1992 ވަނަ އަހަރު، ބްރެޒިލްގެ ރިއޯ ޑީ ޖެނިރޯގައި، ޔޫއެންއިން އިންތިޒާމް ކޮށްގެން ބޭއްވި، ދުނިޔޭގެ "އާރތު ސަމިޓު"ގައި، "ޔޫއެން ފްރމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (UNFCCC) ފާސް ކުރެވުނެވެ.
މި ޓްރީޓިގައި ދުނިޔޭގެ ގައުމުތަކުން ވަނީ، ތިމާވެއްޓަށް ގެއްލުން ހުރި ކަންކަމުގައި އިންސާނުން އަމަލްތައް މަދުކުރުމުގެ ގޮތުން "ގްރީން ހައުސް ގޭސް ޖައްވުގައި ޖަމާވަމުންދާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް" އެއްބަސްވެފައެވެ. މި ޓްރީޓިއަކީ މިއަދު ދުނިޔޭގެ 197 ގައުމުން ބަލައިގަނެ ތަސްދީގު ކޮށްފައިވާ ޓުރީޓީއެކެވެ.
1994ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން މި ޓްރީޓީއަށް އަމަލު ކުރަން ފެށިފަހުން، ކޮންމެ އަހަރަކުވެސް ޔޫއެންއިން ދަނީ ދުނިޔޭގެ ހުރިހާ ގައުމުތައް ކަހަލަ ގޮތަކަށް އެއްތަންކޮށް، "ކޯޕްސް" (ކޮންފަރެންސް އޮފް ޕާޓީސް)ގެ ނަމުގައި ބައިނަލް އަގުވާމި ފެންވަރުގެ ތިމާވެއްޓާބެހޭ ސަމިޓެއް ބާއްވަމުންނެވެ.
2019ވަނަ އަހަރު ނިމެމުން ދަނިކޮށް ދުނިޔެއަށް ކުރިމަތި ލާންޖެހުނު ކޯވިޑް19ގެ އާލަމީ ވަބާއާއިގެ ސަބަބުން ނޫންނަމަ، މިއަހަރު ބޭއްވިގެންދާ ސަމިޓް ވެގެން ދިޔައީހީ، މިގޮތުން ބޭއްވިގެންދާ 28 ވަނަ ސަމިޓަށެވެ.
މިގޮތުން 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ބޭއްވިގެންދިޔަ ކޯޕް 26 ސަމިޓް ވެގެންދިޔައީ ފަހުގެ އަހަރުތަކުގައި ބޭއްވިގެންދިޔަ، ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިގެންދިޔަ، އެހެންނަމަވެސް ކާމިޔާބު ނޫން ސަމިޓެއްގެ ގޮތުގައެވެ. މި ސަމިޓްގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދިޔައީ 2015ވަނަ އަހަރު ބޭއްވުނު ޕެރިސް ބައްދަލުވުމުގައި ކަޑައެޅި އަމާޒުތަކަށް ވާސިލްވުމަށްޓަކާ ސިޔާސަތުތައް ކަޑައެޅުމެވެ. އެއީ މި ގަރުނުގައި ދުނިޔެ ހޫނުވާ މިންވަރު 2 ޑިގްރީއަށްވުރެ ދަށުގައި (އެންމެ ރަގަޅު މިންވަރަކީ 1.5) ހިފަހެއްޓުމެވެ. އަދި އެ ސަމިޓް ވެގެންދާނީ މި އަމާޒަށް ވާސިލްވުމަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތު ކަމުގައިވެސް ދުނިޔޭގެ ސައިންސްވެރިން ދިޔައީ ބުނަމުންނެވެ.
އެހެންނަމަވެސް، ކޯޕް26 ސަމިޓްގެ ނާކާމިޔާބީއާއެކީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކަޑައަޅާންޖެހޭ ސިޔާސަތުތަކާއި ކުރާންޖެހޭ މަސައްކަތްތައް އެކަށައަޅާ ތަންފީޒު ކުރުމަށް އެއްބަސްވުމަށް ދުނިޔޭ ގައުމުތަކުންނާއި ތިމާވެށީގެ ޖަމިއްޔާ ޖަމާއަތްތަކުން އަނެއްކާވެސް މިވަނީ، ކޯޕް ސަމިޓްގެ 27 ވަނަ ސިލްސިލާއަށް، މިސްރުގެ އައްސޭރިފަށުގެ ރިސޯޓެއް ކަމުގައިވާ ޝަރުމުއްޝައިޚް ރިސޯޓަށް އެއްވެއެވެ. ކޯޕް 27 ކުރިޔަށްދާނީ މިމަހުގެ 6 އިން 8 ވަނަ ދުވަހަށެވެ.
