ދިވެހި އަސްކަރިއްޔާއަށް ތަޢުލީމީ ޒުވާނުންގެ ބޭނުން ވަރަށްބޮޑުކަމަށާ، ޒުވާނުން އަސްކަރީ ޚިދުމަތާ ގުޅުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.
މިނިސްޓަރ މާރީޔާ މިކަމަށް ގޮވާލެއްވީ އިއްޔެ ހަވީރު، ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ޙަރަކާތް، ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ 3 ނޮވެމްބަރުގެ ޢުދުވާނަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޙާދިސާކަމުގައެވެ. މިއަދުގެ ޙާލަތަށް ބަލައިރު މިއަދުވެސް ޤައުމަށް ހުރި ސަލާމަތީ ގޮންޖެހުންތައް ވަރަށްވެސް ގިނަކަމަށާ، މިއަދުގެ ދިވެހި އަސްކަރިއްޔާ ބިނާކުރަމުންދަނީ އެކަންކަމާ ކުރިމަތިލުމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޤައުމީ ޚިދުމަތުގައި ތިބޭ ބައެއްކަން އަބަދުވެސް ސިފައިން ހަނދާންކުރަންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ތަޢުލީމީ ޒުވާނުންގެ ބޭނުން ސިފައިންގެއަށް ވަރަށް ބޮޑުކަމަށާ، ޒުވާނުން އަސްކަރީ ޚިދުމަތާ ގުޅުމަކީ ވަރަށްބޮޑު އެދުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޮޑު ތިލަދުންމައްޗަކީ ބޮޑު ތަކުރުފާނާއި، ޝަހީދު ޙުސައިން އާދަމްފަދަ ހިތްވަރުގަދަ އެތައް ދިވެހި އަބުޠާލުން އުފައްދާފައިވާ ތަނެއްކަން ދިވެހިތާރީޚުން ހެކިދޭކަމަށާ، ފަޚުރުވެރި ނަޞްރުގެ ދުވަހު ކޮންމެ ދިވެއްސެއްގެ ވެސް ހަނދާނަށް އަންނަ އެންމެ ޚާއްޞަ ނަމަކަށްވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްކަން މާރިޔާ ފާހަގަކުރެއްވިއެވެ.
"މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި ފެއްސާއި ރަތާއި ހުދުގެ ފަޚުރުވެރި ޤައުމީ ދިދަ ވިހުރެމުން އެދަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ ބަޠަލުންގެ ޤައުމީ ފިދާގެ ހަނދާންތައް އާކޮށްދެއްމުން. މި ޤައުމަށްޓަކައި އެ ބޭފުޅުން ވެފައިވާ މަތިވެރި ޤުރުބާނީގެ ޒިކުރާ ކިޔައިދެމުން." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ 1988 ގެ ފަހުން ޤައުމުގެ ދިފާޢާއި ސަލާމތީ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށިކަމަށެވެ.
މިގޮތުން ކުރެވިފައިވާ މަސައްކަތްތަކާއެކު މިއަދުގެ ދިވެހި ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށެވެ. އަދި ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލާތް ސަރުކާރުން މިދަނީ ހޯދާދެމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޝަހީދު ހުސެން އާދަމްގެ ފަޚުރުވެރި މައިންބަފައިންނާއި ޢާއިލާއަށް ދިވެހި ރައްޔިތުންގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރައްދުކުރައްވާފައެވެ.