ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކު ހޮވުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލަރ ނަޙުލާ ޢަލީ ވާހަކަތަކެއް ދައްކަމުން ގެންދާކަމަށް ތުހުމަތުކޮށް ޕީޕީއެމް/ޕީއެންސީން އެކަން ކުށްވެރިކޮށްފިއެވެ.
ޕީޕީއެމް/ ޕީއެންސީ ދާއިރާ އިންތިޚާބު ބާއްވަން ނިންމާފައިވަނީ، މިމަހުގެ 5ވަނަ ދުވަހުއެވެ. އެކޯލިޝަންގެ ދާއިރާ އިންތިޚާބުގައި އެތެރޭގެ މަސްލަޙަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން ގެންދާކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރެއެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުންވެސް މި އިންތިޚާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއްވެސް ދަނީ ކުރަމުންކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރެއެވެ.
އެޕާޓީގެ ނުވަތަ ޕީޕީއެމް/ޕީއެންސީގެ އޭގެތެރޭގެ އިންތިޚާބުގައި، ޕީ.ޕީ.އެމްގެ މެންބަރު ކަމުން ވަކިކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލޭ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރ ނަޙުލާ ޢަލީ މި އިންތިޚާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމާއި، އަދި ޕާޓީގެ ރައީސް ގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރުމާއި، މީހުންނާ ބައްދަލުކުރުމާއި، އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާކަން ފާހަގަވާކަމަށްވެސް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވެއެވެ.
"އެހެންކަމުން ނަޙުލާ ޢަލީގެ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ނަޙުލާ ޢަލީ އަށް މިކޯލިޝަންގެ އެތެރޭގެ ކަންކަމާއި ބެހި ބަސް ބުނުމުގެ ޙައްޤު އެއްގޮތަށްވެސް ލިބިގެނެއް ނުވާނެއެވެ. ނަޙުލާ ޢަލީ އާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ޕާޓީއެއްގެ މެންބަރަކަށް ނުވާ ފަރާތްތަކުން ވަކި ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތްކޮށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަތއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ."ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައިވަނީ މިގޮތަށް ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ބަލައިނުގަތުމަށް މިކޯލިޝަންގެ ދެ ޕާޓީގެ މެންބަރުންނަށްވެސް އިލްތިމާސް ކުރާކަމަށެވެ.
ކޮމެންޓު ފޮނުވާ