ރާއްޖެއިން ސަމިޓަށް ނާއިބު ރައީސާއި ނަޝީދު، ނަޝީދު ތަމްސީލު ކުރައްވަނީ ސްރީ ލަންކާ!
މިސްރުގެ ޝަރުމުއްޝައިޚް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕް 27 ސަމިޓަށް ދުނިޔޭގެ އެތަން މިތަނުން މިހާރުވަނީ އެތައް ހާސް މީހުން މިސްރަށް ދަތުރު ކޮށްފައެވެ.
މިގޮތުން ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮވެފަ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުންވާ ފަންޑުތައް ކަށަވަރު ކުރުމާއި، އަދި ދުނިޔެ ހޫނުވަމުންދާ ދިއުމުން ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަމާމަތްކުރުމަށް މިފުރުސަތު ރާއްޖެއަށް އަބަދުވެސް ވެގެންދަނީ މުހިންމު ފުރުސަތަކަށެވެ.
އެހެންނަކަމުން ކޮންމެ އަހަރަކުވެސް މި ސަމިޓްގައި ރާއްޖޭ ތަމްސީލު ކުރަނީ މަތީ ފެންވަރުގެ ވަފުދަކުންނެވެ. ފާއިތުވެދިޔަ އަހަރުގެ މި ސަމިޓަށް ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއެވެ. އަދި މިއަހަރުގެ ސަމިޓަށް ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުން ނާއިބު ރައީސް ފައިސަލް ނަސީމު ބައިވެވަޑައިގަންނަވާއިރު، ރާއްޖޭގެ ވަފުދުގެ ބޭފުޅެއްގެ ގޮތުގައި ނުހިމެނި، އެހެންމަވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިހާރުވަނީ މި ސަމިޓަށް މިސްރަށް ވަޑައިގެންފައެވެ.
ނަޝީދު މި ސަމިޓަށް ފުރާވަޑައިގެންނެވުމާއެކު، ރައްޔިތުންގެ މަޖިލިހުން އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަޖިލިސް ރައީސް ނަޝީދު މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވަނީ އަވައްޓެރި ސްރީ ލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އަދި ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް: ޕްލޭނިގ ދަ ވޭ ފްރޮމް ވަލްނަރެބްލިޓީ ޓު ޕްރޮސްޕެރިޓީގައި މަޖިލިސް ރައީސް ބައިބެރިވެވަޑައިގަންނަވާނޭ ކަމަށްވެސް މަޖިލިސް އިދާރާއިން ވިދާޅުވެފައި ވެއެވެ. މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެ ކަމަށްވެސް މަޖިލިސް އިދާރާއިން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، މި ސަމިޓުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާ ތަމްސީލު ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކު، އެހެން ގައުމެއްގެ ޕްލެޓް ފޯމުގައި ހުންނަވައިގެން އަމިއްލަ ގައުމު ތަމްސީލު ކުރައްވާނޭ ގޮތެއް، ނުވަތަ އަމިއްލަ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހިމާޔަތުގައި ވަކާލާތު ކުރައްވާނެ ގޮތެއް މަޖިލިސް އިދާރާއިން ހާމަ ކޮށްފައެއް ނުވެއެވެ.
އަދި އަމުދުން ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ހުންނަވާ، ދިވެހިރާއްޖޭގެ ވަފުދެއް މިސަމިޓަށް ދިއުމާއެކީވެސް، އަމިއްލަ ގައުމު ތަމްސީލު ނުކުރައްވާ، އެހެން ގައުމެއް ތަމްސީލު ކުރައްވަން ސަމިޓަށް ވަޑައިގަތުމުން ސޯޝަލް މީޑިއާގައާއި އެހެން ޕްލެޓްފޯމުތަކުގައިވެސް ގިނަބައެއްގެ ފާޑުކިއުން ނަޝީދަށް އަމާޒުވެގެން ގޮސްފައިވާކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
އޭގެ އެއް ސަބަބަކަށް ވެގެން ދަނީ، ދައުލަތުގެ އެންމެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަކީ، އެބޭފުޅުން މަގާމްތަކުގައި ތިއްބަވާއިރު، މަގާމްގެ ހައިސިއްޔަތުންނާއި އަދި އެނޫން ގޮތްގޮތުންވެސް ގައުމާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެއްވުމުގެ ގާނޫނީ ޒިންމާއާއި ހަވާލުވެ ވަޑައިގެން ތިއްބަވާ ބޭފުޅުންކަމުގައި ވަތީވެސްމެއެވެ.
