކާ ކޯލިޝަން ހެދުމަކާ ނުލާ ވެރިކަމަށް އައުންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި އެޕާޓީން އެކި ރަށްރަށަށް މިހާރު ކުރަމުންދާ ކެމްޕޭން ދަތުރުތަކުގައި، ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ވާ ތައްޔާރީތަކާއި، ބައެއް ރަށްރަށުގައި ރަގަޅު އަދަދަކަށް މީހުން ޖަމާވެ ފެންނަމުންދާ މަންޒަރުތަކާއެކު، އެޕާޓީއަށް ގިނިކަންޏާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމަށްވެސް އިދިކޮޅު ޕީޕީއެމްއަށް އޮތ ތާއީދު ބައެއް ފަރާތްތަކުން ދަނީ ތަރުޖަމާ ކުރަމުންނެވެ.

އެހެންނަމަވެސް މާޒީއަށް ބަލާއިރު، ރައީސް ނަޝީދު 2011 ވަނަ އަހަރު ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު، ޖެހިގެން އައި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެޕާޓީން ފުޅާ ދާއިރާއެއްގައި ހިންގި ސިޔާސީ ހަރަކާތަކާއެކު، އޭރު ނަޝީދަށް އޮތް ކަމަށް ފެނިގެންދިޔަ ބިޔަ ބޮޑު ތާއީދާއެކީވެސް އެޕާޓީއަށް ގިނިކަންޏާ ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިގޮތުން މިއަދު ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ރައީސް ޔާމީނަށް އޮތްކަމަށް ފެންނަމުންދާ ތާއީދާއި، އެއްވުންތަކަށް ޖަމާވާ މީހުންގެ ނިސްބަތަށް ބަލާއިރު، 2012 އަދި 2013ގައި އޭރު ރައީސް ނަޝީދުގެ މައްޗަށް އޮތްކަމަށް މީހުން ދެކެމުން އައި ބޭއިންސާފާ ދެކޮޅަށް ގިނަބަޔަކު ނިކުމެ، ނަޝީދަށް އޭރު އޮތްވަރުގެ ތާއީދެއް އަދިވެސް މިއަދުގެ އިދިކޮޅު ފަރާތްތަކަށް އުފެއްދިފައި ނުވާކަމަށް ގިނަބަޔަކު ދަނީ ގަބޫކުރަމުންނެވެ.

އެހެންކަމުން، ފާއިތުވެދިޔަ، 2013ގެ ރިޔާސީ އިންތިޚާބާއި އަދި އޭގެފަހުން އައި 2018ގެ ރިޔާސީ އިންތިޚާބަށް އެކަނި ބަލާއިރުވެސް، ދިވެހިރާއްޖޭގައި ގިނަބަޔަކު އެކުވެގެން ކުރާ ކެމްޕޭނަކުން މެނުވީ ރިޔާސީ އިންތިޚާބުގެ %50 އާއި އިތުރު އެއްވޯޓުގެ ތާއީދު އެއް ޕާޓީއަކަށް ހޯދައިގަނެވުމަކީ، ތަފާސް ހިސާބުތަކާއި، އަދި ސިޔާސީ ޚިޔާލުތަފާތުވުން މުޖުތަމަޢުގައި ހުރި ނިސްބަތަށް ބަލާއިރު މުސްތަހީލް ކަމެއްކަމުގައި އަދިވެސް ގިނަބަޔަކު ދަނީ ދެކެމުންނެވެ.

 

ވާދަވެރިން ތިބީ ހަނު، ހަގީގީ މަންޒަރެއް ނުފެނޭ!

ކުޅެވެމުންދާ ފުޓުބޯޅަ މެއްޗަކަށްވެސް ހަގިގީ ޝައުގުވެރިކަމެއް އުފެދިގެން އަންނަނީ ވާދަވެރި ދެޓީމަކުން ދަނޑަށް ނިކުމެ މެޗް ކުޅެން ފަށާހިސާބުންނެވެ. އަދި އެއީ ކުޅިވަރު މުބާރާތެއް ކަމުގައިވާނަމަ، ވާދަވެރި ޓީމުތަކުން އެ މުބާރާތެއްގައި ވާދަކުރާކަމަށް ވާނަަމައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ނިންމުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަންނަ ޑިސެމްބަރުމަހު ބައްވާނެކަމަށް ބެލެވޭ

މިބީދައިން ވިސްނާއިރު، ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޓީމުތަކުން އަދި މިހާތަނަށް އެ ޓީމުތަކުގެ ކުޅުންތެރިންވެސް ތައާރަފް ކޮށްފައެއް ނުވެއެވެ. ޓީމުތަކުން ކުޅެން ދަޑަށް އަރާފައެއްވެސް ނުވެއެވެ. ދަނޑުގައި ހަމައެކަނި ކުޅެމުންދަނީ އިދިކޮޅު ޕީޕީއެމްއިން ގިނިކަންޏާއެވެ. ނަތީޖާއެއްގެ ގޮތުން ފެންނާން އޮތީވެސް ހަމައެކަނި އިދިކޮޅު ޕީޕީއެމްއަށް އެކަނި އޮތިއްޔާ އޮތް ތާއީދެކެވެ.

ރައީސް ސާލިހުގެ ސަރުކާރުންވެސް، އަދި ކޯލިޝަންގައި އޮތް، މަހުޖަނު ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީންވެސް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އެއްވެސް ކެމްޕޭނެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. ނަތިޖާއެއްގެ ގޮތުން، މިއިން އެއްވެސް ޕާޓީއަކަށް ނުވަތަ، މިއިން އެއްވެސް ޕާޓީއަކުން ވާދަކުރާ ކެނޑިޑޭޓަކަށް އޮތް ތާއީދު ވަޒަން ކޮށްލާކަށް އަދި ފުރުސަތެއް ނެތެވެ.

އެހެންނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި، ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިސްވެ ދެންނެވުނު ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ޓީމުތައް ރުކުރުވާލާނެއެވެ. ސަރުކާރުންވެސް ރައީސް ސާލިހަށް ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ގަދަ ހިފުމަކަށް ކަމަރު ބަންނާނެއެވެ.

އާންމު އުސޫލުން، އެކި ބާވަތްބާވަތުގެ ނުފޫޒާއި، ފައިސާއާއި، އަދި އެނޫން ހުރިހާ ބާވަތެއްގެ މަންޒަރެއްވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިންވެސް ނުފެދި ނުދިއުމަކީ މުސްތަހޫލުކަމެއް ކަމުގައި ގަބޫލުކުރާންވެސް ޖެހެއެވެ.

އެހެންކަމުން، ގަބޫލުކުރާންޖެހޭ ހަގީގަތަކީ، ރައީސް ޔާމިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން، އެޕާޓީގެ އެކްޓިވިސްޓުންނަށް އަދި ފެންނަމުންދަނީ އަވާ މެންދުރެއް ކަމުގައި ގަބޫލުކުރުމުގެ ފުރުސަތު އޮތްކަމެވެ. ބައެއް ފަރާތްތަކުން އެއްބުރުން އެއް ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާކުރެވިދޭނޭކަމުގެ ހުވަފެން ދެކެންފެށި ނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނޭ ކެނޑިޑޭޓަކާއި ގުޅޭގޮތުން އެއްވެސް ބާވަތެއްގެ ހިސާބެއް އަދި ޖެހެން ނެތްކަމީ ކަށަަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.