ނަޞްރުގެ ދުވަހަކީ އޭ، ކެޓަގަރީގެ ދުވަހެއް: ތަރުޖަމާނު

ނަޞްރުގެ ދުވަހަކީ އޭ، ކެޓަގަރީގެ ދުވަހެއް: ތަރުޖަމާނު

Author
ޢަލީ އާދަމް
02 ނޮވެމްބަރ 2022 01:38
0

ނަޞްރުގެ ދުވަހަކީ ފަހުގެ ތާރީޚުގައި އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި، އެތައް އަބްޠާނުންނެއް ޝަހީދުވެދިޔަ ދުވަހެއްކަމަށާ، އެއީ އޭ ކެޓަގަރީގެ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުގައެވެ. މިސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކުރުން ފަނޑުކޮށްފައި އޮތްކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު މިއަދު ސުވާލުކުރިއެވެ. އެސުވާލުގައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިދުވަސް ބީ ކެޓަގަރީގެ ދުވަހެއްކަމަށް ކަނޑައަޅައި ކުރިން ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް ސުވާލުކޮށްފައެވެ. މި ސުވާލަށް ވަރަށް ކުރުކޮށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އެއީ މުހިންމު ދުވަހެއްކަމަށާ، އެއީ އޭ ކެޓަގަރީގެ ދުވަހެއްކަމަށެވެ.

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއާއިން، ދުވަހައި ގުޅޭ އެއްވެސް ޕްރޮގުރާމެއް ނުދައްކާ ގޮތަކަށް ޝެޑިއުލް ނެރުމަށްފަހު ކުއްލިއަކަށް ނަސްރުގެ ދުވަހުގެ ޕްރޮގުރާމެއް ދައްކަން ނިންމިއެވެ. ދައުލަތުގެ މީޑިއާ ޓީވީއެމްއިން އެދުވަހަށް ނެރުނު ޝެޑިއުލްގައި ދުވަހައި ގުޅޭ ޚާއްސަ އެއްވެސް ޕްރޮގުރާމެއް ހިމަނާފައިނުވެއެވެ. މިކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އޭނާ ޕީއެސްއެމްއާ ހަވާލުވެ ވަޑައިގެންނެވީއްސުރެ ނަސްރުގެ ދުވަހަކީ "ބީ ކެޓަގަރީ" ގެ ދުވަހެއް ކަމަށެވެ.

ނަސްރުގެ ދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ 80ވަރަކަށް މީހުން ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެމީހުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. ރާއްޖެ ހިފުމެވެ. މި ހަމަލާ ދިންއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވީ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ޙަމަލާ ނާކާމިޔާބުކޮށްލައި ބާޣީންގެ މައްޗަށް ނަޞްރު ހޯދުމުގެ އެންމެ އިސް ކޮމާންޑަރަކީ ރައީސް މައުމޫމެވެ.

މިއުދުވާނީ ޙަމަލާގައި ކުށެއް ނެތް 19 ދިވެހިން ޝަހީދު ވިއެވެ. އޭގެތެރެއިން 8 ބޭކަލުންނަކީ ސިފައިންނެވެ.

3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.

ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕައެވެ. މިހާރުގެ ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކުރުން ވަރަށް ފަނޑުގޮތެއްގައި ކުރިއަށް ގެންދާ ސަބަބަކީ އެއީކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.