ސަބަބަކީ، ކޮނެމް ގައުމެއްގެ ޕްލެޓް ފޯމުގައި ހުންނަވައިގެންނަމަވެސް، ދައުލަތުގެ އިސްވެރިއަކު ދައްކަވާ ވާހަކަފުޅުތަކާއި، ކުރައްވާ ކަންކަމާއި، އަދި އެނޫން ހުރިހާކަމަކުންވެސް، ދިވެހިރާއްޖެ ތަމްސީލުވެގެން ދާނެތީއެވެ. ދިވެހިރޭއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ހަމަޖެހިފައި އޮތްގޮތުން، ދައުލަތުގެ ތިންބާރުގައި ތިއްބަވާ އިސް ތިން ބޭފުޅުންނަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ބޭފުޅުންކަމުގައި ވާތީއެވެ. ވެރިކަން ހިންގާ ބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއާއި، ގާނޫނުހަދާ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިހުގެ ރައީސްއާއި، ޝަރީއަތް ކުރުމުގެ ބާރު ކަމުގައިވާ އުއްތަމަ ފަނޑިޔާރަށްވެސް އޮންނާނެ އެންމެ މަތީ މަސްލަހަތަކީ އަދި ޒިންމާއަކީ މަގާމުގައި ދެމި ތިއްބަވާހާހިދަކު އަމިއްލަފުޅު ގައުމު ތަމްސީލު ކުރެއްވުމެވެ.
ޖަވާބު ބޭނުންވާ ބޮޑު ސުވާލެއް!
ތާރީޚަށް ބަލާއިރު، ގައުމެއްގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު، އަދި އަމުދުން ދައުލަތުގެ އެންމެ އިސް އެއް ވެރިއެއްގެ މަގާމުގައި ހުންނަވައިގެން، ބައިނަލްއަގުވާމީ ފޯރަމެއްގައި އެހެން ގައުމެއް ތަމްސީލު ކޮށްފައިވާކަން އެގޭކަށް ނެތެވެ.
އެހެންކަމުން މި ބީދައިން ބަލާއި، ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު، މިސްރުގައި އޮންނަ ކޯޕް 27 ސަމިޓްގައި ސްރީ ލަންކާ ތަމްސީލު ކުރެއްވުން މިއީ މި ނިސްބަތުން ބެލި ކަމުގައިވި ނަމަވެސް ވެގެންދާނީ އާދަޔާއި ޚިލާފް ކަމަކަށެވެ.
އަދި އަމުދުން ތިމާވެށިފަދަ، ރާއްޖެއަށް ނާޒުކު އަދި އެހާމެ މުހިންމު މައްސަލައެއްގައި، މިފަދަ މުހިންމު ސަމިޓެއްގައި ރާއްޖެ ތަމްސީލު ނުކޮށް، އެހެންގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރައްވަން މަޖިލިސް ރައީސަށް ޖެހިވަޑައިގަތް ސަބަބަކީ ހަގީގަތުގައިވެސް، މިމައްސަލާގައި ގިނަބައެއްގެ ހިތުގައި ޖަވާބު ބޭނުންވާ އެތަކެއް ސުވާލުތަކެއް އުފެދިގެން ގޮސްފައިވާ، އޭގެ ޒާތުބައި ބޮޑު މައްސަލައެއް ކަމުގައިވެސް ދަންނަވާން ޖެހެއެވެ.
އަދި ނަޝީދަކީ ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ފާއިތުވެދިޔަ ތަނުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވެފައި، ދުނިޔޭގައި ބޭއްވިގެންދާ، ތިމާވެއްޓާއި ގުޅުންހުރި އެންމެ ބޮޑު ސަމިޓުގައި ސްރީ ލަންކާ ތަމްސީލު ކުރައްވަމުން، ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރައްވާނީ ކިހިނަކުންތޯވެސް ގިނަބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
އެހެންނަމަވެސް ގަބޫލުކުރާންޖެހޭ އެއް ހަގީގަތަކީ، ކޮންމެފަދަ ހާލަތެއްގައިވެސް، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު، ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެން ބައްދަލުވުމުގައި، ރާއްޖޭގެ ތިމާވެށި ވާހާލެއްގައި ވާން ދޫކޮށްލެއްވުމަށްފަހު، އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ އެއްވެސް ހާލަތެއްގައި ގިނަބަޔަކަށް ބަލައިގަންނަން ބޭނުންވާ ކަމަކަށް ވެގެން ނުދާނެ ކަމެވެ.
One Response
ޜައީސް ނަސިދަކީ ދިވެހިންނަން ހުރިބަލާ މުސީބާތެން