ޔޫ.އެސް.އެއިޑްގެ އެހީގެ ދަށުން ޓްރާސްޕޭރެންސީ މޯލްޑިވެސް އިން ކުރިއަށް ގެންދާ "ޕްރޮމޯޓިން ރެސިލިއެންސް އިން ދަ މޯލްޑިވްސް (ޕްރައިމް)" ޕްރޮގްރާމުގެ ސަބްގްރާންޓްގެ ދަށުން، ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުވަދޫ އެއިޑުން ހިންގަމުންދާ ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ލައިފްސްކިލްސް އެންޑް ޕިއަރ އެޑިޔުކޭޝަން ޓީ.އޯ.ޓީ (ޓްރެއިނިން އޮފް ޓްރެއިނާސް) ޕްރޮގްރާމް އެއް މިމަހު 27 އިން 29 އަށް ގދ. ހޯޑެއްދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މިރަށްރަށުން ޖުމްލަ 22 ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމަކީ ރަށުފެންވަރުގައި ޒުވާނުންނަށް އަމާޒުކޮށް ލައިފް ސްކިލްސް ޕްރޮގްރާމްތައް ހިންގާނެ ޓްރެއިނަރުން ތަމްރީނުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. މިގޮތުން މިތަމްރީން ފުރިހަމަކުރި ޓްރެއިނިނަރުންގެ އެހީތެރުކަމާއި އެކު ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގައި ކޮމިޔުނިޓީ ބޭސްޑް ލައިފްސްކިލްސް ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މިޕޮރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ޖަމްއިއްޔާތައް އަދި އެހެނިހެން މުއައްސަސާތައް ގުޅިގެންނެވެ.
ލައިފްސްކިލްސް ޓީ.އޯ.ޓީ ޕްރޮގްރާމް ނިންމުމުގެ ރަސްމީޔާތު ޝަރަފްކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ގދ. ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝެވެ. ހުސައިން ވާރިޝް ގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާއި، ހުވަދޫ އެއިޑް އިން ކުރަމުންދާ މަސައްކަތަށް ޝުކުރު ދެންނެވިއެވެ.
ލައިފްސްކިލްސް ޓީ.އޯ.ޓީގެ އިތުރުން މިޕްރޮޖެކްޓްގެ ދަށުން ސިވިކް އެޑިޔުކޭޝަން، ސައިކޯ ސޯޝަލް ސަޕޯޓް އަދި ވޮކޭޝަނަލް އެޑުކޭޝަން ޕްރޮގްރާމްގެ އަދި ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ. ލައިފް ސްކިލްސް ޓީ.އޯ.ޓީ އަކީ މިޕްރޮޖެކްޓްގެ ދަށުން ބޭއްވުނު ދެވެނަ ހަރަކާތެވެ. މީގެ ކުރިން ހޯޑެއްދޫ ކައުންސިލުގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކަށްވެސް މިޕރޮޖެކްޓްގެ ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހުވަދޫ އެޑަކީ މީގެ ކުރިންވެސް ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، އަދި ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔަތަކުން ޖަމްއިއްޔާއެއްކަން ފަހަގަކުރެވެއެވެ.