ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ރަޝީދުގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް މިރޭ ޖަނާޒާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ގެންދިޔައި މިދިޔަ މަހު 31 ގައެވެ. ހަށިގަނޑު ރާއްޖެ ގެނަސް ވަޅުލަނީ މިއަދު މަޢްރިބް ނަމާދަށް ފަހުއެވެ. ކަށުނަމާދުކުރުން އޮންނާނީ އާސަހަރާ މިސްކިތުގައެވެ. ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ ރަށު އުމުރުން 43 އަހަރުގެ ރަޝީދު ނިޔާވީ، ހަމަ އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން މިހާރު އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.
ރަޝީދު ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައެވެ. ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.
އޭނާގެ އާއިލާއިން މީގެ ކުރިން ބުނެފަައި ވަނީ ޕޯސްޓްމޯޓަމް ހަދައިފި ނަމަ، އާއިލާއިން ހަށިގަނޑާ ހަވާލު ނުވާނެ ކަމަށެވެ. ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލުމުގެ ކުރިން މޯޗަރީގައި ބާއްވައިގެން އާއިލާ އަށް މޫނު ވެސް ދެއްކިއެވެ.
ކޮމެންޓު ފޮނުވާ